ބޮލީވުޑް

ދަރިން ލިބުމުން ގޭގައި އިންނާށޭ މީހުން ބުނި: މާދުރީ

މާދުރީ ޑިކްޝިޓްގެ އޯޓީޓީ ފިލްމު "މަޖާ މާ" ވަރަށް ފަހުން ރިލީޒްކޮށްފައިވާއިރު ފިލްމު ބެލި ގިނަ ބަޔަކު ދަނީ އެ ފިލްމުގައި މާދުރީ ކުޅެފައިވާ ރޯލަށް ވަރަށް ބޮޑަށް ތައުރީފުކުރަމުންނެވެ.

އާނަންދް ދިވާރީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ދައްކަނީ ނެށުމަށާއި ކެއްކުމަށް މޮޅު އަންހެނެއްގެ ކައިވެނީގެ ހަޔާތުގައި ދިމާވާ ކަންތައް ތަކެކެވެ. އަދި އޭނާ ސިއްރުކޮށްގެން އުޅޭ ބައެއް ކަންކަމެވެ.

މާދުރީ އަކީ ހިންދީ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ އެންމެ މޮޅު ނެށުންތެރިންގެ ތެރޭގައި ހިމެނޭ ކުޅަދާނަ ނެށުންތެރިއެކެވެ. އަދި އެހާމެ މޮޅު އެކްޓަރެކެވެ. ނަމަވެސް ކައިވެންޏަށްފަހު ދަރިން ލިބުމުން އޭނާ އަލުން ނަށާފާނެ ކަމަކަށް ގިނަ ބަޔަކު ގަބޫލެއް ނުކުރި އެވެ.

މާދުރީ ބުނި ގޮތުގައި މީހުންނަށް ހީވެފައި އޮތީ ދަރިން ލިބުމުން ދެން އޭނާ ދުވަހަކުވެސް ނުނަށާނެ ކަމަށެވެ. ނަމަވެސް "ދޭވްދާސް" ކުޅެގެން އޭނާ ވަނީ މިއީ ކުށް ހީއެއްކަން ސާބިތުކޮށްދީފަ އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި މާދުރީ ބުނީ އިންޑިއާގެ ބަތަލާއިންނަށް މި މައްސަލަ ވަރަށް ބޮޑަށް ދިމާވާ ކަމަށެވެ. ކައިވެނި ކުރުމަށްފަހު މީހުން އެ ބަތަލާ އަކާ މެދު ދެކޭ ގޮތް ވަރަށް ބޮޑަށް ބަދަލުވެ އެވެ.

"ބައެއް މީހުން ބުނޭ މިހާރު ތީ މަންމައެކޭ. ކީއްކުރަންހޭ ދެން ނަށަނީ؟ ގޭގައި ރީއްޗަށް އިނދެގެން ދަރިން ބަލާށޭ،" މާދުރީ އޭނާގެ ތަޖުރިބާ ކިޔައިދެމުން ބުންޏެވެ.

މާދުރީ ބުނި ގޮތުގައި މީހުން ނުބުންޏަސް ކައިވެނިކޮށްގެން ދަރިން ލިބުމުން ފިރިމީހާ އާއި ދަރިން އަދި ގޭގެ ހުރިހާ ޒިންމާއެއް ވެސް އަންހެނުން އުފުލަ އެވެ. ނަމަވެސް ކޮންމެ އަންހެނެއްގެ ވެސް އަމިއްލަ އައިޑެންޓިޓީ އަކާއި ޝަޚްސިއްހަތެއް ވެއެވެ. އަދި އެ މީހުން ވެސް ކުރާހިތްވާ ކަންތައްތަކަކާއި ޖަޒުބާތުތަކެއް ވެސް ވެއެވެ.

ހަމައެކަނި އާއިލީ ކަންކަމަށް ސަމާލުކަން ދިނުމުގެ އިތުރުން ވެސް އެމީހުން ދިރިއުޅުމުން ހާސިލުކުރަން ބޭނުންވާ އެތައް ކަމެއް ހުރެ އެވެ. ނަމަވެސް ގެވެހި އަންބަކަށް ވެއްޖިއްޔާ މީހުން އެމީހަކާ ދޭތެރޭ ދެކޭ ގޮތް ތަފާތުވާ ކަމަށް އޭނާ ބުންޏެވެ.

މަންމައަކަށް ވުމަށްފަހު އެނބުރި ފިލްމީ މަސައްކަތަށް އަންނަން މީހުން ހިތްވަރު ނުދޭ ކަމަށް އިހްސާސް ކުރެވޭތޯ ސުވާލުކުރުމުން މާދުރީ ބުނީ އެގޮތަށް އިހްސާސް ކުރެވޭ ކަމަށެވެ. އޭނާ އަލުން ފިލްމު ކުޅެން ފަށައި ރަނގަޅު މަސައްކަތްތަކެއް ކުރަން ބޭނުންވީ މިވިސްނުން ބަދަލު ކުރެވޭތޯ އެވެ.

މަދުން ނަމަވެސް ފިލްމު ކުޅުމުގެ އިތުރުން މިހާރު މާދުރީ ގިނައިން ފެންނަނީ ރިއަލިޓީ ޝޯ "ޖަލަކް ދިކްލާޖާ"ގެ ޖަޖެއްގެ ގޮތުގައި ކަރަން ޖޯހަރް އާއި ނޯރާ ފަތޭހީއާ އެކު މަސައްކަތް ކުރާ ތަނެވެ.