މިނިސްޓްރީ އޮފް އެޑިއުކޭޝަން

ތިން ސްކޫލަކަށް ޖާގަ އިތުރުކުރަން ބަޔަކާ ހަވާލުކޮށްފި

Apr 22, 2022

ސްކޫލުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ތިން ސްކޫލެއްގައި އިމާރާތްތަކެއް އެޅުމަށް ކުންފުނިތަކަކާ ހަވާލުކޮށްފި އެވެ.

އިމާރާތްތަކެއް އަޅަން ހަވާލުކޮށްފައިވަނީ ހދ. މަކުނުދޫ، ރ. އިންނަމާދޫ އަދި ތ. މަޑިފުށި ސްކޫލުގަ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ.

މަކުނުދޫ ސްކޫލާއި އިންނަމާދޫ ސްކޫލުގައި މަލްޓިޕާޕަސް ހޯލެއް އިމާރާތް ކުރަން ހަވާލުކޮށްފައިވަނީ އެއިމް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށެވެ.

މަކުނުދޫ ސްކޫލުގެ ހޯލް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަންޖެހޭއިރު އިންނަމާދޫ ސްކޫލުގެ ހޯލް ނިންމަން ހަވާލުކޮށްފައިވަނީ 325 ދުވަހުގެ ތެރޭގަ އެވެ.

ހިންނަމާދޫ ސްކޫލުގެ ހޯލްގެ އަގަކީ 11.3 މިލިއަން ރުފިޔާ އެވެ. މަކުނުުދޫ ސްކޫލުގެ ހޯލްގެ އަގަކީ 12 މިލިއަން ރުފިޔާ އެވެ.

މަޑިފުށި ސްކޫލުގެ މަލްޓިޕާޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޕަވަރޭ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށެވެ.

އިމާރާތުގެ މަސައްކަތް 330 ދުވަހުގެ ތެރޭގައި ނިންމަންޖެހޭއިރު މަސައްކަތުގެ އަގަކީ 9.1 މިލިއަން ރުފިޔާ އެވެ.