މަރަން ހުކުމް ކޮށް މަރާ ނުލާ އެންމެ ގިނަ ދުވަހު ބަހައްޓާފައި ހުރި މީހާ 30 އަހަރު ފަހުން މަރާލައިފި އެވެ. އޭނާ މަރާލާފައި ވަނީ މި ހަފުތާ ތެރޭގަ އެވެ.
ކާލް ވޭން ބަންޓިއަން މަރަން ނިޔާ ކަނޑައެޅީ 1990 ގެ ޖޫން މަހު ހިއުސްޓަންގެ ޕޮލިސް އޮފިސަރެއް ކަމަށްވާ އިރްބީ ގަޔަށް ބަޑިޖަހާ މަރާލިކަން ސާބިތު ވެގެނެވެ. އުމުރުން 78 އަހަރުގެ ކާލް އޭރު ހުރީ އޭނާ ކުރި އެހެން ކުށަކަށް ޖަލަށް ލާފައި ހުއްޓާ ޕެރޯލް ހޯދައިގެން ޖަލުން ނުކުމެ އެވެ.
ކާލް ދުއްވަމުންދިޔަ ކާރެއް މަޑުކުރުވައި އެ ކާރު ތެރޭއިން ކާލް ނެރުނީ ޕޮލިސް އޮފިސަރު އިރްބީ އެވެ. ޕޮލިސް އޮފިސަރު ގަޔަށް ކާލް ބަޑި ޖެހީ އެ ވަގުތު އެވެ. މަރުވި ޕޮލިސް އޮފިސަރު ފުލުހުންގެ އިދާރާގައި މަސައްކަތް ކުރާތާ އޭރު 20 ވަރަކަށް އަހަރު ވެއްޖެ އެވެ.
ކާލް އަށް މަރުގެ ހުކުމް އިއްވާފައިވަނީ 1991 ވަނަ އަހަރު އެވެ. އަދި އޭގެ ފަހުން 30 ވަރަކަށް އަހަރު އޭނާ ހޭދަ ކޮށްފައި ވަނީ ޖަލުގަ އެވެ. އޭނާގެ މަރުގެ ނިޔާއަށް ލުއި ދޭން 2009 ގައި ދަށު ކޯޓަކުން ހުކުމް ކުރި އެވެ. ނަމަވެސް އޭގެ ތިން އަހަރު ފަހުން އަނެއްކާ ވެސް އެ ހުކުމް ބާތިލްކޮށް ކާލްގެ މަރުގެ ހުކުމް އޮތް ގޮތަށް ބާއްވަން ނިންމީ އެވެ.
އޭނާ މަރާލަން ކުރި ހުކުމް ބަދަލު ކުރެވޭތޯ ކާލް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައި ވެއެވެ. ނަމަވެސް އެމެރިކާގެ ސުޕްރީމް ކޯޓުން އެންމެ ފަހުން ނިންމާފައި ވަނީ ކާލް އަށް މަރުގެ އަދަބު ދިނުމަށެވެ. އެހެންވެ މިހިނގާ އެޕްރީލް މަހުގެ 21 ވަނަ ދުވަހު ކާލްގެ މަރުގެ ހުކުމް ވަނީ ތަންފީޒް ކޮށްފަ އެވެ.
މަރާލުމުގެ ކުރިން ކާލް ވަނީ އިރްބީގެ އާއިލާއަށް މެސެޖެއް ދީފަ އެވެ. އޭނާގެ މެސެޖުގައި ބުނި ގޮތުގައި އޭނާއަށް ކުރެވުނު ކަންތަކާ މެދު އޭނާ ހިތާމަ ކުރެ އެވެ. އަދި އޭނާ މަރާލުމުން އިރްބީގެ ދަރިންނާއި އަންހެނުންނަށް ހިތްހަމަޖެހުން ލިބި އެ ހިތާމައިން އަރައިގަނެވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.