އެމެެރިކާގެ ވަމޮންޓް ސްޓޭޓްގައި ފަލަސްތީން ތިން ދަރިވަރެއްގެ ގަޔަށް ބަޑިޖަހައި ޒަޚަމްކޮށްލައިފި އެވެ. އިދާރާތަކުން ބުނާ ގޮތުން ބަޑިޖެހި ސަބަބު އަދި ސާފެއް ނުވެ އެވެ.
ނަމަވެސް ބެލެވެނީ ޣާއްޒާ ހަނގުރާމާގައި، ފަލަސްތީނަށް ތާއީދުކުރުމުގެ ގޮތުން އެ ދަރިވަރުންގެ ކޮނޑުގައި ކޫފިއްޔާ -- ކޮޑަށް އެއްލާފައި އޮންނަ ފޮތިގަނޑު، އޮތުމުން ބަޔަކު ރުޅިއަރައިގަނެގެން އެ ދަރިވަރުންނަށް ހަމަލާދިނީ ކަމަށް އިދާރާތަކުން ބުނެ އެވެ.
ބައެއް ގައުމުތަކުގައި ޔަހޫދީންނަށް ނަފުރަތުކުރުމަކީ މަނާ ކަމެކެވެ. އަދި ފަލަސްތީނަށް ތާއީދުކުރުމަކީވެސް މަނާ ކަމެކެވެ. ނަމަވެސް ޔަހޫދީންނަށް ތާއީދުކުރާ މީހުން އެ މީހުންގެ ޒަޔަނިސްޓް ޝިއާރުތައް ފާޅުކުރާ ފަދައިން، ފަލަސްތީނަށް ތާއީދުކުރުމަށް ދިދަ ހޫރައި ކޮނޑުގައި ކޫފިއްޔާ އެލުވައިގެން މީހުން އުޅެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އޮކްޓޯބަރު ހަތެއްގައި ޣައްޒާ ހަނގުރާމަ ފެށުނު ފަހުން އެމެރިކާ އަދި ޔޫރަޕްގެ ބައެއް ގައުމުތަކުގައި ނަފުރަތު އުފެދޭ ގޮތަށް ހިންގާ ހަރަކާތްތައް އަންނަނީ އިތުރުވަމުންނެވެ. އަދި އެ ގައުމުތަކުގައި ދިރިއުޅޭ ނުވަތަ ކޮލެޖުތަކުގައި ކިޔަވާ އަރަބި ދަރިވަރުންނަށް ޖެއްސުންކުރުމާއި އަނިޔާކުރުން ވަނީ އިތުރުވެފަ އެވެ.
ވަމޮންޓު ފުލުހުން ބުނާ ގޮތުން އެ ތިން ދަރިވަރުންނަކީ ވެސް 20 އަހަރުގެ ތިން މީހުންނެވެ. އެ މީހުން އާއިލީ ކެއުމަކަށް ދިޔަ މަގުމަތީގައި ބަޔަކު ހަމަލަދިނީ އަރަބިން ވާހަކަދައްކައި އަދި ކޮނޑުގައި ކޫފިއްޔާ އޮތުމުންނެވެ.
ތިން ދަރިވަރުންގެ ތެރެއިން އެކަކު ވަރަށް ބޮޑަށް ޒަޚަމްވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަނެއް ދަރިވަރުން ޒަޚަމްވި ނަމަވެސް ޒަޚަމްތައް ފުން ނޫން ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނާ ގޮތުން އެކަންކުރި ބަޔަކު އަދި ސާފެއް ނުވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ވަމޮންޓަކީ އާދައިގެ ހާލަތުގައި ރައްކާތެރި އަވަށެކެވެ. ނަފުރަތު އުފެއްދުމަށްޓަކައި ހަރަކާތްތައް މަދު އަވަށެވެ. މިހެން ކަން އޮތުމުން މިފަދަ އަމަލެއް ބަޔަކު ކޮށްފާނެ ކަމަކަށް އެ އަވަށުގައި ދިރިއުޅޭ އަރަބި ނަސްލުގެ މީހުން ނުދެކެ އެވެ.
ވަމޮންޓްގައި ހާލަތު މިހާރު އޮތް ގޮތުން ކޮންމެވެސް ވަރެއްގެ ބިރުވެެރިކަމެއް އޮތް ކަމަށް އެ އަވަށުގައި ދިރިއުޅޭ މީހުން ބުނެ އެވެ. އަދި ވަކި ބައެއްކަން ފާޅުވާ ގޮތަށް މަގުމަތީގައި އުޅުމަށް ޖެހިލުންވާ ކަމަށްވެސް ބައެއް މީހުން ބުނެ އެވެ.
ރުޅިވެރިކަން އުފެއްދުމާއި ނަސްލީ ތަފާތުކުރުމަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނި ނަމަވެސް އެމެރިކާ އަކީ ޔަހޫދީންނަށް ތާއީދުކުރާ ގައުމަކަށް ވާތީ -- މި ފިކުރުން ވަމޮންޓް ވެސް ސަލާމަތްވާނެ ކަމަކަށް ނުބެލެވެ އެވެ.