ބޮލީވުޑް

ތަޅުން ސާފުކުރަން އުޅުނިން: ރަވީނާ

ރަވީނާ ޓަންޑަންގެ އެންމެ ފަހު ފިލްމު "ކޭޖީއެފް: ޗެޕްޓާ 2" އަށް ވަރަށް ބޮޑު ތަރުހީބެއް ބެލުންތެރިން ވަނީ ދީފަ އެވެ. މި ފިލްމުގައި ރަވީނާ ކުޅެފައި ވަނީ ބޮޑުވަޒީރު ރަމިކާ ސެންގެ ކެރެކްޓާ އެވެ. މިއީ ކުރީ ޒަމާނުގެ ވާހަކައަކަށް ކުޅެފައިވާ ފިލްމެކެވެ. މި ފިލްމުގެ އިތުރުން ރަވީނާގެ ޕާފޯމަންސް އަށް ވެސް ބެލުންތެރިން ވަނީ ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ.

ރަވީނާގެ ކެރިއަރުގެ ދިގު މާޒީގައި ބެލުންތެރިންގެ ހިތްތަކާ ކުޅެލާ ކަހަލަ ގިނަ ފިލްމުތަކެއް ވަނީ ކުޅެފަ އެވެ. ނަމަވެސް އޭނާގެ ކެރިއަރުގެ ކުރީކޮޅު އުޅެން ޖެހުނީ ވަރަށް ހާލުގައި ކަމަށް ރަވީނާ ދާދި ފަހުން ދީފައިވާ އިންޓަވިއު އެއްގައި ބުންޏެވެ.

ރަވީނާ ބުނި ގޮތުގައި އޭނާއަށް އެކްޓަރަކަށް ވެވުނީ ވެސް އިއްތިފާގަކުން ދިމާވި ކަމަކުންނެވެ.

"އަހަރެން އެންމެ ކުރިން އުޅުނީ ސްޓޫޑިއޯގެ ތަޅުންގަނޑަށް މީހުން ލާފައި ހުރި ހޮޑު ސާފުކޮށް ހެދުމުގައި. ގްރޭޑް 10 ގައި އުޅެމުން އޭރު އަހަރެން މަސައްކަތްކުރީ ޕްރަހާދް ކައްކަރްގެ އެހީތެރިއެއްގެ ގޮތުގައި. އޭރު ވެސް ބައެއް މީހުން ބުނާނެ ފަރުދާގެ ފުރަގަހުގައި ކީއްކުރަންހޭ ތި މަސައްކަތް ކުރަނީ. ކަލޭ ރަނގަޅުވާނޭ ފަރުދާގެ ކުރިމައްޗަށް ނުކުންނަން. މީހުން އެހެން ކިޔާތީ އަހަރެން ބުނަން ނޫނެކޭ އަހަރެން ބޭނުމެއް ނޫނޭ ބަތަލާ އަކަށް ވާކަށް. އެހެންވެ މި ބުނީ އަހަންނަށް އެކްޓަރަކަށް ވެވުނީ ހަމަ ދިމާވި އިއްތިފާގަކުންނޭ. ކުޑައިރު ފިލްމު ކުޅުމުގެ ވިސްނުމެއް އަހަރެންގެ އެއްގޮތަކަށް ވެސް ނެތް،" ރަވީނާ ބުންޏެވެ.

އޭނާއަށް މޮޑެލް ކުރުމަށް ވަދެވުނު ގޮތް ކިޔައިދެމުން ރަވީނާ ބުނީ މަޝްހޫރު ސެލެބްރިޓީ ފޮޓޯގްރާފަރު ޕްރަހާދުގެ އެސިސްޓެންޓެއްގެ ގޮތުގައި އޭނާގެ ކައިރީގައި މަސައްކަތް ކުރިއިރު ބައެއް ދުވަސްދުވަހު މޮޑެލް ނައިސްގެން އޭނާ ރަވީނާ އަށް ގޮވައިގެން ގެންދާ ކަމަށެވެ.

"އަންނަން އޮންނަ ގަޑި ފަހަނަޅާ ދާއިރު ވެސް މޮޑެލް ނައުމުން ޕްރަހާދް ގޮވާނެ ރަވީނާއޭ ކިޔާފަ. އަދި ގެންގޮސްފައި ބުނާނެ މޭކަޕް ކޮށްގެން އައިސް އޭނަ ބުނާ ގޮތްގޮތަށް މޮޑެލް ކުރާށޭ. އަހަރެން އޭރު ހިތަށް އަރާ ޕްރަހާދް އަށް ހިލޭ މޮޑެލް ކޮށްދޭންވީ ކީއްކުރަންހޭ އަބަދު. ފައިސާ ލިބޭ ގޮތަށް އެހެން މީހުންނަށް މޮޑެލް ކޮށްދިނިއްޔާ މާ ރަނގަޅެއް ނޫންހޭ. މޮޑެލް ކުރަން ފެށުނީ އެ ވިސްނުން އައުމުން. މޮޑެލް ކުރަން ފެށުމުން ފިލްމު ކުޅުމުގެ ފުރުސަތުތައް ލިބެން ފެށި. ނަމަވެސް އަހަރެންނަކީ އެކްޓް ކުރުމާއި ޑާންސް ކުރުމުގެ އަދި ޑައިލޯގް ކިޔުމުގެ ތަމްރީނު އެއްވެސް ވަރަކަށް ހޯދާފައިވާ މީހެއް ނޫން. ނަމަވެސް ފުރުސަތު ލިބެން ފެށުމުން އެކަންކަން ދަސް ކުރަމުން ގޮސް ހުރިހާ ކަމެއް ދަސްވީ،" ރަވީނާގެ އިންޓަވިއުގައި ބުނެފައި ވެއެވެ.