ފުވައްމުލަކު ސިޓީގައި މަޑުޖެހިފައިހުރި ޕީއެސްއައިޕީ މަޝްރޫއުތައް އަވަހަށް ފެށުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ގުޅޭގޮތުން ސިޓީ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމްއާ މަޝްވަރާ ކުރައްވައިފި އެވެ.
މި މަޝްވަރާ ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ފުވައްމުލައް ސިޓީ ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެއްވި ކަންކަމުގެ ތެރޭގައި ފުވައްމުލައް ސިޓީގެ މަގުހެދުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު ރައްޔިތުންނަށް އެންމެ ފައިދާ ކުރަނިވި ގޮތަށް މިހާރަށް އެންމެ ބޭނުން ހިފޭނެ ސަރަހައްދުތަކަށް އިސްކަންދިނުމާއި ފުވައްމުލައް ސިޓީގައި އިތުރު ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ހިމެނޭ ކަމަށެވެ.
އަދި ސްކޫލާއި ފުވައްމުލައް ހޮސްޕިޓަލުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް އެއް ހަމައެއްގައި ހިފެހެއްޓުމަށް މަސައްކަތް ކުރުމާމެދު މަޝަވަރާ ކުރެވުނު ކަމަށެވެ. މީގެ އިތުރުން މަޑުޖެހިފައިހުރި ޕީއެސްއައިޕީ މަޝްރޫއުތައް އަވަސް ފުރުސަތެއްގައި އަލުން ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުމަށް ވަނީ މަޝްވަރާ ކޮށްފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ފުވައްމުލައް ސިޓީގެ ޒުވާނުންނަށް އިތުރުކުރެވިގެންދާ ވަޒީފާގެ ފުރުސަތުތަކަށް ކުދިން ހޮވުމުގައި އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅުމަށާއި އެފަދަ ފުރުސަތުތައް ދިނުމުގައި ނުކުޅެދުންތެރިކަން ހުރި މީހުންނާއި އާންމު މިންގަޑަށްވުރެ ދިރިއުޅުމުގެ ހާލަތު ދަށް އާއިލާތަކަށް ނިސްބަތްވާ ކުދިންނަށް އިސްކަންދެވެން އޮތްނަމަ އެކަން ކޮށްދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.