ގައުމަށް ފައިދާ ހުރި ޖީލެއް ބިނާކުރުމުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ނައިބް ރައީސް ފައިސަލް ނަސީމު އެދިވަޑައިގެންފި އެވެ.
އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ 40 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި މިރޭ އޮތް މިޖަލްސާގައި ނައިބް ރައީސް ވިދާޅުވީ ރަނގަޅު ތައުލީމީ ޖީލެއް ބިނާކުރެވޭނީ މުޖުތަމައުގެ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން ކަމަށެވެ.
"ސްކޫލެއްގައި ކިތަންމެ ފެންވަރު ރަނގަޅު ޓީޗަރުންތަކެއް ތިބި ނަމަވެސް އަދި ވަސީލަތްތައް ހުރި ނަމަވެސް ހަރުދަނާ ދަރިންތަކެއް ބިނާ ނުކުރެވޭނެ. އެހެންކަމުން މުޖުތަމައަށާއި ގައުމަށް ފައިދާ ހުރި ޖީލެއް ބިނާކުރުމުގައި އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ،" އެމަނިކުފާނު ވިދާޅުވި އެވެ.
ނައިބް ރައީސް ވިދާޅުވީ ސްކޫލެއްގެ ދައުރަކީ މުޖުތަމައަށް ފައިދާހުރި ގައުމަށް ބޭނުންތެރި ޖީލެއް ބިނާކުރުން ކަމަށެވެ. އަދި ސްކޫލުތަކުގެ ތެރެއިން ދަރިވަރުންނަށް މަސައްކަތާއި ހުނަރު ދަސްވެގެން ދިއުމުގެ މުހިއްމުކަން ފާހަގަކުރެއްވި އެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގައި ވަރަށް ގިނަ ދާއިރާތަކުން ދަރިވަރުންނަށް ކުރިއަށް ދެވޭނެ ފުރުސަތުތައް ހުރިކަން ފާހަގަކުރައްވައި އެ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ދަރިވަރުންގެ ކިބައިންވެސް އެދިވަޑައިގެންފަ އެވެ.
ޏ. އަތޮޅު ތައުލީމީ މަރުކަޒަށް 50 އަހަރު ފުރޭއިރު އެމަރުކަޒު ވެގެންދާނީ ވަށައިޖެހޭ ތައުލީމެއް ފޯރުކޮށްދެވޭ ސްކޫލަކަށް ކަމުގައިވެސް ނައިބް ރައީސް ވިދާޅުވި އެވެ. ވަށައިޖެހޭ ތައުލީމެއް ފޯރުކޮށްދެވޭ ނިޒާމެއްގެ ތެރެއިން ކިޔަވައިދިނުމަށް ހަމަޖައްސާފައިވާ އެއް ސްކޫލަކީ ޏ. އަތޮޅު ތައުލީމީ މަރުކަޒު ކަމުގައިވެސް ވިދާޅުވި އެވެ.
"މިފާއިތުވެ ދިޔަ ތަނުގައިވެސް ޏ. އަތޮޅު ތައުލީމީ މަރުކަޒަކީ ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ މަރުކަޒެއް،" ނައިބް ރައީސް ވިދާޅުވި އެވެ.
ނައިބް ރައީސް ފައިސަލް ނަސީމު ނިސްބަތްވެވަޑައިގަންނަވާ ފުވައްމުލަކުގައި އޭޕްރީލް 20، 1982 ގައި ހުޅުވުނު، ޏ. އަތޮޅު ތައުލީމީ މަރުކަޒަކީ ގްރޭޑް ހަތަކުން ފެށިގެން ގުރޭޑް 12 އަށް ކިޔަވައިދޭ ސްކޫލެކެވެ.