ރާއްޖެ ކުޅިވަރު

އިންޓަ ސްކޫލު އެތުލެޓިކްސް ޗެމްޕިއަންޝިޕް އަންނަ މަހު ފަށަނީ

Apr 23, 2022

ސްކޫލުތަކުގެ މެދުގައި ކުރިއަށް ގެންދާ އެންމެ ބޮޑު އެއް ކުޅިވަރު މުބާރާތް އިންޓަ ސްކޫލު އެތުލެޓިކްސް ޗެމްޕިއަންޝިޕް އަންނަ މަހު ބޭއްވުމަށް ނިންމައިފި އެވެ.

މިމުބާރާތް ބާއްވަން ތައްޔާރުވަމުން މިދަނީ ކޮވިޑް 19އާއި ގުޅިގެން މުބާރާތް ނުބާއްތާވާ ދެ އަހަރުގެ މެދުކެނޑުމަކަށްފަހު އެވެ.

މިއަހަރުގެ މުބާރާތް ބާއްވަން ނިންމާފައިވަނީ މެއި 23 އިން 27 އަށް މާލޭގަ އެވެ. އެތްލެޓިކްސް އެސޯސިއޭޝަނުން ބުނީ މިއަހަރުގެ މުބާރާތުގައި 50 ސްކޫލަކުން ބައިވެރިވާ ކަމަށެވެ. ކޮވިޑްގެ ކުރިން 2019 އަހަރު އެންމެ ފަހުން ބޭއްވި މުބާރާތުގައި 43 ސްކޫލަކުން 1274 އެތުލީޓުން ބައިވެރިވި އެވެ.

އެންމެ ފަހުގެ މުބާރާތް ކުރިއަށް ގެންދިޔައީ 13 އަހަރުން ދަށާއި، 15 އަހަރުން ދަށާއި، 17 އަހަރުން ދަށާއި އަދި 19 އަހަރުން ދަށުގެ އުމުރުފުރާ އަށެވެ. ކޮންމެ އުމުރުފުރައެއް ކުރިއަށް ގެންދިޔައީ އަންހެން ކުދިންނާއި ފިރިހެން ކުދިންގެ ބައި ވަކިންނެވެ.

މިއަހަރުގެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގިނަ ސްކޫލްތަކުން ފަރިތަކުރުންތައް ފަށާފައިވާ ކަމަށްވެސް އެތުލެޓިކްސް އެސޯސިއޭޝަނުން ބުނެފައިވެ އެވެ.