އެމްޓީސީސީ

އެމްޓީސީސީގެ ހިއްސާއަކަށް 3.50 ރުފިޔާ ބަހަން ހުށަހަޅައިފި

Apr 23, 2022
1

އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 3.50 ރުފިޔާ ބެހުމަށް އާންމު ޖަލްސާ އަށް ހުށަހެޅުމަށް ކުންފުނީގެ ބޯޑުން ފާސްކޮށްފި އެވެ.

ކުންފުނީގެ ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި 28.1 މިލިއަން ރުފިޔާ ބެހުމަށްވެސް މިދިޔަ ބުރާސްފަތި ދުވަހު އޮތް ބޯޑު ބައްދަލުވުމުގައި ނިންމާފައިވެ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅަށް ހިންގަމުންދާ ކުންފުނި -- އެމްޓީސީސީ އަށް މިދިޔަ އަހަރު 224 މިލިއަން ރުފިޔާގެ ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ.

ހިއްސާގެ ފައިދާ ލިބޭނީ މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އެމްޓީސީސީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަކަށެވެ.

އެމްޓީސީސީގެ ހިއްސާދާރުންނަށް ހިއްސާ ބަހަން ނިންމާފައިވާ ގޮތް ހާމަކުރި ނަމަވެސް އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީހު އަދި އިއުލާންކޮށްފައެއް ނުވެ އެވެ.

އެމްޓީސީސީ އަށް 2020 ވަނަ އަހަރު ލިބުނު ފައިދާ އިން ހިއްސާ އަކަށް ބަހާފައިވަނީ ތިން ރުފިޔާ އެވެ.

ހިނގަމުން މިދާ 2022 ވަނަ އަހަރު 300 މިލިއަން ރުފިޔާގެ ފައިދާ ލިބޭނެ ކަމަށްވެސް އެމްޓީސީސީން ލަފާކުރެ އެވެ.