ފުވައްމުލަކުގައި އިމާރާތްކުރާ ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ އަމަލީ މަސައްކަތް ނައިބް ރައީސް ފައިސަލް ނަސީމް ފަށްޓަވައިދެއްވައިފި އެވެ.
މިއަދު ހަވީރު ފުވައްމުލަކުގައި އޮތް ރަސްމިއްޔާތުގައި ބިންގާ އެޅުމުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރާއި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާއި ފުވައްމުލަކުގެ މޭޔަރު އިސްމާއީލް ރަފީގުއާއި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވެސް ބައިވެރިވެވަޑައިގަތެވެ.
މި ރަސްމިއްޔާތުގައި ނައިބް ރައީސް ވިދާޅުވީ ރާއްޖެއަށް ކުރިއެރުން ލިބެން އޮތީ ރަނގަޅު ޖީލެއް ބިނާކުރެވިގެން ކަމަށެވެ. އެކަމަށްޓަކައި އަޅުގަނޑުމެންގެ ތެރޭގައި އެކިއެކި އިލްމު އުނގެނިގެން ތިބި މީހުން މަސައްކަތް ކޮށްދެއްވުމަށް ވެސް އެދިވަޑައިގެންނެވި އެވެ.
ނައިބް ރައީސް އިތުރަށް ވިދާޅުވީ މީހުން ބިނާކުރުމުގެ މަސްއޫލިއްޔަތަކީ މުޖުތަމައުގެ ވަކި ބައެއްގެ ޒިންމާއެއްގެ ގޮތުގައި ނުދެކި، މުޅި މުޖުތަމައުގެ އެންމެން ގުޅިގެން ކުރަންޖެހިފައިވާ މަސައްކަތެއް ކަމަށެވެ.
މިރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވީ ފުވައްމުލަކު މަރުކަޒުގެ ތެރެއިން މުސްތަގިއްލުކަމާއެކު މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާ، މިއީ މި ސަރަހައްދުގެ މައި މަރުކަޒަކަށް ހައްދަވައިދެއްވާނެ ކަމަށެވެ.
ނައިބް ރައީސް މިދިޔަ އޮކްޓޯބަރު މަހު ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެ ސިޓީގައި ކީރިތި ގުރުއާނާ ބެހޭ މަރުކަޒެއް ބިނާކުރުމުގެ މަސައްކަތް ވަރަށް ފުރިހަމަ ގޮތެއްގައި ފެށިގެންދާނެ ކަމުގައި ވިދާޅުވެފަ އެވެ. އަދި އެ ސެންޓަރަކީ މުޅި އެ ސަރަހައްދަށްވެސް ފައިދާ ކުރުވަނިވި ތަނަކަށް ހައްދަވާނެކަމުގެ ޔަގީންކަން ވެސް ދެއްވެވި އެވެ.
ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ފުވައްމުލައް ސިޓީގެ ގޮފީގެ އެކިއެކި ޕްރޮގްރާމްތަކުގައި މިހާރުވެސް އެ ސަރަހައްދުގެ އެހެން ބައެއް ރަށްރަށުން ދަރިވަރުން ބައިވެރިވެ ކިޔަވަމުންދެ އެވެ.
ފުވައްމުލަކުގައި ގާއިމުކުރާ ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގައި ރިސެޕްޝަނާއި މީޓިން ރޫމްގެ އިތުރުން އޮޑިޓޯރިއަމަކާއި ލައިބްރެރީއެއް ހިމެނެ އެވެ. މި އިމާރާތުގައި އޮފީސް ހިންގުމަށް ވަކިން ބަޔަކާއި ގުދަނާއި ފާހަނަވެސް ހިމެނޭއިރު ފުރަތަމަ ފަންގިފިލާގައި ހަތަރު ކްލާސްރޫމާއި ނަމާދުކުރަން ކޮޓަރިއެއްވެސް ހިމެނެ އެވެ.
ދައުލަތުގެ ބަޖެޓުން ޖުމްލަ 12 މިލިއަން ރުފިޔާ ހަރަދުކޮށްގެން އިމާރާތްކުރާ މި މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރައިޒަ ޕްރައިވެޓް ލިމިޓެޑަށެވެ.