އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އަންނަ އަންގާރަ ދުވަހު ރަޝިއާގެ ވެރިރަށް މޮސްކޯއަށް ވަޑައިގަންނަވާނެ އެވެ. ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއާ ސެކްރެޓަރީ ޖެނެރަލް ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.
އެންޓޯނިއޯ ގުޓަރެސްގެ ދަތުރުފުޅަކީ ރަޝިއާ އާއި ޔުކްރޭނަށް ކުރައްވާ ދަތުރެކެވެ. ޔުކްރޭނަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި އޮތީ ރަޝިއާއަށް ފަހު އެވެ.
ޔުކްރޭންގެ ރައީސް ވޮލޮދިމީރު ޒެލެންސްކީ މިކަމާ ހިތްހަމަޖެހި ވަޑައިނުގެން ސެކްރެޓަރީ ޖެނެރަލަށް ވަނީ ފާޑު ވިދާޅުވެފަ އެވެ. ޒެލެންސްކީ ވިދާޅުވި ގޮތުގައި ކީޔެވްއަށް ވަޑައިނުގެން މޮސްކޯއަށް ފުރަތަމަ ވަޑައިގަތުމަކީ ގަބޫލުކު ރެއްވޭނެ ކަމެއް ނޫނެވެ.
އދ. ގެ ސެެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން އެންޓޯނިއޯ ގުޓަރެސް ދެ ގައުމަށް ދަތުރު ކުރައްވައި ވެރިންނާ ބައްދަލު ކުރައްވުމުގެ ބޭނުންފުޅަކީ ސުލްހައަށް މަޝްވަރާ ކުރެއްވުމެވެ. އަދި ސުލްހައިގެ ވާހަކަތައް އަލުން ފަށައި ކޮޅެއްގައި ޖައްސަން ބާރު އެޅުއްވުމެވެ.
ޒެލެންސްކީ ވިދާޅުވި ގޮތުގައި ރަޝިއާއަށް ފުރަތަމަ ވަޑައިގެންފި ނަމަ ހަނގުރާމައިގެ އަސްލު ސިފަ ސެކްރެޓަރީ ޖެނެރަލަށް އެނގިވަޑައި ނުގަންނަވާނެ އެވެ. ރަޝިއާގެ ކޮޅު ދިފާއު ކުރަން މޮސްކޯއިން ދައްކަން ހުރި ވާހަކަތައއް ފުރަތަމަ އަޑު އެއްސެވުމަކީ އިންސާފެއް ނޫން ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ.
ރަޝިއާ އާއި ޔުކްރޭނާ ދެމެދު ސުލްހައިގެ ވާހަކަތައް އޮތީ މެދުކެނޑިފަ އެވެ. އަލުން ފަށަން ތާރީހު ކަނޑައެޅި ނަމަވެސް ހިނގައިގަންނަ ގޮތެއް ނުވެ އެވެެ. ޒެލެންސްކީ ވިދާޅުވި ގޮތުގައި ރަޝިއާއިން ހަމަލާތައް ހުންނަ ގޮތަކުން ސުލްހައިގެ ވާހަކަތައް ކުރިއަށް ނުދިއުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.