ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރާވަޑައިގެންފި އެވެ.
ރައީސް ނަޝީދުގެ މި ދަތުރުފުޅަކީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއާއި އޮބްސާވާ ރިސާޗް ފައުންޑޭޝަން ގުޅިގެން ބާއްވާ ހަތްވަނަ ރައިސިނާ ޑައިލޮގްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސް ނަޝީދުގެ އަރިހުގައި އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވެސް އިންޑިއާ އަށް ދަތުރު ކުރައްވަ އެވެ. މި ކޮންފަރެންސް ކުރިއަށްދާނީ މާދަމާއިން ފެށިގެން މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގެ ވެރިރަށް ނިއުދިއްލީގަ އެވެ.
މަޖިލީހުގެ އިދާރާއިން ބުނީ ކޮންފަރެންސްގައި ރައީސް ނަޝީދު ވާހަކަދައްކަވާނީ މޫސުމަށް އަންނަ ބަދަލުތަކާއި ފާގަތި ދިރިއުޅުމާއި ހުރި ގުޅުމުގެ މައްޗަށް ކަމަށެވެ. މީގެއިތުރުން ގައުމުތައް ދަރަނިވެރިވުމާއި ދަރަނީގެ ސަބަބުން ގައުމުތަކުގެ ބިމުގެ މިލްކުވެރިކަން ގެއްލެމުން ދިއުމާ ގުޅޭގޮތުން ވެސް ރައީސް ނަޝީދު ވާހަކަދެއްކެވުމަށް ހަމަޖެހިފައިވެ އެވެ.
ނަޝީދުގެ މިދަތުރުފުޅުގައި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރުގެ އިތުރުން އެ ގައުމުގެ ބައެއް އިސް އޮފިޝަލުންނާ ބައްދަލުކުރައްވާނެ ކަމަށްވެސް މަޖިލީހުގެ އިދާރާއިން މައުލޫމާތު ދީފައިވެ އެވެ.