( 21 އެޕްރިލް 2022 އާ ގުޅޭ )
އަމިއްލަ ސިފަ ލޯގަނޑުކޮޅުން ބަލާލިއެވެ. ލޮލަށް އަވިއައިނު ހެޔޮވަރުކޮށްލިއެވެ. ސައިކަލު އިސްޓާޓު ކުރީ ދެނެވެ. އޭނާ ސައިކަލު ދުއްވާލަން އުޅުމުން ހަމްދޫނު ވެސް ސައިކަލަށް އެރިއެވެ. އަދި ކައިދިން ނައްޓާލުމުން އޭނާގެ ފަހަތުން ހަމްދޫނު ދުއްވާލިއެވެ.
* * * * *
ކަނާއަތް އުފުލާލައި ޒެހެން އަތުން ހަނާ އަޅާލިއެވެ. އެއާއެކު ކަންފަތުގައި ޖައްސާލެވިފައިވާ ފޯނު ތިރިކޮށްލަމުން ނިކަން އަވަހަށް ކޯލު ކަނޑާލައިފިއެވެ. އަދި މޭޒުމަތީ ޒެހެންގެ ފޯނު ބާއްވާލިއެވެ. އޭރު ފުޅާ ހިނިތުންވުމަކާއެކު ކައިދިން އެ ދިމާއަށް އަންނަނީއެވެ. އޭނާ އައިސް ޒެހެންއާ ކުރިމަތިވާނޭހެން މޭޒު ދޮށުގައި އިށީއްދެއްޖެއެވެ.
"ކޮފީއެއްގަ ދޯ އިނީ." ޒެހެން އަހާލިއެވެ.
"އަހަރެން މާލެ އައިފަހުން ކޮފީއަކަށް އަރާލަން ޒެންއަށް ވަގުތު ވީ އަދިކިރިޔާ. ކިހިނެއްވީ؟ ރަނގަޅުތަ ހުރިހާކަމެއް؟." ކައިދިން ވާހަކަދެއްކިއެވެ. އޮފީހުން ޒެހެން ނުކުމެގެން ދިޔައިރު ފެނުނު ނުރުހުމެއް މިހާރު އޭނާގެ ފުށުން ނުފެނެއެވެ.
"ތިހެން ހިތަށް އަރައިގެން ގުޅީ. ކޭޑީއާ އަނގަތަޅާލަން މިހެން ކޮފީއަކަށް ނޭރޭކަން އެނގޭތީ." ޒެހެން ވާހަކަދެއްކީ ހަމަޖެހިފައި އިނދެއެވެ.
"ތިގެއަށް ނުދާން ބުނީ އަންހެނުން މަށަށް ހިތްކިޔާފާނެތީ ބިރުންތަ." ކައިދިންގެ އަޑުގައިވީ ސަމާސާ ރާގެކެވެ.
"އިންޝާﷲ ތިކަހަލަ ކަމެއް ނުވާނެ. ހޫރަށް ވަރަށް އިތުބާރުކުރަން. އެއަށްވުރެ ބޮޑަށް ހެއްދެވި ފަރާތަށް އިތުބާރުއޮވޭ. އަހަންނަށް އޭނާ ދެއްކެވީ އެފަރާތުން." ޒެހެން ބުންޏެވެ.
"ތިހާވަރަށް އިސްލާހުނުވިޔަސް އޯކޭ. ތީ ކުރީން ޒެން ވާހަކަދައްކާ ގޮތެއްނޫން." ކައިދިން ފާހަގަކުރިއެވެ.
"ރަނގަޅު ސާލިހު އަނތްބަކު ލިބުމަކީ ވެސް ނިއުމަތެއް. އަލްހަމްދުއްލިއްﷲ!... ދުނިޔެމަތިން ހޫރެއްގެ ނަސީބު ލިބޭނީ މަދުބަޔަކަށް. ނޫންތަ! އެންމެންނަކަށް އެމީހުން ލޯބިވާ މީހުންނެއް ނުލިބޭނެ. ހޫރު ކުރީން ވެސް ކައިވެންޏެއް ކުރާން އުޅުނު. އެކަމަކު އަހަންނަށް ލިބެން އޮތީމައޭ ބުނާނީ އެކަން ނުވީ. އަސްލުވެސް މިބުނީ. ހޫރުދެކެ ލޯބިވެވުނު ގޮތަށް އެހެން އަންހެންކުޖެއްދެކެ މީގެ ކުރީން ލޯބިވެވިފައެއްނެތް. ހަލާލު ގޮތުގައި ވެވޭ ލޯބީގައި ދާއިމީ ހިތްހަމަޖެހުންވާކަން އިހްސާސް ކުރެވުނީ އަދިކިރިޔާ." ޒެހެން ގަސްދުގައި ހޫރައިންގެ ނަން ބޭނުންކުރީއެވެ.
ކައިދިން އެއްވެސް އެއްޗެއް ނުބުނެ އިރުކޮޅަކު ހިމޭނުން އިނެވެ. އެއަށްފަހު ކޮފީއެއް ގެންނާކަށް ނުވޭތޯ ކައިދިން އަހާލިއެވެ. ޒެހެން ވޭޓަރަކަށް އިޝާރާތްކޮށްލިއެވެ. ކައިދިން ޖީބުން ނެގީ ވަށްކޮށް ސިލިންޑަރެއްގެ ބައްޓަމަށް ދިގުކޮށް އޮތް ރިހިކުލައިގެ ކޭސްއެކެވެ. އޭގެ މަތި ނަގައި ކައިދިންގެ އަތާ ދިމާކޮށް އަރިކޮށްލިއެވެ. އެއާއެކު ހިސާބަކަށް ބޮއެފަ އޮތް ސުއްޓާ އޭނާގެ އަތަށް ވެއްޓުނެވެ. އެއީ މީގެ އިރުކޮޅެއް ކުރީން އެކުވެރީންނާއެކު ކޮފީމޭޒު ދޮށުގައި އިނދެ އޭނާ ރޯކޮށްލި ސުއްޓާއެވެ.
"ތިކަން ހުއްޓާކަށް ނުވޭތަ؟. އެޕާޓްމެންޓް ތެރެއިން ފެނުނު ރާފުޅިތަކާއި ބިޔަރު ދަޅުތައް... އެވެސް ކޭޑީ ބޯން ފެށީތަ؟ ކޮންއިރަކުން ފެށިގެން." ޒެހެން އަހާލިއެވެ. ކައިދިން ބަދަލުކޮށްލީ ފަނޑު ހިނިތުންވުމެކެވެ. މޫނުމަތިން މާބޮޑު އަސަރުތަކެއް ޒެހެންއަށް ނުދެއްކިނަމަވެސް ކައިދިންއަށް ނުތަނަވަސްކަން ލިބިއްޖެއެވެ. އޭނާ އެ ސުއްޓާ ރޯކޮށްލީ ނަފްސުގެ ހިތްހަމަޖެހުމަށެވެ. މީހާ ހަމައަކަށް އެޅިލުމުގެ ގަސްދުގައެވެ.
"އެހެން މީހެއްގެ ދަރިއެއް ބަލަން ޒެން އެއްބަސްވީމަ އަޖައިބުވޭ. އެކުއްޖާގެ ބައްޕަ ކޮބާކަން ހޫރު ބުނިތަ. އޭނާ ދަރިފުޅު ބޭނުންވެގެން އަތުވެދާނޭ ހިތަކަށް ނާރާތަ." ޒެހެންގެ ސުވާލުތަކަށް ބީރުކަންފަތެއް ދިނީ ހޫރައިންގެ މައުޟޫޢުއާގެން ކުރިޔަށްދާން ކައިދިން ބޭނުންވެގެންނެވެ.
"ބައްޕައެއްގެ ލޯބި ދިނުމަކީ ކުށެއްނޫނެއްނު. އަހަރެން ހޫރު ބަލައިގަތީ އެ ދަރިފުޅާއެކީ. އެހެންނޫނަސް ޔޫކްގެ ބައްޕައަކަށް ނުކެރޭނެ ކުރިމައްޗަށް އަންނާކަށް. އޭނާއަކަށް އެކުއްޖާ ނުގެންދެވޭނެ. އެއީ ހަމައެކަނި ހޫރުގެ ދަރިއެއް. އޭނާ ބައްޕަ ކިއްޔާ ކިޔާނީ ހަމައެކަނި އަހަންނަށް."
"އެއީ ކީއްވެ؟... އޭނާއަށް ނުކެރޭނީ ކީއްވެ؟ އޭނާ އަދިވެސް ހޫރުދެކެ ލޯބިވެދާނެ. ދަރިފުޅާއެކު ހޫރު ބަލައިގަންނަން ބޭނުންވެފައި ހުރެދާނެ." ކައިދިން އިނީ ނިކަން ފަރުވާތެރިވެއެވެ.
"ނޫން. އޭނާއަށް ހޫރު ހައްގެއްނޫން. އޭނާއަކަށް ލޯބިވާކަށް ނޭނގުނު. ލޯބިވުމަކީ ކޮބާކަމެއް ނުދަންނަ މީހަކަށް ލޯބިވެވޭނީ ކިހިނެއް. ޝަހުވާނީ އެދުމަކީ ލޯތްބެއްނޫން... އަނިޔާ ނޫން އެއްވެސް އެއްޗެއް އޭނާގެ ފަރާތުން ހޫރަށް ލިބިފައެއްނެތް. އެ ޒަޚަމްތަކަކީ ހޫރު އެނބުރި އޭނާގެ ގާތަށް ނުދާނޭ އެންމެ ބޮޑު ސަބަބު. މިއަދުވެސް ހޫރު އޭނާއަށް ނަފުރަތުކުރާކަން އެނގޭ." ޒެހެން ބުނެލިއެވެ.
ވަގުތުކޮޅަކަށް ކައިދިން ހިމޭންވިއެވެ. ވެއިޓަރު ކޮފީ ގެނެސް މޭޒު މަތީ ބެހެއްޓީ އެވަގުތެވެ. ޒެހެން އެބަ އަންނަމޭ ބުނެ މޭޒުދޮށުން ތެދުވިއެވެ. ވޭޓަރާއި ޒެހެން ދިޔައީ އެކުއެކީގައި ކަހަލަ ގޮތަކަށެވެ. އޭނާ ދަނީ ކޮންތާކަށްތޯ ކައިދިން ނާހައެވެ. އެއަށްވުރެ ބޮޑަށް އޭނާގެ ހިތާއި ސިކުނޑި ހިސާރުކުރީ ޒެހެންގެ ދުލުން ބޭރުކޮށްލި ޖުމްލަތަކެވެ. ކުރިމަތީ އިނދެ އޭނާގެ މެޔަށް އެތައް ފަހަރަކު ވަޅި ހަރާފައި ޒެހެން ތެދުވީ ފަދައެވެ. ހިޔާލުގެ ކަނޑެއްގައި ކައިދިން ފަތައިގަތެވެ. މާޒީގެ ރާޅުތަކުގެ ތެރެއަށް ފީނަނީއެވެ. މޭފުރިގެންދާވަރަށް ސުއްޓާ ދަމާލައި އަނގަޔާއި ނޭފަތުން ދުންތައް ނެރިލިއެވެ. އޭނާގެ ސިކުނޑިއަށް ލިބޭ ބަރުކަން ބޭރުކޮށްލާ ސުއްޓާގެ ދުންތައް ފަދައިން ފަޒާގެ ތެރެއަށް ބޭރުވެގެންދާން ކައިދިން އެދޭ ކަހަލައެވެ. ހޫރައިންގެ ހިޔާލުގައި އިނދެ ކުރިމަތީ ހުރި ކަޅުކޮފީ ޖޯޑުން އެތިފޮދެއް ބޯލިއެވެ. ހަމައެވަގުތު މޭޒުމަތީ އޮތް ފޯނު ވައިބްރޭޓްވާން ފެށިއެވެ. ޖޯޑު ބަހައްޓާލާފައި ކައިދިން ބަލާލިއެވެ. ޒެހެން އެ ދިޔައީ ފޯނު ބާއްވާފަކަން އެނގުނީ ދެނެވެ. ކައިރީގަ ފެންނާކަށް ޒެހެންއެއް ނެތެވެ. ކައިދިންގެ މެޔަށް ފިނިވެލީ ޒެހެންގެ ފޯނު ނެގި ހިނދު އޭގެ ދިއްލިފައިވާ އިސްކުރީނު ފެނިފައެވެ. ފޮޓޯއިން ފެންނަނީ ހޫރައިންގެ ދެ ލޯ ވިޔަސް އެ ތޫނު ކަޅިރަވައިން ސީދާ ކައިދިންގެ ދެ ލޮލަށް ބަލާ ކަހަލައެވެ. އިސްކުރީނުގައި އޮތީ "ލޯބި ވައިފް" އަރާފައެވެ. ކޯލު ރިންގުވެފައި ކެނޑުނެވެ. ނަމަވެސް ކައިދިންގެ ނަޒަރު އެ ފޯނާ ވަކިކޮށެއް ނުލެވުނެވެ. އެހެން އިންދާ ދެވަނަ ފަހަރަށް ހޫރައިން އެ ފޯނަށް ގުޅިއެވެ. ކައިދިން ވަށައިގެން ހޯދާލިއެވެ. ޒެހެން ފެނޭތޯއެވެ.
ކޯލު ނެގުމާއެކު ކައިދިންގެ ކަންފަތާ ޒެހެންގެ ފޯނު ކައިރިކޮށްލިއެވެ. އޭނާ ވާހަކައެއް ނުދައްކައެވެ. ހޫރައިން ސަލާމް ގޮވާލިއެވެ. އެހިނދު މާމުއިގެ ކަންވާރަކުން ނަފްސު ފެންވެރުނު ފަދަ އަރާމުކަމެއް ކައިދިންއަށް އިހްސާސް ކުރެވުނެވެ. ހޫރައިންގެ މަޑުމައިތިރިކަން އެކުލިވެފައިވާ ފޮނިފޮނި އަޑުގައިވަނީ އެފަދަ ޖާދުވީ އަސަރެކެވެ. ހަމައެވަގުތު ކައިދިންގެ ހިތުގައި ރިހެންފެށިއެވެ. އެ ރިހުން ރުޅިއަށް ބަދަލުވިއެވެ. އޭނާގެ އިޚްތިޔާރުން ބޭރުގައެވެ. ޒެހެން ދެއްކި ވާހަކަތައް އޭރު ވެސް ކަންފަތުގައި ހަރުލާފައި ވިއެވެ.
"މިވަގުތު ޒެން ބިޒީ." ހޫރައިން ޒެހެންގެ ނަމުން ދެތިން ފަހަރަށް ގޮވާލުމުން ކައިދިން ބުނެލިއެވެ.
"ތީ ކާކު؟." ހޫރައިން އަހާލިއެވެ.
"ކަމަނާ މަތިން ހިތްނުކެނޑިގެން އުޅޭ ޒުވާނެއް. ހަނދާންނެތުނީތަ ހުރިހާކަމެއް." ހިނިއައިސްފަ ކައިދިން ބުނެލިއެވެ.
"ކަލޭ... ކޮބާ ޒެން. ކީއްވެ ޒެންގެ ފޯނު ކަލޭ އަތުގަ އޮންނަންވީ. ޒެންއަށް ކިހިނެއް ހެދީ." ހޫރައިންގެ އަޑުގައިވީ ހާސްކަން ކައިދިންގެ ހިތް އަވަސްކުރުވިއެވެ. އެ ކަންބޮޑުވުން ކައިދިންއަށް ކަމުދިޔައީއެވެ. އަނެއްކޮޅުން ހޫރައިން ކޯލު ކަނޑާނުލާ ވާހަކަދައްކާތީ ވެސް ހައިރާންވިއެވެ. އޭނާ ހީކުރީ ކައިދިންކަން އެނގުމުން ހޫރައިން ވަގުތުން ފޯނުކޯލު ކަނޑާލާނޭ ކަމަށެވެ.
"ޒެން ވީތަނެއް ނޭނގެ. އޭނާ އެދިޔަތަނަކަށް ފޯނު ނުގެންދިޔައީ ލޯބި ވައިފަށް ހަގީގަތް އެނގިދާނެތީ ކަމަށްވެދާނެ. ކިތަންމެ ވަރަކަށް ލޯބިވިޔަސް ހަށިގަނޑު އެދޭ އެދުންތައް ނުފުދިދާނެ ދޯ. އެނީވޭޒް... ބުނެބަލަ ހޫރް! އަހަންނާ ބައްދަލުކޮށްފާނަންތަ؟. ޒެން ނޫޅޭނެކަން އެނގިހުރެ ތިގެޔަށް އަހަރެން ދިޔައީ... ތި ލޯބި ހޫރު ދެކިލަން. އެނގޭ މިހާރު ތީ މީހެއްގެ އަނތްބެއްކަން. އެކަމަކު އެއީ މައްސަލައެއްނޫން. އަހަންނަށް ލަހެއްނުވޭ... އަދިވެސް ފުރުސަތު އެބައޮތް. ހޫރު ވިސްނާލަބަލަ. އިނދެގެން ހުންނަ މީހާ ހުވަފަތްވުމަކީ ވެސް އޮތް އޮޕްޝަނެއް. ހަމަކުއްލިއަކަށް ޒެންއަށް ކަމެއް ދިމާވެދާނެ ދޯ. ހޫރު ބިރެއްނުގަނޭތަ. އަބަދު ކައިރީގަ ހުންނާނޭކަމަށް ހީކޮށްގެން ދޯ ތިހުންނަނީ. އަހަރެންނަށް ވެސް އެނގޭ ޒެން ފަދައިން ލޯބިދޭން." ކައިދިން ބުންޏެވެ.
"ޒެން މަރާލަންތަ ތިވިސްނަނީ. އެއީތަ މިހާރު ނުވެ އޮތް ކަމަކީ." ހޫރައިންގެ އަޑު މަޑުވެލިއެވެ.
"އަހަންނެއްނޫން، ހޫރު އޭނާ މަރާލާނީ. ހުރިހާކަމެއް އޮތީ ހޫރުގެ އަތްމަތީ. އަހަރެން މެސެޖު ކުރާނަން. މީޓުކުރަން އަންނާތި. ދެން ބާއްވަނީ. ޒެން އަންނައިރު ލޯބި ވައިފްއާ ވާހަކަދައްކަން އިނުން ރަނގަޅެއްނުވާނެއެއްނު ދޯ. އެކަމަކު އިހަށް މަޑުކޮށްބަލަ. ކަނޑާލުމުގެ ކުރީން ދޮނެއް ދީބަލަ." ކައިދިން ހީނލިއެވެ. ހޫރައިން ފޯނުކޯލު ކަނޑާލީއެވެ. ކައިދިންގެ ހިނިތުންވުން ވެސް ފިލައިގެން ދިޔައެވެ. ހަމައެވަގުތު ޒެހެން އަންނާތީ ފެނުނެވެ.
"ލޯބި ވައިފް ގުޅި." ޒެހެން އައިސް އިށީންނަންވާއިރަށް ފޯނު ދިއްކޮށްލަމުން ކައިދިން ބުންޏެވެ. އޭނާ ހޫރައިންއާ ވާހަކަދެއްކިކަން ސިއްރުކުރާކަށް ނޫޅެއެވެ. އަނެއްކޮޅުން ކައިދިން ގަބޫލުކުރަނީ އޭނާ ދައްކާ ވާހަކަތައް އެހެން މީހަކަށް ކިޔާދޭކަށް ހޫރައިންއަކަށް ނުކެރޭނެކަމެވެ. އެހާ ހިތްވަރެއް އެ އަންހެންކުއްޖާގެ ނުހުންނާނެއެވެ. ހަގީގަތް އެނގޭނަމަ ޒެހެން ވެސް ހެވިފައި އޭނާގެ ކުރިމަތީ ނީންނާނެކަން އެނގެއެވެ. ފުރުސަތުގެ ބޭނުން ހިފަން ކައިދިން ގަސްދުކުރީ އެހެންވެއެވެ. ހީނުކުރާ ފަދަ ގޮތަކަށް އޭނާއަށް ހޫރައިންގެ ނަންބަރު ވެސް ލިބުނީ ނުހަނު ފަސޭހައިންނެވެ. ޒެހެން ކައިރީ ނޭހިޔަސް ނަންބަރު ލިބުނީ އޭނާގެ ފަރާތުން ވިއްޔާއެވެ.
"ކައިދިން ކޯލު ނެގީތަ؟" ޒެހެން އަހާލިއެވެ.
"ހޫމް. ގުޅާވަރުން ނެގީ." ކައިދިން ބުންޏެވެ.
ހޫރައިންއަށް ޒެހެން ގުޅިއެވެ. އޭނާ ދައްކާ ވާހަކަ އަޑުއަހަން ކައިދިން އިނެވެ. ފޯނުކޯލު ނިންމާލާފައި ޒެހެން ކޮފީޖޯޑު ނެގިއެވެ. ކޯވަރެއް ބޯލާފައި ކައިދިންއަށް ބަލާލިއެވެ. މިފަހަރު ޒެހެން ފެށީ އެހެން ވާހަކައެކެވެ. ހޫރައިންގެ ވާހަކަ އިތުރަކަށް އޭނާ ނުދެއްކިއެވެ.
އިރުއޮއްސެން ކައިރިވެފައި ވަނިކޮށް ކައިދިންއާއެކު ކޮފީއިން ފައިބައިގެން ނުކުތް ގޮތަށް ޒެހެން އައީ ގެއަށެވެ. އޭނާ ފެނުމާއެކު ސޯފާއިން އިން ހޫރައިން ބޯޖަހާލައިފިއެވެ. އެ އިޝާރާތް ދޭހަވި ފަދައިން ޒެހެން ވެސް ބޯޖަހާލީއެވެ. އޭނާ އައިސް ހޫރައިންގެ ގާތުގައި ސޯފާގައި އިށީނެވެ. އަނބިމީހާގެ ވައަތްތިލައިގެ އިނގިލިތަކާއި ޒެހެންގެ ކަނާއަތުގެ އިނގިލިތައް މަހާލައި ހިފަހައްޓާލިއެވެ.
"ހަމްދޫނު މިރޭ އަންނާނެ. އޭނާ އެ އަންނަނީ ހޫރު ރެޑީކުރަން. ހިޔެއްނުކުރަން މިހާ ފަސޭހައިން މިކަންވެދާނެއެކޭ." ހޫރައިންގެ ކޮނޑުގައި ބޯޖައްސާލައިގެން އިނދެ ޒެހެން ވާހަކަދެއްކިއެވެ.
"ޒެން ބުނިގޮތަށް އަހަރެން ރިކޯޑު ކުރީން." ހޫރައިން ބުންޏެވެ.
"ހަމްދޫނު އައީމަ އަޑު އަހާނީ. އެންމެ ރަނގަޅުތަ." ޒެހެން އަހާލިއެވެ. ހޫރައިން ހަމައެކަނި ބޯޖަހާލީއެވެ.
"މަންމަ ކިހިނެއް؟." ޒެހެން އަހާލިއެވެ.
"ނުކުރޭ އެއްވެސް ސުވާލެއް. އަހަރެން ދެރަވެދާނެތީ އެވާހަކަ ނުދައްކަން އެހުންނަނީ. ޒެންގެ މަންމަ ވެސް ނުދައްކާ އެވާހަކައެއް. ހަންނާނުބެއާ ޒެން ވާހަކަނުދައްކާނަންތަ؟. އެންމެންގެ ގުޅުން ކެނޑި ބައިބައިވާންތަ މިއުޅެނީ." ހޫރައިން އެންމެ ކަންބޮޑުވާ ކަންތައް ހާމަކުރިއެވެ.
"ބޮޑުދޮންބެއާ މީޓުކުރަން މިއަދު މަންމަ ދިޔަ. އަދި ކިޔައެއްނުދޭ ދެއްކި ވާހަކައެއް. ހަންނާނުބެއާ އަހަރެން ދައްކަން އޮންނާނީ ކޮންވާހަކައެއް. ކައިދިންގެ ގޮތް ބުނާން ހަންނާނުބެއަށް ނޭނގިއެއް ނޯންނާނެ. ހަންނާނުބެ ކައިދިން ޑިފެންޑުކުރާން މަސައްކަތް ކުރާތަނުން އަހަންނަށް ރުޅިއާދެވިދާނެ. މަންމަމެންގެ މެދުގައި އެކަން ކުރިޔަށްދިޔައްޔާހެން ހީވަނީ ރަނގަޅުވާނީ." ޒެހެން ބުންޏެވެ.
ރޭގަނޑު ދިހައެއް ޖަހައިފިއެވެ. މުނައްވަރުމެން ގޭގައި މިއުނާއާއި މުނައްވަރުގެ ދެމަފިރިންނާއެކު ހަންނާނު އިނެވެ. މުނައްވަރާއި ހަންނާނުއަކީ ވަކީލުންނަށް ނުވިޔަސް އެމީހުންނަށް ގަނޫނު އެނގެއެވެ. އެ ގާނޫނުގައި އެކި ކުށްތަކަށް ކަނޑައަޅާފައިވާ އުގޫބާތް ވެސް އެނގެއެވެ. މަސައްކަތުގެ ދާއިރާގެ ގޮތުން ގަނޫނަށް އެމީހުންވަނީ އަހުލުވެރިވެފައެވެ.
"އަހަރެން ތިމީހުންނަށް ހުރައެއް ނާޅަން. ކައިދިންއާ އަދި ވާހަކައެއް ވެސް ނުދައްކަން. އެކަމަކު އޭނާގެ އަހަރެންނޫން މީހަކު ނުހުންނާނެ އެހީވާކަށް. އަޅާނުލާ ހުންނާނީ ކިހިނެއް... އެއީ އަހަރެންގެ ހުރި ހަމައެކަނި ފިރިހެން ދަރި." ހަންނާނު އެ ދަރަޖައަށް މާޔޫސްވެފައިވާތަން އެކަކުވެސް މިނޫނީ ނުދެކެއެވެ.
"ޒެހެން މިކަންތައް ކޮޅެއްގަ ޖައްސާނެ. އޭނާ ރާވައިފަވަނީ ކިހިނެއްކަން އަހަރެންނަށް ކިޔައެއް ނުދޭ." މިއުނާ ބުންޏެވެ.
"ހަންނާނު، ކައިދިން އެކުރީ ބޮޑު ކުށެއް. އަދަބު ލިބުމުން ވެސް ދަރީންނަށް ހެޔޮގޮތް ވިސްނޭ. ކައިދިން މިކަން ނުކުރާ ކަމަށް ހަދަން އުޅުމަކީ އެ ދަރިފުޅު ހަލާކުގެ ތެރެއަށް ވައްޓާލުން. ދަރީންގެ ކުށްތަކުން އަހަރެމެން މައިންބަފައިންނަށް ވެސް ބަރީއަވެވެން ނޯންނާނެ. އެކުދީން ހެޔޮމަގަށް ގެނައުމަކީ އަހަރެމެން ދިރިހުރިހާ ހިނދަކު ކުރާންޖެހޭނެ ކަމެއް. މައެއްގެ ހައިސިއްޔަތުން އަހަރެންނަށް ފެންނަ ގޮތް މިބުނީ." ޝާހީނާ ބުންޏެވެ.
ޖެހިގެން އައި ދުވަހެވެ. އެއީ މެންދުރު ގެއަށް ގޮސްފައި ޒެހެން އެނބުރި އޮފީހަށް އައި ވަގުތެވެ. ކައިދިން މޭޒުދޮށުން ތެދުވިއެވެ. ކޮންތާކަށްތޯ އެހުމުން އޭނާ ކައިގެން އަންނާނޭ ކަމުގައި ބުންޏެވެ. އޭނާ މަޑުކޮށްގެން އެ އިނީ ޒެހެން އެނބުރި އަންނަން ދެނެވެ. އޮފީހުގެ ތިރިއަށް ކައިދިން ފޭބިއެވެ. ފޯނު ނެގުމާއެކު އޭނާ ގުޅީ ހޫރައިންގެ ނަންބަރަށެވެ.
"އިންތިޒާރުގައި މިހުރީ." ކައިދިން ބުނެލިއެވެ.
ފޯނު ޖީބަށް ލުމާއެކު ކައިދިން އޮފީހުން ނުކުމެ އޭނާގެ ސައިކަލަށް އަރާ ދުއްވާލިއެވެ. އޭނާ ހޫރުއާ ބައްދަލުކުރާން ނިންމީ ހޮޓަލެއްގެ ކޮޓަރިއެކެވެ. މަންޒަރިލާ ހަމައަށް ދެވެންދެން ކައިދިންގެ ތުންފަތް ދޭތެރެއަކުން ހިނިތުންވުމަކުން ދެމިލައެވެ. އެކަހެރިކޮށް ހޫރައިންއާ ބައްދަލުކޮށްލާން ފުރުސަތު ލިބުން ރީތި ހުވަފެނެކޭ އެއްވަރެވެ. އެ ހުވަފެނުން ހޭލާކަށް އޭނާ އަދި ތައްޔާރެއްނޫނެވެ. ކައިދިންއަށް ނޭނގެނީ ކޮންމެ ހުވަފެނަކީ ހަގީގަތެއް ނޫންކަމެވެ.
އަށާރަވަނަ ނަންބަރު ޖަހާފައިވާ ކޮޓަރީގެ ދޮރު ކީކާޑުން ކައިދިން ހުޅުވާލިއެވެ. އެތެރެއަށް ވަނުމުން ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ ހުދުފާރުތަކާއި ހުދުފަރުދާތަކެވެ. ދޮރު ލައްޕާލާފައި އޭނާ އައިސް އިށީނީ "ސިންގަލް" ސޯފާ ގޮނޑީގައެވެ. ކޮޓަރިތެރޭގައިވީ ފަނޑު އަލިކަމެވެ. އަތްފޯރާ ހިސާބު ފާރުގައި ހުރި ސުވިޗުތަކާއި ކައިދިން ކުޅެލިއެވެ. ވެރިވެފައި އޮތް ފަނޑު އަލިކަން މަސްތީ މާހައުލަކަށް ފުރުސަތު ދެއެވެ. ނަމަވެސް އެ އަލީގައި އޭނާއަށް ހޫރައިންނެއް ރަނގަޅަށް ނުފެންނާނެއެވެ. ހުދު އަލިން ކޮޓަރި ހުޅުދާންކޮށްލީ އެހެންވެއެވެ.
ކޮޓަރިއަށް ވަނީއްސުރެ ކައިދިންއަށް ގަޑި ހިނގާލެއް ލަސްވިއެވެ. ފަނަރަމިނެޓު ފަނަރަގަޑިއިރުހެން އޭނާއަށް އިހުސާސް ކުރެވުނެވެ. ކެތްތެރިކަން ކުޑަވެގެން އޭނާ ފައިތަޅުވާލައެވެ. ފޯނު ނެގީ ހޫރައިން ހުރީ ކިހާ ހިސާބެއްގައިތޯ ބަލާށެވެ. ހޫރައިންގެ ނަންބަރަށް ޑަޔަލް ކުރި ވަގުތު ކޮޓަރީގެ ތަޅުގައި މީހަކު ހިފިއެވެ. އަދި ފޯނު ރިންގުވާ އަޑު ދޮރުމަތިން އިވުނެވެ. އަވަހަށް ފޯނު ކަނޑާލާފައި ކައިދިން ގޮނޑީގައި ރަނގަޅަށް ހަމަޖެހިލިއެވެ. އޭނާ އަޅައިގެން ހުރި ރަސްމީ ހެދުމެވެ. ކަރުގައި އޮތް ޓައީ ރަނގަޅުކޮއްލަން އުޅެފައި ހިޔާލު ބަދަލުވެގެން ޓައީ ނެގިއެވެ. ކަރުގޮށާއެކު ތިރިން ދެގޮށް ނައްޓާލިއެވެ. ބޮލުގައި އަތްތިލަ ހިންގާލިއެވެ. އޭރު ދޮރު ކުޑަކޮށް ހުޅުވާލައިފިއެވެ.
"ވަދޭ..." ކައިދިން ހަރުގޮތަކަށް ބުނެލިއެވެ. (ނުނިމޭ)