ރައްޔިތުންގެ މަޖިލިސް

ފަނޑިޔާރު ރައޫފާއި ހަމީދު ވަކިކުރަން މަޖިލީހަށް ހުށަހަޅައިފި

ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު އަބްދުﷲ ހަމީދު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފި އެވެ.

މިމައްސަލައިގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ފޮނުއްވި ސިޓީ މަޖިލީހަށް އިއްވެވުމުން މަޖިލީހުގެ ރިޔާސަތުން ވަނީ މިމައްސަލަ ދިރާސާކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް ފޮނުއްވާފަ އެވެ.

ހިސާންގެ ސިޓީގައި ބުނެފައިވަނީ ގާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ހިލާފަށް ފަނޑިޔާރުންނަށް ސަރުކާރުން ދޫކުރި ފްލެޓްތަކެއް ހާއްސަ އަގުތަކެއްގައި ދެ ފަނޑިޔާރުން ބައްލަވައިގަނެފައިވާ ކަމަށެވެ. އެކަމުގެ ބަދަލެއްގެ ގޮތުން ހައިކޯޓުގެ ގަޒިއްޔާއެއްގެ ހުކުމް ކުރުމަށް ނިންމި ކަމަށް ތުހުމަތުކޮށް އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެއް ތަހުގީގުކޮށް ބެލިބެލުމުން، ހައިކޯޓުގެ ފަނޑިޔާރުންނަށް ސަރުކާރުން ދިން ފްލެޓްތަކަކީ ގާނޫނުއަސާސީއާ ހިލާފަށް އަދި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދައުރެއް ނެތި އެ މަޖިލީހުގެ އެއްވެސް ކަނޑައެޅުމެއް ނެތި ސީދާ ސަރުކާރުން ފަނޑިޔާރުންނަށް ދިން އިނާޔަތެއްގެ ގޮތުގައި ދިން ފްލެޓްތަކެއްކަން ސާބިތުވާ ކަމަަށެވެ.

ފަނޑިޔާރުންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމުގެ އުސޫލެއް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ކަމަށްވެސް ސިޓީގައި ފާހަގަކޮށްފައިވެ އެވެ. އެކަމަކު ހައިކޯޓުގެ ވަކި ފަނޑިޔާރުންތަކަކަށް ފްލެޓެއް ދީފައިވަނީ މާލީ ހާއްސަ ލުއިތަކަކާއެކު އަދި އެ ބާވަތުގެ ބޯހިޔާވަހިކަން ހަމަޖެއްސުމުގައި ދައުލަތުން ބަލައި އާންމު އުސޫލުތަކުގެ ބޭރުން ކަމަަށްވެސް ސިޓީގައިވެ އެވެ.

ސިޓީގައި ބުނެފައިވަނީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފަށް ހަވާލުކުރި މި ފްލެޓްތަކާ ހައިކޯޓުގެ ފަނޑިޔާރު އަބުދުއްރައޫފް އިބްރާހީމާއި ފަނޑިޔާރު އަބްދުﷲ ހަމީދު ހަވާލުވުމަކީ ގާނޫނު އަސާސީއާ ހިލާފު އަމަލެއް ކަމަށެވެ. އަދި އެކަމަކީ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 3.1 ގައި ކަނޑައަޅާފައި އޮންނަ ފަނޑިޔާރުންގެ ތެދުވެރިކަމާއި އިހްލާސްތެރިކަމާއި އަމާނާތްތެރިކަމާ މެދު އާންމުންގެ މެދުގައި ސުވާލު ނުއުފެދޭ ފެންވަރަކަށް ފަނޑިޔާރުންގެ އަމަލުތައް ބަހައްޓަން ވާނެ ކަމުގައި އޮންނަ އޮތުމާ ހިލާފު ކަމެއް ކަމަށެވެ. އަދި އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 3.2 ގައި ފަނޑިޔާރުންގެ އަހްލާގީ މިންގަނޑު ބަހައްޓަންވާނީ ޝަރުއީ ދާއިރާގެ ތެދުވެރިކަމާއި އިހްލާސްތެރިކަމާއި އަމާނާތްތެރިކަމާ މެދު އާންމުންގެ މެދުގައި އިތުބާރު ކުރެވޭ ފަދަ މަތީ ދަރަޖައަކަށް ކަމަށް ބަޔާންކޮށްފައި އޮންނަ އޮތުމާ ވެސް ހިލާފު އަމަލެއް ކަން ސާބިތުވާ ފަދަ އަމަލެއް ކަމަށްވެސް ބުނެފައިވެ އެވެ.

އެހެން ކަމުން ފަނޑިޔާރުކަމުގެ މަގާމުން އަބުދުއްރައޫފް އިބްރާހީމް އަދި އަބުދުﷲ ހަމީދު ވަކިކުރުމަށް ޖޭއެސްސީން ނިންމާ، މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި ގޮތެއް ނިންމައިދިނުމަށް އެދިފައިވެ އެވެ.

ދެ ފަނޑިޔާރުން ވަކިކުރަން ނިންމިއިރު ހައިކޯޓްގެ ފަނޑިޔާރަކަށް ހުންނެވި އަހުމަދު ސަމީރު ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. ސަމީރަކީ އޭރު ފްލެޓަކާއި ހަވާލުވެވަޑައިގެންނެވި ބޭފުޅެކެވެ.