ކޮމަންޑޫ

ގްރީން ފަންޑުން ކޮމަންޑޫއަށް 37 މިލިއަން ހޭދަކޮށްފި

Apr 25, 2022
4

ކުނީގެ މައްސަލަ ހައްލު ކުރަން ނަގަން ފެށި ގްރީން ޓެކުހުން ށ. ކޮމަންޑޫއަށް ފެބްރުއަރީ މަހު 37 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގެ ގްރީން ފަންޑުގެ ރިޕޯޓް ދައްކާ ގޮތުން ފެބްރުއަރީ މަހު 107 މިލިއަން ރުފިޔާ މި ފަންޑުން ހަރަދު ކުރިއިރު މީގެތެރެއިން 37 މިލިއަން ރުފިޔަ އަށް ވުރެ ބޮޑު އަދަދެއް ހޭދަކޮށްފައިވަނީ ކޮމަންޑޫ އަށެވެ. މި ފައިސާ ހޭދަކޮށްފައިވަނީ ގޮނޑުދޮއް ހިމާޔަތް ކުރުމަަށެވެ.

ރައްޔިތުން މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރަން ސަރުކާރުން 300 މިލިއަންނެއްހާ ރުފިޔާ ހޭދަކުރި ށ. ކޮމަންޑޫ ގޮނޑުދޮށް ހިމާޔަތް ކުރަން ބޮޑު އަދަދެއް ގްރީން ފަންޑުން ހޭދަކުރިއިރު މިއީ މިފަހުގެ ތާރީހުގައި މި ފަންޑުން އެންމެ ބޮޑު އަދަދެއް އެއް ރަށަކަށް ހޭދަކުރި ފަހަރެވެ.

ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ. ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ހަ ޑޮލަރެވެ. އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރެވެ. ނަމަވެސް ޓޫރިޒަމް ގާނޫނަށް މިހާރު ގެންނަން މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުގައި ޓޫރިޒަމްގެ ބައެއް ދާއިރާތަކުން ނަގާ ގްރީން ޓެކުހުގެ ރޭޓުތަކަށް ބަދަލު ގެންނަން ހުށަހަޅާފައިވެ އެވެ.