ބޮލީވުޑް

"ލާލް ސިންގް ޗައްޑާ"ގެ އެކްޓަރުންގެ އުޖޫރަ އިނގޭތަ؟

އާމިރު ޚާނާއި ކަރީނާ ކަޕޫރުގެ "ލާލް ސިންގް ޗައްޑާ"ގެ ޝޫޓިންގް ނިމި މިހާރު ރިލީޒްކުރަން ދަނީ ތައްޔާރުވަމުންނެވެ. މި ފިލްމަކީ 2022ގައި ރިލީޒްކުރާ ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ބަލާހިތުން ތިބި އެއް ފިލްމެވެ. އާމިރުގެ ކޮންމެ ފިލްމަކީ ވެސް ބެލުންތެރިންނަށް ޖާދޫ ޖައްސާ ފިލްމަކަށް ވާތީ މިފަހަރުވެސް އެ ފަދަ ޖާދޫއެއް ފެންނާނެކަމުގެ އުންމީދު އެބައޮތެވެ.

"ލާލް ސިންގް ޗައްޑާ" އަކީ ހޮލީވުޑްގެ މަޝްހޫރު ފިލްމެއް ކަމަށްވާ "ފޮރެސްޓް ގަމްޕް"ގެ ހިންދީ ރިމޭކެވެ. ހޮލީވުޑް ފިލްމުގައި ޓޮމް ހޭންކްސް ކުޅުނު ރޯލު ހިންދީ ފިލްމުގައި ކުޅެނީ އާމިރެވެ.

ފިލްމު އިއުލާންކޮށް ޝޫޓިންގް ފެށިތާ އެތައް އަހަރެއް ވަނީ ވެފަ އެވެ. ތަފާތު ސަބަބުތަކާ ހެދި ޝޫޓިންގްތައް ލަސް ވަމުން ދިޔައީ އެވެ. ފިލްމު ރިލީޒްކުރާ ތާރީޚު ލަސް ކުރަމުން ގޮސް އެންމެ ފަހުން އިއުލާންކޮށްފައިވާ ގޮތުގައި މި ފިލްމު ބޮޑު ސްކްރީނަށް އަންނާނީ އަންނަ އޮގަސްޓް މަހުގެ 11 ވަނަ ދުވަހު އެވެ.

މި ފިލްމުގައި ބައިވެރިވާ އެކްޓަރުން ފިލްމު ކުޅެދޭން ރެކޯޑް އަދަދަކުން ފައިސާ ނަގާފައިވާކަމަށް ޚަބަރުތައް ބުނެ އެވެ. އެގޮތުން އާމިރު މި ފިލްމު ކުޅެދޭ އަގަކީ 50 ކްރޯޑެވެ.

ފިލްމުގެ ބަތަލާ ކަރީނާ ކަޕޫރު 8 ކްރޯޑު ޗާޖްކުރާއިރު ދެ ވަނަ ބަތަލުގެ ބައި ކުޅޭ ސައުތު އިންޑިއާ އެކްޓަރު ނާގާ ޗޭތަންޔާގެ ފީ އަކީ ހަ ކްރޯޑެވެ.

ދެ ވަނަ ބަތަލާގެ ބައިކުޅޭ މޯނާ ސިންގް އަށް ދެ ކްރޯޑު ލިބޭއިރު މާނަވް ވިޖް އަށް އެއް ކްރޯޑު އަދި ޓީޓޫ ވަރުމާ އަށް 50 ލައްކަ ރުޕީސްގެ އުޖޫރައެއް މިފިލްމުން ލިބެ އެވެ.