ދެ ކިޑްނީ ފެއިލްވެ ވޭނީ ދިރިއުޅުމެއްގައި ހަތަރު އަހަރު ހޭދަކުރުމަށް ފަހު ނޫސްވެރިޔާ އަހުމަދު ސާއިދު ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަނަށް ފުރައިފި އެވެ.
ސާއިދު އޮޕަރޭޝަން ކުރަން ހަމަޖެހިފައިވަނީ ސްރީލަންކާއިންނެވެ. މިއަަދު އޭނާ ފުރާފައިވަނީ ކިޑްނީ ބަދަލު ކުުރުމުގެ އޮޕަރޭޝަނަށެވެ.
ފްލައިޓްތެރޭގައި އިނދެ އަވަސްއަށް ފޯނުން ދިން އިންޓަވިއުއެއްގައި ސާއިދު ވަނީ އޭނާގެ މި ދަތުރުގައި އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. އަދި އެންމެންގެ ހެޔޮ ދުއާއަށް އެދޭ ކަމަށެވެ.
"އަޅުގަނޑުގެ އުންމީދަކީ ކިޑްނީ ޓްރާސްޕްލާންޓް ކުރުމަށް ފަހު ގަަދަވެ ސަލާމަތުން ތިޔަ އެކުވެރިންނާ ބައްދަލްވުން. ކުރީގެ ދިރިއުޅުމަށް ރުޖޫއަވުން،" ގަދަ އުންމީދާއެކު ސާއިދު ބުންޏެވެ.
ހަތަރު އަހަރުވީ ވޭނީ ދަތުރެއް
ޖޫން 10، 2018 އަކީ ނޫސްވެރިޔާ އަހުމަދު ސާއިދުގެ ހަޔާތް ބަދަލުކޮށްލި ދުވަހެވެ. އެއީ އޭނާގެ ދެ ކިޑްނީ ފެއިލްވެފައިވާ ކަމުގެ ހިތާމަވެރި ހަބަރު ޑޮކްޓަރުންގެ ފަރާތުން ލިބުނު ދުވަހެވެ. އެ ހަބަރު ލިބުނުއިރު ކިޑްނީ ބައްޔަކީ ކޮބައިކަމެއް އޭނާއަކަށް ނޭނގެ އެވެ. ދިރިހުރުމަށް ކޮންމެ ދުވަހަކު ހަދަން ޖެހޭ ޑައިލިސިސްގެ ވޭން ހުންނާނެ ގޮތް ހިތަށް ގެނެވިފައެއް ނުވެއެވެ. އަދި އެހާތަނަށް އުޅެމުންދިޔަ ދިރިއުޅުމަށް އައުމަށް ހަދަންޖެހޭ ކިޑްނީ ޓްރާސްޕްލާޓް ހެދުމަށް ކުރަން ޖެހޭނީ ކިހާ ވަރެއްގެ ދަތުރެއް ކަމެއް ވިސްނާލެވިފައެއް ވެސް ނުވެ އެވެ.
ސާއިދުގެ ކިޑްނީ ފެއިލްވެފައިވާކަން އެނގުނުއިރު ކިޑްނީގެ މަސައްކަތް ހުރީ އެންމެ 13 ޕަސެންޓްގައެވެ. ދުވަހެއް ދުވަހަށް ހާލަތު ގޯސްވެ ފަރުވާއަށް އިންޑިއާއަށް ފުރިއިރު ކިޑްނީ ފަންކްޝަން ހުރީ އެންމެ ފަސް ޕަސެންޓްގަ އެވެ. ހޮސްޕިޓަލަށް ގެންދެވުނުތާ ދެ ގަޑިއިރުތެރޭ ފުރަތަމަ ޑައިލިސިސް ހަދަން ޖެހުނީވެސް ހާލަތު ގޯސްވެފައިވާލެއް ބޮޑު ކަމުންނެވެ. ޑައިލިސިސްއަށް ފަހު ސާއިދުގެ ހާލަތު ރަނގަޅުވާން ފެށި ނަމަވެސް އެގޮތުގައި ހޭދަވީ މަދު ގަޑިއިރުތަކެކެވެ.
އަނެއްކާވެސް ހާލަތު ގޯސްވެ އައިސީޔޫގައި ފަރުވާ ދޭން ޖެހުނެވެ. އެ ފަރުވާގައި ތިން ހަފްތާ ވަންދެން އައިސީޔޫގައި އޮތެވެ. ސާއިދުގެ ބަހުން އެއީ ރޭ ދުވާ ދައުރުވާ ކަމުގެ އިހުސާސް ނުކުރެވި ހޭދަވި 21 ދުވަހެވެ. ނަމަވެސް ވޭން ކުޑަވެ ހަމަޖެހިލެވޭ ކޮންމެ ވަގުތަކު އޭނާ ގެންދިޔައީ ކިޑްނީ ބަލީގެ އައު މައުލޫމާތު ހޯދާ އެއްކުރަމުންނެވެ. އެ ބަލީން އަރައިގަނެވޭނެ ގޮތަކީ ކޮބައިތޯ ބަލަމުންނެވެ.
ކިޑްނީގެ ހާލަތު ހުރި ގޮތުން ވީހާވެސް އަވަހަށް ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަން ކުރަން ޖެހުނެވެ. ނަމަވެސް އަށް މަސް ދުވަސް ހޭދަވީ އާއިލާއިން ކިޑްނީ ދޭނީ ކާކުތޯ ނިންމުމުގެ މަޝްވަރާގަ އެވެ. ފުރަތަމަ ކޮޅު އާއިލާގެ ދެ މީހަކު އެކަމަށް އިސްނެގި އެވެ. ނަމަވެސް ޓެސްޓްތައް ހަދަން ޖެހޭ ހިސާބަށް ދިއުމުން "ފިލަނީ" އެވެ. ހަބަރެއް ނުވަނީ އެވެ. ހަބަރެއްވާ ފަހަރަކު "ބިޒީ" ކަމަށް ބުނަނީ އެވެ.
އެއީ ކިޑްނީ ފެއިލްވުމުގެ ހިތާމައިގެ މައްޗަށް އިތުރު ހިތާމަތަކެއް ލިބި ސާއިދުގެ ދުނިޔެ ބަނަކޮށްލި ހިސާބެވެ. އާއިލާގެ އެހީތެރިކަން މުޅީންހެން ހުއްޓުނު ހިސާބެވެ. ކިޑްނީ ފެއިލްވެއްޖެ ނަމަ ދެން ރަނގަޅުވެ އެނބުރި މުޖްތަމައަށް އައުމަކީ ވާނެ ކަމެއް ނޫން ކަމަށް ބުނި އެތައް މީހަކާ އޭނާއާ ދިމާވިއެވެ. އާއިލާގެ ތެރެއިންވެސް އެ ވާހަކަތައް އަޑުއިވި އުއްމީދު ގެއްލުވާލި ކިތަންމެ ފަހަރެއް އައެވެ.
"އިންސާނަކަށް ވީތީ ލިބެންޖެހޭ ހައްގުތައްވެސް ނުލިބުނު. މީހުންނާއި ބައްދަލުކޮށް އަޅުގަނޑުގެ ހާލަތުގެ ވާހަކަ ނުދެއްކުމަށް މަޖުބޫރުކުރި. އެކި ތަންތަނަށް ގޮސް އަޅުގަނޑުގެ ހާލަތު ކިޔައިދޭތީ އެކަމުގެ ނުރުހުން އަޅުގަނޑަށް އަމާޒުވި،" އާއިލާގެ ތެރެއިން ކުރިމަތިވި ހިތްދަތި ކަމުގެ ވާހަކަތައް ތަފްސީލުކޮށް ދެމުން ސާއިދު ބުންޏެވެ.
އެ ހާލަތުގައި އޭނާ އެންމެ ކަންބޮޑުވީ މާޔޫސްވެ ޑިޕްރެޝަންގެ ޝިކާރައަކަށް ވެދާނެތީ އެވެ. އެހެންވެ އާއިލާގެ ނުރުހުން އޮތަސް މުޖުތަމައުގެ ތެރެއަށް ނިކުމެ މީހުންނާއި ބައްދަލުކޮށް ހަދަން ފެށި އެވެ. ހާލަތު ކިޔައިދީ އުންމީދެއް ލިބޭތޯ މަސައްކަތް ފެށިއެވެ. އެ މަގު އޭނާ އިހުތިޔާރު ކުރީ މިހާރު އުމުރުން ދުވަސްވެފައި ތިބި ސާއިދުގެ މަންމަ އާއި ބައްޕައާ މަޝްވަރާކޮށް އެ ދެ މީހުންގެ ރުހުމާ ހެޔޮ ދުއާއާއެކުއެވެ.
އެ ހާލަތުގައި ސާއިދަށް ވިސްނުނު އެންމެ ރަނގަޅު ގޮތް މަންމަ އާއި ބައްޕައަށް ހުށައެޅި އެވެ. އެއީ ސޯޝަލް މީޑިއާއާ އެ ނޫންވެސް ވަސީލަތްތައް މެދުވެރިކޮށް އާންމުންގެ އެހީތެރިކަމަށް އެދުމެވެ. ކިޑްނީއެއް ލިބޭތޯ އެވެ.
އެ ދަތުރަށް ބޭނުންވާނެ އެހެނިހެން އެހީތެރިކަންވެސް ހޯދާށެވެ. ނަމަވެސް ފުރަތަމަ އިއުލާނާއެކުވެސް އާއިލާގެ އެތައް ބަޔެއްގެ ރުޅި އަމާޒުވި އެވެ. އެއީ އާއިލާ ބަދުނާމު ކުރަން އޭނާ ކުރާ ކަމެއް ކަމަށް ދެކި އެހީތެރިކަމަށް އެދި ކުރި ޕޯސްޓްތައް ނަގަން މަޖުބޫރު ކުރި އެވެ.
ސާއިދު ބޭނުންވީ އޭނާގެ ދިރިއުޅުމެވެ. އެހެންވީމަ އާއިލާ މީހުން އޭނާ ދޫކޮށްލި ފަދައިން އާއިލާގެ އެ ފިއްތުންތަކަށް ބޯލަބަން ބޭނުންނުވީއެވެ.
ފުރަތަމަ އިއުލާނާއެކު ކިޑްނީ ހަދިޔާ ކުރަން އަށް މީހަކު ހުށައެޅި އެވެ. އެކަމަކު އޭގެ ތެރެއިން ބައެއް މީހުންނަށް އެކަން ނުކުރެވުނީ ސިއްހީ މައްސަލަތަކެއް ހުރުމުންނެވެ. އަނެއް ބަޔަކަށް އެކަން ނުކުރެވުނީ އާއިލާއިން ދެކޮޅު ހެދުމުންނެވެ.
"އަޅުގަނޑު ކޮންމެ މީހެއް ކައިރިވެސް ބުނަން އާއިލާއިން އެންމެ މީހަކު ދެކޮޅު ހެދިޔަސް އަޅުގަނޑު ބޭނުމެއް ނޫނޭ ކުރިއަށްދާކަށް،"
ކިޑްނީ ހަދިޔާ ކުރަން ހުށައެޅި ބައެއް މީހުންގެ ފަރާތުން ސާއިދު ހައިރާން ކުރުވަނިވި ކަންކަންވެސް ފެނިގެން ދިޔައެވެ. އެކަކު ބުނީ 70،000 ރުފިޔާ އަށް އޭނާގެ ކިޑްނީ ވިއްކާލާ ފާނެ ކަމަށެވެ. ވަގުތުން ފައިސާ ދޭނަމަ އެކަމަށް ތައްޔާރަށް ހުރި ކަމަށެވެ. އެހެން މީހަކު، އޭނާގެ ކިޑްނީގެ އަގަކަށް ހުށަހެޅީ ނުވަލައްކަ ރުފިޔާ އެވެ. ނަމަވެސް އެފަދަ އެއްވެސް ހުށަހެޅުމަކާ މެދު ވިސްނަންވެސް އޭނާ ބޭނުމެއް ނުވިއެވެ.
އެ ހިސާބަށް ދިޔައިރު ސާއިދު އިތުރަށް މާޔޫސްކުރުވީ އޭނާގެ އުފާވެރި ކައިވެނި ރޫޅުމުންނެވެ. ލޯބިވާ ދަރިފުޅާ ވަކިވާން ޖެހުމުންނެވެ.
"މި ޖާނީގައި އެންމެ ހިތްދަތިވި ކަމަކީ އަޅުގަނޑުގެ ދިރިއުޅުން ސުމަކަށް ވެއްޓިގެން ދިއުން. ދިރިއުޅުން ސުމަކަށް ދިޔައޭ މި ދެންނެވީ އަޅުގަނޑުގެ ދިރިއުޅުން މުޅީން ސުންނާފަތި ވެގެންދިޔަ އިނގޭތޯ. އަޅުގަނޑު އޭރު ލައިފެއް ފަށައިގެން ވަރަށް އުފާވެރި ދިރިއުޅުމެއް ހޭދަކުރަމުން ދިޔައީ. ނަމަވެސް އެ ވަގުތާ ހަމައަށް އައިއިރު ދިރިއުޅުން އޮތީ ނިމުމަކަށް އައިސް. އަޅުގަނޑަށް އެ ވަގުތާ ހަމައަށް ސިފަވަމުން އައީ ކޮންމެ ބަޔަކުވެސް ދިޔައީ އަޅުގަނޑަށް 'ހަދާނެ އެއްޗެއް' ހަދަމުންކަން. އާހިރުގައި ކަތިލެވިގެން ދިޔައީ އަޅުގަނޑުގެ ދިރިއުޅުން،" ސާއިދުގެ ހަޔާތުގެ ހިތްދަތި ދުވަސްތަކުގެ ވާހަކަަތައް ހަނދާނަށް ގެންނަމުން ބުންޏެވެ.
ކިޑްނީ ހަދިޔާ ކުރާނެ މީހަކުވޭތޯ ސާއިދު ގެންދިޔައީ އާދޭސްކުރަމުންނެވެ. ސާދަވަނައަށް ދިމާވި މީހާއާ އެކު ކިޑްނީ ބަދަލުކުރުމުގެ ކުރީން ހަދަން ޖެހޭ އެންމެ ފަހުގެ ޓެސްޓާ ހަމައަށް ދެވުނެވެ. އެއީ ސާއިދަށް މި ދަތުރުގައި އެހާތަނަށް ދެވުނު އެންމެ ކުރި އެވެ. ނަމަވެސް ސާއިދުގެ ހަށިގަނޑުން އެ މީހާގެ ކިޑްނީ ބަލައިގަތުމުގައި މައްސަލަތަކެއް ދިމާވެދާނެކަން ޓެސްޓްތަކުން ދެއްކި އެވެ. އެކަމުގެ ސަބަބުން ވަރަށް ބޮޑު ވޭނެއް ތަހައްމަލު ކުރަން ޖެހިދާނެ ކަމުގެ އިންޒާރު ޑޮކްޓަރު ދިނުމުން އެ ފުރުސަތުވެސް ގެއްލުނީ އެވެ.
ނަމަވެސް އުއްމީދު ގެއްލުވާލާ ނުލާ ކުރި މަސައްކަތުން މިއަދު ސާއިދު އެ ފުރަނީ 15 ވަނަ ޑޯނަރާ އެކު ކިޑްނީ ބަދަލު ކުރުމުގެ އޮޕަރޭޝަނަށެވެ.
"އާއިލާއިން އަޅުގަނޑަށް ދިން މެސެޖަކީ އެ މީހެއްގެ ކަމަކާ އުޅޭނީ އެމީހެކޭ. އެއީ ހަގީގަތުގައި އަޅުގަނޑަށް ވަރަށް ބޮޑު ހިތްވަރެއް ލިބުނު ކަމެއް. އެ ހިތްވަރު މަތީގައި އަޅުގަނޑު އަޒްމު ކަނޑައެޅިން މާތްﷲގެ ހަޒްރަތުގައި އުއްމީދު ކަނޑާނުލާނަމޭ އެންމެ ފަހު ނޭވާއާ ހަމައަށްވެސް. އެ ސާބިތުކަމުގައި އަޅުގަނޑު ހުންނާނަމޭ. އަޅުގަނޑު އޭނާ [ޑޯނަރު] ސިފަކުރާނީ އެންމެ މަތީ ދަރަޖައިގެ އިންސާނިއްޔަތުކަން އިސްކުރި މީހެއްގެ ގޮތުގައި. އެއީ އާއިލާ މީހަކަށް ދޭން ނުކުރެެނު އެއްޗެއް އޭނާގެ އެކުވެރިއަކަށް އެ ހިބަކޮށްދެނީ. އެއީ ވަރަށް މަތިވެރި ގުރުބާނީއެއް،"