ރާއްޖެ ކުޅިވަރު

ސުޒުކީ ކަޕުން ކެޓުމުން ބަންގާޅު އެފްއޭގެ ރައީސް މައާފަށް އެދިވަޑައިގެންފި

ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުން ބަނގްލަދޭޝް ކެޓުމާ ގުޅިގެން އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް އެންމެހާ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންފި އެވެ.

އެފްއޭގެ ރައީސް ގާޒީ ސަލާހުއްދީން މައާފަށް އެދިވަޑައިގަތީ އަންނަ މަހު އެ ގައުމުގައި ބާއްވާ ބަންގްބަންދު ގޯލްޑް ކަޕުގެ ގުރުނެގުމުގެ ރަސްމިއްޔާތުގައި މީޑިޔާއާ މުހާތަބްކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.

"މިއީ އަހަރުމެންނަށް ހިތާމަވެރި ދުވަހެއް. އަހަރުމެންގެ މައިގަނޑު ޓާގެޓަކަށްވީ މުބާރާތް ކާމިޔާބު ކުރުން. އެކަން ނުވުމުން ގައުމާއި ފުޓްބޯޅަ ފެޑަރޭޝަނުގެ ކިބައިން އަހަރެން މައާފަށް އެދެން،" ސަލާހުއްދީން ވިދާޅުވި އެވެ.

އޭނާ އަދި ބުނީ ސާފް ޗެމްޕިއަންޝިޕު 14 އަހަރުން ދަށުގާއި 16 އަހަރުން ދަށުގެ މުބާރާތް މި އަހަރު ކާމިޔާބު ކުރީ ބަންގާޅު ކަމަށާއި އަދި އެމުބާރާތުގެ 19 އަހަރުން ދަށުގެ ބައިން ފައިނަލް ކުޅެފައިވުމުން ބަނގްލަދޭޝްގެ ފުޓްބޯޅައިގެ މުސްތަގްބަލް އުޖާލާ ކަމަށެވެ.

އަދި ކުރިއަށް އޮތްތަނުގައި ފީފާއާ ގުޅިގެން ސާކް ގައުމުތަކުންނާއި ދުނިޔޭގެ ފެންވަރުގެ ކޯޗުން ބަނގްލަދޭޝް އަށް ގެންނާނެ ކަމަށެވެ.

"ފުޓްބޯޅަ ކުރިއަރުވަން ހަމައެކަނި މި ގައުމުގެ ކޯޗުން ތިބުމަކުން ނުފުދޭ. ކުރިއަށް އޮތްތަނުގައި އަހަރުމެން ގައުމުން ބޭރުގެ ދުނިޔޭގެ ފެންވަރުގެ ކޯޗުން ގެންނާނަން،" ސަލާހުއްދީން ބުންޏެވެ.