ސާފް ސުޒުކީ ކަޕް

އަފްގާނިސްތާނުގެ ކެޕްޓަން: ބޮން ގޮއްވާތީ ދެރަވެފައި، އުފާ ވަނީ ފުޓްބޯޅައިން

ސާފް ސުޒުކީ ކަޕުގެ ޗެމްޕިއަން އަފްގާނިސްތާނުގެ ކެޕްޓަން ފައިސަލް ޝަޔޭޝްޓޭ އަކީ ކާކު ހެއްޔެވެ؟ އޭނާ އަކީ ގައުމުގެ އެތެރޭގެ ހާލަތު ގޯސްވުމުން ހޮލެންޑަށް ދިރިއުޅުން ބަދަލުކުރި އަފްގާން ޑޮކްޓަރެއްގެ ދަރިއެކެވެ. ޝަޔޭޝްޓޭ (8) ސީނިއާގެ ދެ ކުދިން އަފްގާނިސްތާނަށް ފުޓްބޯޅަ ކުޅެ އެވެ. އޭގެ ތެރެއިން ހަނގު ދަރިފުޅު ފައިސަލް އަކީ މިހާރު ޓީމުގެ ކެޕްޓަން އެވެ.

"އަހަންނަށް އެނގޭ އަހަރުމެން ގައުމުގެ މީހުންނަށް ކުޅިވަރު މުހިންމުވާ ވަރު. އެއީ މުޅި ގައުމު އެކަތިގަނޑަކަށް ހަދައިދޭ އެއް ކަންތައް. ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުން މޮޅުވެގެން ގައުމުގެ މީހުން އުފާކޮށްދިނުމަކީ އަހަންނަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުން،" ފައިސަލް ބުންޏެވެ.

މިހާރު މަސައްކަތުން ރިޓަޔާކުރި ނަމަވެސް އަދިވެސް ހޮލެންޑްގައި ދިރިއުޅޭ އޭނާގެ ބައްޕަ އަކީ ފުޓްބޯޅަ އަށް ވަރަށް ބޮޑަށް ސަޕޯޓްކުރާ މީހެއްކަން ފާހަގަ ކުރަމުން ފައިސަލް ބުނީ އޭނާގެ އަށް ފުޓްބޯޅައިގައި ކުރިއަށްދާން އަބަދުވެސް ހިތްވަރު ލިބުނު ކަމަށެވެ.

"ހޮލެންޑްގައި އަހަރުމެން ދިރިއުޅޭ ގޭގެ ކުރިމަތީގައި ބައިވަރު ކުދިން ފުޓްބޯޅަ ކުޅޭނެ. އަހަރުމެންގެ ބައްޕަ އެނބުރި ގައުމަށް ނާންނާނެ. އެއީ އޭނާ ހިތްހަމަނުޖެހޭ ކަންތައްތައް ހުރުމުން. އަހަންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ގައުމު ތަމްސީލު ކުރުމަކީ. އަފްގާނިސްތާނާމެދު އަހަރެން ފަހުރުވެރިވަން. އަހަރެން އުފަންވީ (ވެރިރަށް) ކާބުލްގައި. އަހަރެން ވާހަކަ ދައްކަނީ އަފްގާން ބަހުން. ކޮންމެ ތާކު ދިރިއުޅުނަސް ބަލާނެ ކަމެއްނެތް ހިތުގެ އަޑިން އަހަންނަކީ އަފްގާނިސްތާން މީހެއް. އަހަރެން ވަރަށް ހިތާމަކުރަން ބޮންގޮއްވާ ވާހަކަ އާއި މީހުން މަރާ ވާހަކަ އިވުމުން. އަހަރެން ބޭނުންވަނީ އަފްގާނިސްތާނަށް ހަމަޖެހުން އެނބުރި އަންނަން،" ފައިސަލް ބުންޏެވެ.

އަފްގާނިސްތާނަށް ކުޅެން ނިންމުމުގެ ކުރިން އޭނާ އަކީ ހޮލެންޑްގެ 15 އަހަރުން ދަށާއި 17 އަހަރުން ދަށަށް ކުޅުނު ކުޅުންތެރިއެކެވެ. އަފްގާން ޓީމަށް ފައިސަލް ގެނައީ ކުރީގެ ގައުމީ ކޯޗު އެރިކް ރޫޓެމޯލާ އެވެ. ގައުމީ ޓީމަށް އޭނާ އެންމެ ފުރަތަމަ މެޗެއް ކުޅުނީ ކަޒަކިސްތާނާ ދެކޮޅަށް މިދިޔަ އަހަރު އެވެ.

"ހަނގުރާމައިގެ ސަބަބުން އަަހަރުމެންގެ ގައުމުގައި ކުޅެން ޖެހޭ މެޗުތައް ކުޅެނީ އިރާނުގައި. އަހަރެން އަދި ނުކުޅެން އަފްގާނިސްތާނުގައި. އަހަރެން ލޯބިކުރަން އަފްގާނިސްތާނުގައި ކުޅެން. އެކަމަކު މިވަގުތު ހާލަތު އެކަމަށް ތަނެއްނުދޭ. މިމުބާރާތަށް ވެސް އަހަރުމެން ތަމްރީނުހެދީ ގަތަރުގައި،" ތައިލެންޑް ލީގުގައި ކުޅެމުން އަންނަ 24 އަހަރުގެ މިޑްފީލްޑަރު ބުންޏެވެ.

އޭނާ ބުނީ ފުޓްބޯޅަ އަށް ވރެ ކްރިކެޓްގެ ފޯރި އަފްގާނިސްތާނުގައި ގަދަވަމުން އަންނަ ކަމަށާއި ނަމަވެސް ފުޓްބޯޅަ ކުރިއަރުވަން ފެޑަރޭޝަނުން މަސައްކަތް ކުރާ ކަމަށެވެ.

"ފުޓްބޯޅަ އަށްވުރެ ކްރިކެޓް އަންނަނީ ވައިގައި ހިފަމުން. ފުޓްބޯޅަ އަށްވުރެ ކްރިކެޓް މާއޮގަނައިޒް. އަހަރުމެންގެ ފުޓްބޯޅަ ފެޑަރޭޝަނުން ދަނީ ފުޓްބޯޅަައިގެ މަގުބޫލުކަން މަތިކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން. ވަރަށް ހުނަރުވެރި ކުޅުންތެރިން އަފްގާނިސްތާނުގައި އެބަތިބި. އެކަަމަކު އަހަރުމެންގެ ލީގު އޮންނަނީ ތިން މަހަށް ނޫނީ ހަތަރު މަހަށް. އަހަރެން ގަބޫލުކުރަނީ މިވަރު މާކުރުކަމަށް. ފުޓްބޯޅަ ކުރިއަރުވަން ކުޅުންތެރިން ކުޅުމުގެ ތެރޭގައި ތިބޭ ދުވަސްތައް ގިނަ ކުރަންޖެހޭނެ،" ފައިސަލް ބުންޏެވެ.

ގައުމީ ޓީމަށް މިހާތަނަށް 12 މެޗު ކުޅެތިން ގޯލު ޖަހާދީފައިވާ ފައިސަލް އަށް ގައުމީ ކެޕްޓަންކަން ދިނީ މިހާރުގެ ކޯޗު ޕީޓަ ސާގެޓް އެވެ. ފައިސަލް ބުނީ ކުޅުންތެރިން އަމިއްލަ އަށް ކުރިއަރަން ކޯޗު ފުރުސަތުދޭ ކަމަށާއި ކޯޗަކީ އެޓޭކިން ފުޓްބޯޅަ ކުޅެން ބޭނުނވާ މީހެއް،" ފައިސަލް ބުންޏެވެ.

އޭނާ ބުނީ ގައުމުގެ ގިނަ މީހުން ތިބީ މާޔޫސްވެފައި ކަމަށާއި އެމީހުންނަށް އުފާވެރިކަން ގެނުވޭނީ ފުޓްބޯޅައިން ކަމަށެވެ. މިހެންވެ ސާފް ސުޒުކީ ކަޕުގެ ޗެމްޕިއަންކަން ހޯދަން އަފްގާނިސްތާން އޮތީ ތައްޔާރަށް ކަމަށެވެ.