ބޮލީވުޑް

ވެބް ސީރީޒް "އަނޫޕަމާ: ނަމަސްތޭ އެމެރިކާ"އަށް ބޮޑު ތަރުހީބެއް

"އަނޫޕަމާ"ގެ ވެބް ސީރީޒް "އަނޫޕަމާ: ނަމަސްތޭ އެމެރިކާ، އޭޕްރީލް 25 ވީ ހޯމަ ދުވަހުން ފެށިގެން ޑިޒްނީ+ހޮޓްސްޓާ އިން ވަނީ ދައްކަން ފަށާފަ އެވެ.

މިއީ ސްޓާ ޕްލަސް އަށް ރަޖަން ޝާހީ އުފައްދަމުންދާ "އަނޫޕަމާ"ގެ ޕްރިކުއެލް އެކެވެ.

"އަނޫޕަމާ"އަކީ މިހާރު އިންޑިއާގެ ޓީވީ ޗެނަލްތަކުން ދައްކާ ސީރީޒްތަކުގެ ތެރެއިން ޓީއާރްޕީ ޗާޓުގެ އެއްވަނައިގައި އެތައް މަހަކުން ސުރެ އޮތް ވަރަށް ކާމިޔާބު ޝޯ އެކެވެ.

މި ޝޯގެ މުޅިން އާ ވެބް ސީރީޒް އަށް ފަށަން ގަސްތުކުރީ ފޭނުންގެ ޑިމާންޑަށް ބަލާފައި ކަމަށް ޝޯގެ ޕްރޮޑިއުސަރުން ބުނެފައިވެ އެވެ.

"އަނޫޕަމާ: ނަމަސްތޭ އެމެރިކާ"ގައި ދައްކަނީ އަނޫޕަމާ އާއި އެ ސިލްސިލާގައި މައިގަނޑު އެހެން ކެރެކްޓާތަކުގެ 17 ވަރަކަށް އަހަރު ކުރީގެ ދިރިއުޅުމެވެ.

މި ޝޯގެ ފުރަތަމަ އެޕިސޯޑަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ. އަދި ރުޕާލީ ގަންގޫލީ އާއި ސުދާންޝޫ ޕާންޑޭގެ ކެރެކްޓާގެ ވަރަށް ޒުވާން ދުވަސްވަރެއް މި ޝޯގައި ދައްކާތީ ބެލުންތެރިންގެ ޝައުގުވެރިކަން މި ޝޯއަށް އިތުރަށް ލިބިފައިވެ އެވެ. އެންމެން ވެސް ބުނެފައިވަނީ ރުޕާލީ އާއި ސުދާންޝޫގެ ޒުވާން ކެރެކްޓާ ވަރަށް ރީތިވެފައި ޝައުގުވެރި ކަމަށެވެ.

ނަމަވެސް އަނޫޖް ކަޕާޑިއާ -- ގޯރަވް ކަންނާ އެއް ފުރަތަމަ އެޕިސޯޑުގައި އެއްގޮތަކަށް ވެސް ނުދައްކަ އެވެ. ގޯރަވް ނުފެނުމުން އޭނާ މި ވެބް ސީރީޒްގައި ބައިވެރިވޭތޯ ނުވަތަ ނޫންތޯ ފޭނުން ވަނީ ސުވާލު އުފައްދާފަ އެވެ.

އެއާއެކު ރުޕާލީ ސޯޝަލް މީޑީއާގައި ޝެއާކުރި ޕޯސްޓެއްގައި ވަނީ ގޯރަވް އާއި އޭނާ އެންމެ ޅައިރު ބައްދަލުވީ ގޮތާއި އެމީހުންގެ މެދުގައި އޭރު ގުޅުން އޮތް ގޮތް ދައްކާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ.

ރުޕާލީ އިންސްޓަގްރާމްގައި ޝެއާކުރި މި ވީޑީއޯގައި ފެންނަނީ އޭނާ އާއި ގޯރަވް ނަށާ ތަނެވެ. އެމީހުން ނަށަނީ ކިޝޯރު ކުމާރާއި ލަތާ މަންގޭޝްކަރްގެ ވަރަށް މަޝްހޫރު ލަވައެއް ކަމަށްވާ "ސުނޯ ކަހޯ ސުނާ" އަށެވެ.

މި ލަވައިގައި ރުޕާލީ ފެންނަނީ އެންމެ ޒުވާން ދުވަސްވަރު ހުރި ސިފައިގަ އެވެ. ގޯރަވް ވެސް ހުންނަނީ ކޮލެޖަށްދާ އުމުރުގެ ޒުވާނެއްގެ ސިފައިގަ އެވެ.

"އަނޫޕަމާ އާއި އަނޫޖް 17 އަހަރު ކުރިން"، މި ވީޑިއޯގެ ކެޕްޝަންގައި ލިޔެފައި ވެއެވެ.

ގޯރަވް ވަރަށް އަވަހަށް މި ވެބް ސީރީޒް އިން ފެންނާނެ ކަމުގެ އުއްމީދު ފޭނުންނަށް އާވެފައިވަނީ މި ވީޑިއޯ ބަލާފަ އެވެ.

މިހާތަނަށް "އަނޫޕަމާ: ނަމަސްތޭ އެމެރިކާ"ގައި ފެނިފައިވަނީ ރުޕާލީ އާއި ސުދާންޝޫ، ސަރީތާ ޖޯޝީ، އަލްޕަނާ ބޫޗް، އަރްވިންދް ވައިދިޔާ، ޕޫޖާ ބެނާޖީ އަދި އެކްތާ ސަރައިޔާގެ އެންމެ ޒުވާން އިރުގެ ދިރިއުޅުމެވެ.

ފުރަތަމަ އެޕިސޯޑުގައި ފެނިފައިވަނީ "އަނޫޕަމާ" އާއިލާގެ ކަންކަމުގައި ވަރަށް ބިޒީކޮށް އުޅެމުންދާ ތަނެވެ. އަދި ވަންރާޖް ވިޔަފާރި ދަތުރެއްގައި ފުރަން އުޅޭ ތަނެވެ.