އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް،

އޭއީއެޗް އަށް 26 ނަރުހުން ހޯދަން އިއުލާންކޮށްފި

Apr 26, 2022

ދެކުނުގެ އެންމެ ބޮޑު ހޮސްޕިޓަލް -- އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް 26 ނަރުހުން ހޯދަން އިއުލާންކޮށްފި އެވެ.

އެ ހޮސްޕިޓަލަށް ހޯދަން އިއުލާންކުރީ ދާއިމީ ރެޖިސްޓާޑް ނަރުހުންނާއި ސީނިއާ ރެޖިސްޓާޑް ނަރުހުންނާއި ކްލިނިކަލް ނަރުހުންގެ މަގާމަށެވެ.

އިއުލާންކޮށްފައިވާ ވަޒީފާތަކުގެ މުސާރައިގެ ގޮތުގައި 9،060 ރުފިޔާ އާއި 10،940 ރުފިޔާ ދޭނެ ކަމަށް ބުނެފައިވެ އެވެ. މީގެއިތުރުން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ އާއި ބަންދު ދުވަހުގެ ފައިސާ ދިނުމަށް ވެސް ނިންމާފައިވެ އެވެ.

ވަޒީފާ އަށް މީހުން ހޮވުމުގައި އިސްކަން ދިނުމަށް ނިންމާފައިވަނީ ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނާއި މަސައްކަތުގެ ދާއިރާއިން ހޯދާފައިވާ ތަޖުރިބާއަށް ބަލައިގެންނެވެ. އަދި ގާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކުރާނެ ކަމަށްވެސް އިއުލާންގައިވެ އެވެ.

މިމަގާމަށް ޝައުގުވެރިވާ މީހުން ކަމާ ގުޅޭ ފޯމު އީމެއިލް މެދުވެރިކޮށް ހުށަހަޅަން ފުރުސަތު ދީފައިވަނީ އަންނަ މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށެވެ.

ދެކުނުގެ ހޮސްޕިޓަލާއި ސަރަހައްދީ ހޮސްޕިޓަލް ތަކުގެ ހިންގުން ހަރުދަނާކޮށް ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.