( 24 އެޕްރިލް 2022 އާ ގުޅޭ )
އަވަހަށް ފޯނު ކަނޑާލާފައި ކައިދިން ގޮނޑީގައި ރަނގަޅަށް ހަމަޖެހިލިއެވެ. އޭނާ އަޅައިގެން ހުރި ރަސްމީ ހެދުމެވެ. ކަރުގައި އޮތް ޓައީ ރަނގަޅުކޮއްލަން އުޅެފައި ހިޔާލު ބަދަލުވެގެން ޓައީ ނެގިއެވެ. ކަރުގޮށާއެކު ތިރިން ދެގޮށް ނައްޓާލިއެވެ. ބޮލުގައި އަތްތިލަ ހިންގާލިއެވެ. އޭރު ދޮރު ކުޑަކޮށް ހުޅުވާލައިފިއެވެ.
"ވަދޭ..." ކައިދިން ހަރުގޮތަކަށް ބުނެލިއެވެ.
* * * * *
ހަޔާތުގެ ދަތުރުގައި ދިރިއުޅުމުގެ އެކިހިސާބުން އެތައް ބަޔަކާ ތިމާ ބައްދަލުވެއެވެ. އެކި މިޒާޖުގެ މީހުންނެވެ. ބައެއް ގުޅުންތައް ދިރިއުޅުމުގައި ޝާމިލްވެ ގާތްކަން އުފެދި ހާއްސަވެގެންދާއިރު، ތިމާގެ ދިރިއުޅުމަށް އައި މެހެމާނުންތަކެއް ފަދަ ގުޅުންތަކެއް ވެސް ވާނޭކަން ގައިމެވެ. ވަގުތާއި ހާލަތުގެ މަޖުބޫރުގައި ތިބާ އެބަޔަކާ ގުޅުން ކެނޑިގެންދިޔަ މީހުން ވެސް ތިބޭނެއެވެ. އެހެންވިޔަސް ހާއްސަވެއްޖެ ކޮންމެ ގުޅުމެއްގެ ހަނދާންތައް އަބަދުވެސް ތިބާއާއެކުވާނެއެވެ. ހަމައެއާއެކު ތިބާއަށް ލިބޭ އަނިޔާއާއި ހިތްދަތިކަމުގެ ހަނދާންތައް ފުހެލާން ބޭނުންވިޔަސް އެކަން ފަސޭހަކަމަކަށް ނުވެއެވެ. ޒަޚަމްތައް ފުންވި ވަރަކަށް އެ ހަނދާންތައް ސިކުނޑީގައި ބިންވަޅުނެގިގެންދެއެވެ. ރިހުން ނެތިގެން ދިޔަ ނަމަވެސް ތާ އަބަދަށް ނުފިލާނޭ ފަދަ ލަކުނު ތަކަކަށް އެފަދަ ހަނދާންތައް ބަދަލުވެއެވެ.
ހޫރައިންގެ ހަޔާތުން ފުރަތަމަ ފަހަރަށް އަނދިރި ދުވަހަކާ ކުރިމަތިލީ ބައްޕައާ ވަކިވާން ޖެހުނު ދުވަހެވެ. އަދަބުވެރި ކުރުވާ ހަރުކަށިކަމުގެ ތެރޭ އޯގާތެރިކަމާއި ލޯބިން ފުރިގެންވާ ހިތެއްގެ ވެރިއެއްކަމުގައި އެ ބައްޕަ ވެއެވެ. އަމިއްލައަށް ކަންކަމާ ކުރިމަތިލާން ޖެހިއްޖެކަމުގައި އެ ބައްޕަގެ މަރު ހޫރައިންއަށް ބުނެދިނެވެ. މަންމައާއި ބައްޕަގެ އޭނާ ނޫނީ ދަރިއަކުވެސް ނެތީމައެވެ. ހުވަފެންތަކުގައި ކުލަޖައްސާ ދިނުމަށް ބައްޕަގެ އެހީތެރިކަމެއް ދެން ނުލިބޭނެކަން އޭނާއަށް އެނގެއެވެ. އަދި ބޯމަތީގައިވާ ރައްކާތެރިކަމުގެ އަތްތިލަ ގެއްލުނީކަން އިހްސާސް ކުރެވުނެވެ. ހުރިހާ ޚަރަދެއް ބަލަހައްޓަމުން އައީ ބައްޕައެވެ. މަންމަގެ ވަޒީފާއަކީ ގޭތެރެއާއި ހޫރައިންގެ ހުރިހާ ކަމެއް ބެލެހެއްޓުމެވެ. ބުރަ އެހެންނަމަވެސް މުސާރައެއް ކަނޑައެޅިފައިނުވާ ވަޒީފާއެކެވެ. ބައްޕަ ވަކިވުމުން އެ ދެމައިންނަށް މާލީ ގޮތުން ދަތިވާނޭވަރު ހޫރައިންއަށް އެނގެއެވެ. ވަޒީފާއަކަށް ދިއުން ހޫރައިންއަށް މުހިންމުވީ އެހެންވެއެވެ. އެކަމަކު އޭރު އޭނާގެ ދިރިއުޅުމަށް ބިންދާލާނެ ރާޅެއްގެ ނުރައްކާތެރިކަން ތަސައްވުރު ވެފައެއް ނެތެވެ. ކޮންމެ އާއިލާއެއްގެ އަންހެން ދަރިފުޅާއި މައިމީހާ ރައްކާތެރިކޮށްދޭނޭ ފިރިހެނަކު ނުހުންނާނެއެވެ. އޭގެ މާނައަކީ އަންހެނުން ތިބެންވީ ގެއިން ނުނިކުމެ ހެއްޔެވެ. އެމީހުންނަށް މިނިވަންކަމާއެކު ގެއިން ބޭރުގައި އުޅުމުގެ ހައްޤެއް ނެތީ ހެއްޔެވެ.
އުމުރުން ވިހި އަހަރަށް އެޅިއިރު މުސްތަޤްބަލާމެދު ހޫރައިން ކުރާ އުންމީދުތައް ވަނީ ރޭވިފައެވެ. މިސްރާބާއި މަންޒިލް ކަނޑައެޅި ސާފުވެފައި ވެއެވެ. ނަމަވެސް ހޫރައިންގެ ހަޔާތުގެ ހުޅުކޮޅު މީހަކު ނިއްވާލީއެވެ. ގަސްދުގައެވެ. ނުދެނަހުއްޓައެވެ. އަނިޔާވެރިކަމާއި ގަދަބާރުގައެވެ. ހުވަފެންތަކާއި އުންމީދުތަކުގައި ހުޅުޖަހައި، އަޅިއަށްވެ އޭގެ އަސްލަށް ވާސިލުނުވެވޭނެހާ ދުރަށް ބުރައިގެން ދިޔައީއެވެ. ބުއްދި ދެއްވާ މާތް ކުރެއްވި އިންސާނުންގެ ތެރޭގައިވި ޝައިތާނަކަށްވުރެ ނުބައި ރަހުމްކުޑަ މީހެއްގެ ހިޔަނި އޭނާގެ އަމާން އޮމާން ހަޔާތައް އެޅުނީއެވެ. މުޅި ދިރިއުޅުން ބަރުބާދުކޮށްލީއެވެ. ބަލިމީހަކަށް އޭނާ ހެދީއެވެ.
"ހާދަ ދުރުގަ... މިކޮޅަށް އާދެބަލަ." ކައިދިން އެއް އަތުން އިޝާރާތްކުރަމުން ބުނެލިއެވެ. އެ އަޑުގައިވަނީ ގާތްކަމެވެ.
ހޮޓެލްގެ އެ ކޮޓަރިއަށް ވަނީއްސުރެ ހޫރައިންގެ ނަޒަރު ހުރީ ކައިދިންއަށް ހުއްޓިފައެވެ. އިންސާނަކަށް ދުވަހަކުވެސް މަޢާފު ހައްޤުނުވާވަރަށް ނަފުރަތު ކުރާން ޖެހިދާނޭ އޭނާ ހިތަކަށް ނާރައެވެ. އެހެންވިޔަސް މިއަދު އެއީ ހަގީގަތެވެ. އޭނާ އެހެރީ މި ދުނިޔެމަތިން އެންމެ ނަފުރަތުކުރާ މީހާގެ ކުރިމަތީގައެވެ. އެ ހަނދާންތަކަކުން މިންޖުނުވެވުނު މަންޒަރުތައް އަލުން ހޫރައިންގެ ލޯ ކުރިމަތީ ދައުރުވާން ފެށި ކަހަލައެވެ. ކައިދިންގެ އަތްދަށުވީ ރޭ ރޮއެ އާދޭސްކުރިވަރަށް ދުވަހަކުވެސް މީހެއް ކައިރީ ހޫރައިން ކަމަކަށް އާދޭސްކޮށްފައެއް ނެތެވެ. އެރޭ އިހްސާސް ކުރެވުނު ފަދަ ގަދަ ވޭނެއް އަދާ ހަމައަށް އައިއިރު ވެސް އޭނާއަށް ތަހައްމުލު ކުރާން ޖެހިފައެއް ނެތެވެ.
"ހޫރު... ކީއްވެފަ ތިހުންނަނީ." ކައިދިން ވާހަކަދެއްކިއެވެ. މަޑުމަޑުން ހޫރައިން ކުރިޔަށް ދެ ފިޔަވަޅު އަޅާލިއެވެ. އެތަން ފެނި ކައިދިންގެ ތުންފަތް ދެމިލިއެވެ. އެ ފާޅުކޮށްލީ ހިތްހަމަޖެހިއްޖެކަމުގެ ރަމްޒެކެވެ.
"ކޮބާ ޔޫކް؟. ގޮވައިގެން ނައީ ކީއްވެ. އަހަންނާ ވައްތަރީ ދޯ." ކައިދިން އަހާލިއެވެ. ހޫރައިންއަށް ދަތްކުނޑިވިކާލެވުނެވެ.
"ކަލޭ ކުޑަކޮށް ވެސް ލަދެއް ނުގަނޭތަ؟." ރުޅިއާއި ނަފުރަތުގެ ޖަޒުބާތުގައި އޮބިއަޅައިގެން ހުރެ އާދައިގެ ގޮތަކަށް ހޫރައިން ބުންޏެވެ.
"ކަލޭ ނުކިޔަބަލަ. ކައިދިން... އެނަމުން ގޮވާ. އަހަރެން ވެސް ހޫރަށް ކަލެއެކޭ ނުގޮވަން ދޯ." ކައިދިން މަޑުމަޑުން ކުރިޔަށް އަންނަން ފެށިއެވެ. ޒުވާބު ކުރުމުގެ ބަދަލުގައި ސުލްހަވެރިކަމާއެކު ހޫރައިން ރުއްސަން ކައިދިން ގަސްދުކުރިއެވެ.
"ދުރުގަ ހުރޭ. އެހެންނޫނީ ނުކުމެގެން ހިނގައިދާނަން." ހޫރައިންގެ އިންޒާރުގައި ހަރުކަށިކަން އެކުލެވުނެވެ.
"އޯކޭ ފައިން. ރުޅި ނާދެބަލަ. ކިހާ ދުވަހެއްފަހުން މިބައްދަލުވީ. ރީތިކޮށް ވާހަކަދައްކަބަލަ." ހިނިތުންވުމަކާއެކު ބޮލުން އިޝާރާތެއްކޮށްލާފައި ކައިދިން ފަހަތަށް ޖެހިލައިފިއެވެ. އޭނާގެ ދެއަތްތިލަ ފަޓުލޫނުގެ އަރިމަތީ ޖީބަށް ކޮށްޕާލައިގެން ހުރެ ފަރުވާތެރިކަމާއި ޝައުގާއެކު ހޫރައިންއަށް ބަލަން ފެށިއެވެ.
"އަދިވެސް ބޮޑުވެއްޖެހެން ހިޔެއްނުވޭ. ތި މޫނުގަވާ ފޮތިގަނޑު ނަގާބަލަ. މިތާ އަހަރެމެން ފިޔަވާ އިތުރު މީހަކުނެތް. އެހެންނޫނަސް އަހަންނަށް ފެނިފަ ދޯ ހުރީ.... އެވްރިތިންގް..." ލާނެތް ހިނިތުންވުމެއް ކައިދިންގެ ތުންފަތުގައި ނުފިލާ ހުއްޓެވެ. އޭނާގެ ހިޔާލުތަކުގައި ކުރެހިފައިވީ ހޫރައިންގެ ކަޝްފުވެފައިވާ ހަށިގަނޑެވެ. އަދި ވެސް އެ ބައްޓަން މާޒީގަ ފެނުނުހާ ފުރިހަމަތޯ އޭނާގެ ހިތަށް އަރަމުންދިޔައެވެ.
"އަހަންނާއި ކަލޭގެ ވެރިފަރާތަށް އެއްވެސް ކަމެއް ސިއްރުވެގެންނުވޭ. ކަލޭގެ ނިޔަތާއި ގަސްދު ވެސް އެކަލާނގެ މޮޅަށް ދެނެވޮޑިގެންވޭ. އަދިވެސް ބިރުގަންނާކަށް ނުވޭތަ. ކިތައް އަހަރު މިވީ. ކަލޭ ތަޢުބާވޭތޯ ﷲ ކަލެއަށް ފުރުސަތު ދެއްވި. ހަ އަހަރު ކަލޭ ބޭކާރުތިކޮއްލީ. މިއަދު އަހަންނެއްނޫން ކަލޭގެ ކުރިމައްޗަށް އައިސް މިހުރީ. ކަލޭ ތިހުރީ އަހަރެން ބޭނުންވެގެން ގެނެވިފަ." ހޫރައިން ވަގުތުން ބުނެލިއެވެ. ކައިދިން ލުއި ގޮތަކަށް ހީނލީއެވެ.
"ހޫރު. އައި ލައިކް ޔޯ ސްޕިރިޓް. އެޔެއްނޫން މުހިންމީ. އަހަންނަކަށް ނޭނގެ ކަލޭ ޒެހެންއާ ހިތާވާން ކުރީ ކޮންކަމެއްކަން. އިޓް ޑަޒަންޓް މެޓާ. އޭނާ ކައިރިން ވަރިވޭ..." ކައިދިންގެ ވާހަކަ ފުރިހަމަ ނުވަނީސް ހޫރައިން ވާހަކަދައްކަން ފެށިއެވެ.
"ކަލެއާ އިންނަންތަ؟. ހަނދާންނެތުނީތަ؟... ބަލަ ތި އަނގައިންނޭ ބުނީ އަހަންނާ އިންނާނެ މީހަކުވޭތޯ ބަލާނަމޭ. އަހަންނާ ދެން އެއްވެސް ފިރިހެނަކު ކައިރިއެއް ނުވާނެއޭ. ކަލޭ ފިޔަވާ." ހޫރައިންގެ ދެ ލޮލުން ރުޅިވެރިކަން ފާޅުވެއެވެ.
"ސޮރީ... އޭރު އަހަރެން ވެސް ހުރީ ރުޅިއައިސްފަ. އިޓްސް ޕާސްޓް. ކުރެވުނުކަމެއް ކުރެވުނީ. އެކަމަކު އަހަރެން އަދިވެސް ވަރަށް ބޮޑަށް ލޯބިވޭ. ހޫރު ވަރަށް ބޭނުން. އަނެއްކާ ޔޫކް އެއީ އަހަރެންގެ ދަރިއެއްނު. އަހަރެން ހޫރުއާއި ދަރިފުޅު ވެސް ބޭނުން. ފެމެލީ ވެސް ބޭނުންވަނީ އަހަރެން އަވަހަށް ދިރިއުޅުމެއް ފަށަން. ވަރަށް ސީރިއަސްކޮށް މިބުނީ. ހޫރުއާ މެރީ ކުރާން އަހަރެން ކުރީން ވެސް ބޭނުންވީ. ޕްލީޒް. އަހަރެން ހޫރު އުފަލުގައި ގެންގުޅޭނަން. ދެން ދުވަހަކުވެސް އަނިޔާއެއް ނުދޭނަން." ކައިދިން ހަގީގަތުގައި ވެސް ހޫރައިން ބޭނުންކަން ހާމަކުރިއެވެ.
"އަހަރެން ތި ލޯތްބެއް ބޭނުމެއްނޫން. އޭރު ވެސް އަހަރެން ކަލޭދެކެ ލޯތްބެއްނުވޭ މިހާރު އަދިވަކިން ލޯބިވެދާނޭ، ކަލެއާ ގުޅޭން ގަބޫލުވެދާނޭ ހީކުރީތީ ވެސް ހައިރާންވެއްޖެ. އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ ކަލޭ ކުރިކަންތައް. އަދި ދުވަހަކުކޮޅުން ވެސް ޔޫކަށް އެނގޭކަށް ބޭނުމެއްނޫން އެކުއްޖާއާ ކަލެއާ ގުޅުމެއްވާކަން. ކަލޭހާ ގޮތެއްނެތް މުޑުދާރު އިންސާނަކު އަހަރެން ނުދެކެން. ކަލެއާ އެކީ ވެސް އުޅެނީ ކަލޭ ކަހަލަ ވިޔާނުދާ މީހުން. އެހެންނޫނީ އެރޭ އެ ނުބައިކަންތައް ކުރާން ކަލެއާ އެމީހުން އެއްބައެއްނުވީސް."
"ހުއްޓާލާ. އާން! އަހަންނަކީ މާ މާތް މީހެއްނޫން. ބުނެފީމެންނު އަހަރެން ހޫރު ބޭނުމޭ." ކައިދިންއަށް ހޫރައިން ހުރަސްއެޅިއެވެ. ވާހަކަދައްކާނޭ ފުރުސަތު ކައިދިންއަށް ނުދިނީއެވެ.
"އަހަންނަށް ހުރިހާކަމެއް އެނގޭ. ކަލެއާއި ކަލެއާއެކު އުޅުނު ރައްޓެހިންކަން އެނގޭ އަހަރެން ރޭޕްކުރީ. ހަނދާންނެތްކަމަށް ހެދިގެން އަހަރެން މިހުރިހާ އަހަރު އުޅުނީ. އެކަމަކު އަހަރެން އައީ އެކަމާ ކޮންމެ ދުވަހަކު ކުރިމަތިލަމުން. ކީއްވެ؟. ބުނެބަލަ ކީއްވެކަން... އަހަރެން ކަލެއާ ނުގުޅޭނަމޭ ބުނީމަތަ؟. ލޯބިނުވެޔޭ ބުނީމަތަ!... އަހަރެން ސަބަބު ކިޔާ ނުދެންތަ!. ލޯބިވެރިޔަކު ހުރިކަމާއި ކައިވެންޏަށް ތައްޔާރުވެފައި އިންކަން ނުބުނަންތަ!... ކަލޭ އުޅުނީ ގަދަކަމުން އަހަރެންގެ ހިތް ބަދަލުކުރާން. އެކަން ނުވީމަ ފޭރިގަތީ. އަމިއްލަ މީހާއާ މެދު ކަލޭ ވަރަށް ފަޚުރުވެރިވޭ. އެކަމަކު އަހުލާގު ރީތިނުވި މީހެއްގެ ކޮން ރީތިކަމެއް ހުންނާނީ. ތީ ހަގީގީ ފިރިހެނަކަށްނުވާ ފިރިހެނެއް." ހޫރައިންގެ އަޑު ބާރެވެ. މިހާރު އޭނާ އެ ހުރީ ހިތުގައިވީ ނަފުރަތުގެ އުދާސްތައް ހިފެހެއްޓޭ ފަދަ ހާލަތެއްގައެއްނޫނެވެ.
"ކަލެއާ ހެދި އަހަރެން ހަމައިން ނެއްޓީ. ތިމާ މީހާ މާ ރަނގަޅުވާން ނޫޅޭ. ޔޫ ލުކް އެޓް މީ ލައިކް އައި އޭމް ނަތިންގް. ދެޓް ޑޭ... ވެން އައި ކިސްޑް ޔޫ. އެވްރިތިންގެ ޔޫ ސެޑް... ހޫރް! ޔޫ ޝުޑް ހޭވް ލަވްޑް މީ ބެކް. ބަޓް ޔޫ މޭޑް މީ ފީލް ސްޓުޕިޑް، ލައިކް އައި ކުޑް ނެވާ ހޭވް ސަމްވަން ލައިކް ޔޫ. އަހަންނަށް ފުރުސަތެއް ދިންނަމަ. ހޫރުއަށް ޓަކައި އަހަރެން ރަނގަޅު މީހަކަށްވާން ބޭނުންވޭ. އެކަހަލަ މީހަކަށް އަހަރެން ބަދަލުވެސް ވީސް. އެކަމަކު ކަލޭ ފޮނިބޮޑުވީ. ބިޗީ އެޓިޓިއުޑްއެއް ދައްކާ އަހަރެން ދައްކޮށްލީ. ފަކުރު އެއްޗެއްހެން ފޮޅާލައި މަލާމަތްވެސް ކުރީ. އަހަރެން ބޭނުންކަމެއް ކުރެވިދާނެކަން އަންގާދޭން ޖެހުނީ އެހެންވެ. މިހާރު އެކަން ވިސްނިފަ ހުންނާނީ." ކައިދިންގެ މަޑުމައިތިރި ރާގު މުޅީން ބަދަލުވިއެވެ. ހޫރައިންގެ ހިތް އޭނާއާ މެދު ދުވަހަކުވެސް ރުހުމަކީ ވާނޭކަމެއްނޫނޭ ކައިދިންއަށް ގަބޫލުކުރެވުނެވެ.
"އަދި އެއްފަހަރު ކަލެއާއެކު އެހެން އުޅެލާން ރަނގަޅު. އެނގޭތަ!... ޔޯ ފަސްޓް ޓައިމް... އިޓް ފެލްޓް ގުޑް." ކައިދިން މިހެންބުނެ ހޭންފެށިއެވެ.
"އަހަންނާއި އަހަރެންގެ އާއިލާއާ ދިމާކުރެވޭނެ މީ އެންމެ ފަހު ފަހަރު. އިންޝާﷲ، ތި ވަބާއިން އަބަދުގެ އަބަދަށް މިންޖުވެވޭތީ ﷲއަށް ޙަމްދުކުރަން." ހޫރައިން ބުނެލިއެވެ. ބައެއްފަހަރު ހޫރައިން ބުނެދާ އެއްޗެހި ދެކޮޅު ނުޖެހޭހެން ކައިދިންއަށް ހީވެއެވެ. އެހެންވިޔަސް އެކަމަށް އޭނާގެ ފަރުވާލެއް ނެތެވެ. މިވަގުތު ހޫރައިން އެހެރީ އޭނާގެ އަތްފޯރާފަށުގައި ވީމައެވެ.
"އަހަރެން ދެވަނަ ފަހަރަށް ކަލޭ ރޭޕްކޮށް ބަލިވެ ބައިންދައިފިއްޔާ އެ ދަރި ވެސް އުފަލާއެކު ބަލައިގަންނާނަން ދޯ. އަހަރެންގެ ލޯތްބެއް ބޭނުމެއްނޫން. އެކަމަކު އަހަރެންގެ ފަރާތުން ދަރިއަކު އޯކޭ. އެހެންނު!... ތީ ކޮންކަހަލަ ލޮޖިކެއް. އެގޮތް މަށަށް ވެސް އޯކޭ. މިއެނދުގައި އަރާމުވާނެ. މިފަހަރު އަހަރެން އުފަލާއެކު ކަލޭ ރޭޕްކުރާނީ. އެނގޭތަ! އެރޭ ބައިވެރިވި އެންމެންނާ އަހަންނާ އަދި ވެސް ގުޅުން އެބައޮތް. މިހާރު ވެސް އަހަރެން ބުނެފިއްޔާ އެމީހުން ތިބޭނީ ތައްޔާރަށް. ޖަސްޓް އަ ފޯންކޯލް. މިކޮޓަރިއަށް އެންމެން ޖަމާވާނެ. މިފަހަރު އަހަރެން އެމީހުން ނުހުއްޓުވާނަން. އެކްސައިޓްމެންޓް ބޮޑުވިވަރަކަށް ލިބޭ އަރާމު އިތުރުވާނެ. ހެ ހެ ހެ... ހިތަށް އަރާ އެތަނުން ކާކަށްބާއޭ ކަލޭ ބަލިވެ އިންނާނީ." ކައިދިންގެ ވާހަކަތަކުން ހޫރައިން ބަސްހުއްޓި ގަނޑުވިއެވެ. ކައިދިން އައިސް ހޫރައިންގެ ކުރިމަތީ ހުއްޓުނެވެ. ދެ ލޯ ބޮޑުކޮށްގެން ބަލަން ހުރި ހޫރައިން ފަހަތަށް ޖެހެންފެށިއެވެ. ހޫރައިންގެ ދެއަތުގެ ހިކަނދިމަސްގަނޑާ ހަމައިގަ ކައިދިން ކުއްލިއަކަށް ހިފިއެވެ.
"ދޫކޮށްލާ..." ހޫރައިންގެ އަޑު ހިނދުނެވެ.
ކުއްލިއަކަށް ކޮޓަރީގެ ދޮރުހުޅުވުނެވެ. އެތެރެއަށް ވަނީ ޒެހެންނާއި ހަންނާނެވެ. ކައިދިން ސިހިފައި އަވަހަށް ހޫރައިންގެ ގައިން ދޫކޮށްލައިފިއެވެ. ހަންނާނު އައިގޮތަށް އައިސް ކައިދިންގެ ކަންކަށިމަތީ ޖަހައިފިއެވެ.
"އަހަންނަށް ހުރި ލަދުވެތިކަމެއްތީ." ހަންނާނު ބުންޏެވެ. އޭނާ ދެން އެނބުރި ބަލާލީ ހޫރައިންއަށެވެ. ފިރިމީހާގެ ކައިރިއަށް ޖެހިލައި އެ އަންހެންކުއްޖާ ފޮރުވޭން އުޅޭ ކަހަލައެވެ. ހަންނާނުގެ ދެ ލޯ ފެންކަޅިވެ ކަރުނަތައް ނުހިފެއްޓުނެވެ.
"އައި ވޯޒް ރޯންގް. ދަރިފުޅާ. މި ބައްޕައަށް މަޢާފުކޮށްދީ. އައި އޭމް ސޮރީ މައި ޗައިލްޑް. އައި އޭމް ސޮރީ."
ހަންނާނު ރޮމުން ދެ ކަކޫ މައްޗަށް ތިރިވިއެވެ. ހޫރައިންގެ ކުރިމަތީ އޭނާ އާދޭސްކުރާ ހާލުއެވެ. އެއްވެސް އެއްޗެކޭ ހޫރައިންއަށް ނުބުނެވުނެވެ. އިސްޖަހާލަމުން ޒެހެންގެ ބަނޑާދިމާލުން ގަމީސް އަތުގެތެރެއަށް ބޮނޑިކޮށްލެވުނީއެވެ. އެހިނދު ހޫރައިންގެ ކޮނޑުމަތިން ވަށާލި ޒެހެންގެ އަތުން އަނބިމީހާ ގެނެސް މޭގައި ޖައްސާލިއެވެ. ކައިދިންގެ ލޮލުން ހަސަދައިގެ ކުލަވަރު މިފަހަރު ސާފުކޮށް ޒެހެން ދުށްޓެވެ. އޭނާ ދަތްކުނޑިވިކާލައިގެން ބަލަން ހުރި ގޮތުން ހޫރައިންއާއި ޒެހެން އެކުގައިވުމަކީ ކައިދިން އެއްގޮތަކަށް ރުހޭކަމެއްނޫންކަން ދޭހަވެއެވެ.
"އެހެންވީމަ ހުރިހާކަމެއް ޒެންއަށް އެނގޭ ދޯ" ކައިދިން ބުންޏެވެ.
"އެއްވެސް ކަމެއް އަހަރެމެން ދެމެދުގައި ސިއްރެއްނުކުރަން." ޒެހެން ޖަވާބު ދިނެވެ.
"ކަލެއަށް އޭނާ އޭރު ފެނުންނަމަ ދުރަކު ނުހުރެވޭނެ. އެހާ ފާފެކްޓް ބޮޑީއެއް ދުށީންތަ. ފިރިހެނުންގެ ހިތްނުބައިކޮށް މަށަށް ގޮވާކަހަލަ. އެއްވެސް ފިރިހެނަކަށް އެވަރުވީމަ ދުރުގައެއް ނުހުރެވޭނެ. ނޫންތަ." ކައިދިންގެ ނަޒަރު ހޫރައިންއަށް އަމާޒުވެލިއިރު ތުންފަތުގައިވީ މަލާމާތުގެ ހިނިތުންވުމެކެވެ.
"ކައިދިންއާ އަހަރެން އެއްވަރުނުކުރޭ. ތިހާ ދަށުދަރަޖައިގެ މީހެއްނޫން އަހަންނަކީ. ހަމްދޫނު... މިވަރުން އޯކޭއެއްނު." ޒެހެން ބުންޏެވެ. ކައިދިން ހައިރާންކަމާއެކު ބަލާލިއެވެ. އެކުއެކީގައި ދޮރުން ވަދެގެން އަންނާތީ ފެނުނީ ތިން މީހުންނެވެ. އެކަކު ހުރީ ކުލަ ހެދުމުގައެވެ. ދެން ތިބި ދެ މީހުން ތިބީ ފުލުހުންގެ ޔުނީފޯމްގައެވެ. އެމީހުންގެ ފަހަތުން މުނައްވަރު ވެސް ވަދެއްޖެއެވެ. އޭގެ އިތުރުން ކުއްލިއަކަށް އެ ކޮޓަރީގެ ބޭރުގައި ބަޔަކުމީހުން ވާހަކަދައްކާ އަޑު އިވެންފެށިއެވެ. ކައިދިންއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. އަވަސްއަވަހަށް އެތަނުގައި ތިބި އެންމެންނަށް ކައިދިން ނަޒަރު ހިންގާލިއެވެ. މިވަނީ ކިހިނެއްކަމެއް ނޭނގުނަސް ކަމެއް ގޯސްވެއްޖެކަން އެނގުނެވެ.
"މިއޮތީ އަމުރު." ހަމްދޫނު ދައްކާލިއެވެ.
"ޒެހެން!... ޑޯންޓް ފަ* ވިތް މީ. އޭނާއަށް ޓަކައިތަ... މީތަ ކަލޭ ބަދަލުހިފަން ނިންމިގޮތަކީ. ޔޫ ވިލް ރިގްރެޓް ދިސް." ކައިދިން ރުޅިވެރިކަމާއެކު ޒެހެންއަށް ބާރަށް ގޮވާލިއެވެ. އަދި ޒެހެންއާ ދިމާއަށް އޭނާ އައެވެ. އެހިނދު ޒެހެންގެ ފަހަތަށް ހޫރައިން ޖައްސާލައި ކައިދިންއާ ކުރިމަތިލިއެވެ. އޭނާ އައިސް ޒެހެންގެ ގިރުވާނުގައި ހިފިއެވެ.
"ރޭޕްކުރުމަކީ ކުށެއްކަމުގައި ގަބޫލުނުކުރެވޭ މީހަކާ ދުވަހަކުވެސް އެކުވެރިކަން ބާއްވާކަށް ބޭނުމެއްނޫން. އަހަރެންގެ އަނބިމީހާއަށް އަނިޔާވެރިވީމީހާގެ ކުރިމައްޗަށް އަހަރެން އޭނާ އެކަނިފޮނުވާނެތަ. އަހަރެން ކޮފީއަށް ކައިދިން ގެނައީ މި ފުރުސަތު ހޯދަންވެގެން. ފޯނު ބާއްވާފައި ދިޔައީ ގަސްދުގައި. ހަމައެވަގުތު ހޫރައިން ގުޅީ އިއްތިފާގަކުން ނޫން. އެވެސް އަހަރެން ބޭނުންވީގޮތް. ހޫރައިން ކޯލު ކަނޑާނުލާ ވާހަކަދެއްކީ އަހަރެން ބުނެގެން. އޭނާ ކުޑަކޮށްވެސް ކަލެއާ ވާހަކަދައްކާ ހިތަކުންނޫން. ހޫރުގެ ފޯނު ނަންބަރު ކަލޭ ނަގާނޭކަން އަހަންނަށް ކުރީން ވެސް އެނގޭ. ނޫނެކޭ އަންހެނަކު ބުނީމަ ގަބޫލުކުރާން ދަސްކުރޭ." ޒެހެން ހުރިހާކަމެއް ހާމަކޮށްލިއެވެ. ރުޅިގަދަވީވަރުން ޒެހެންގެ މޫނުގައި ކައިދިން ޖެހިއެވެ.
"އައި ވޯންޓް ފޮގިވް ޔޫ. ޝީ ސްޕްރެޑް ހާ ލެ..." ކައިދިން ބުނަން އުޅުނު އެއްޗެއް ހުއްޓުވީ ހަމްދޫނެވެ. ޒެހެން އޭނާ ދުރަށް ކޮއްޕާލިއެވެ.
"ރުޅިއައީތަ؟. ލަޑަންތަ އުޅުނީ... ޖަހާބަލަ. ހެ ހެ ހެ... ހޫރައިންގެ..." ކައިދިން ވެސް ހަމައިން ނެއްޓީއެވެ. ޒެހެންއަށް ހަޅޭލަވައިގަނެވުނެވެ. ހުސިޔާރުވެ ހުރި ހަމްދޫނު ވަގުތުން ކައިދިންއާއި ޒެހެންއާ ދެމެދަށް ވަދެ ކައިދިން ފަހަތަށް ޖެއްސިއެވެ. ކައިރީގަ ތިބި ފުލުހުންނަށް ކައިދިންގެ އަތުގައި ބިޑި އަޅުވަން ބުންޏެވެ.
"ހުއްޓާލާ... ކަލޭގެ މުޑުދާރު އަނގައިން އަހަރެންގެ އަނބިމީހާގެ ނަންކިޔައިގެން ނުވާނެ. އަހަރެން ދުވަހަކުވެސް އިންޝާﷲ މީހެއްގެ ގައިގާ ނުޖަހާނަން. އަހަރެންގެ ދެ އަތްވަނީ މީހުންނަށް އަނިޔާ ކުރާކަށްނޫން. އެ ދެއަތްވަނީ އަހަރެންގެ އަނބިމީހާއާއި ދަރީން ރައްކާތެރިކުރުމަށް. އެމީހުންގެ ގައިގާ ލޯބިން ފިރުމަން. އަހަރެމެންގެ ދިރިއުޅުމުން ކަލެއަކަށް ޖާގައެއްނެތް. ބަޓް... އިފް އިން ދަ ފިއުޗަރ މައި ކިޑްސް އޯ މައި ވައިފް އާ އިން ޔޯ ޑިސްގަސްޓިން ވިއު... ޝުކުރުކުރޭ ކަލެއަށް ހާނެއްކައެއްނުވެ މިކޮޓަރިން މިވަގުތު ނުކުމެވޭތީ. އެކަމަކު ބުނަން. އިފް އިޓް ހެޕެންސް އަގައިން، އައި ވިލް މޭކް ޝުއާ ޓު ޑިސްޓްރޮއި އީވަން ޔޯ ސޯލް." ޒެހެން ބުންޏެވެ.
"ޒެން...ޒެން..." ހޫރައިން އައިސް ޒެހެންގެ އަތަށް ދަމާލިއެވެ.
މުނައްވަރު އައިސް ހަންނާނުގެ ކައިރީ ހުއްޓުނެވެ. އެންމެން ވެސް ބަލަން ތިބީ ކައިދިންއަށެވެ. އޭނާގެ ހަރަކާތްތައް ގަބޫލުނުކުރެވިފައެވެ. އެންމެންގެ ތެރޭ ހުރުން ހޫރައިންއަށް ފަސޭހައެއް ނުވިއެވެ. ފުލުހުން ހަރަކާތްތެރިވާތަން ފެނުމުން އޭނާއަށް މާޒީގެ ކުޑަދޮރުން މަންޒަރުތައް ސިފަވިއެވެ. ޒެހެންގެ ކެތްތެރިކަން ގެއްލޭތަން ފެނުމުން ހޫރައިން ކަންބޮޑުވިއެވެ. ފިރިމީހާގެ ގާތަށް އައިސް އަތަށް ދަމަންފެށީ އެހެންވެއެވެ.
"ހޫރް..." ހޫރައިންގެ ކޯތާފަތުގައި އަތްތިލަ ޖައްސާލުމާއެކު ލޯތްބާއެކު ޒެހެން ގޮވާލިއެވެ.
"ހިނގާ ގެއަށްދާން." މަޑުމަޑުން ހޫރައިން ބުނެލިއެވެ. ޒެހެން އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ. ހޫރައިން ގަޔާ ކައިރިކޮށްލައިގެން ހުރެ ހިނގައިގަތުމުގެ ކުރީން ހަމްދޫނަށް ޒެހެން ބަލާލިއެވެ. އޭނާ ބުނަން އުޅުނު އެއްޗެއް ހަމްދޫނަށް ދޭހަވިއެވެ. ހޫރައިންގެ ބުރުގާގެ ތެރެއިން ހަރުކޮށްފައިވާ ރިކޯޑިން ޑިވައިސް ޒެހެން ނެގުމާއެކު ހަމްދޫނަށް ދިއްކޮށްލިއެވެ. އަދި އަނބިމީހާ ގޮވައިގެން އޭނާ އެތަނުން ނުކުތެވެ.
ލިފްޓުން ފައިބައިގެން ދެމަފިރިން އެކުގައި މަގުމައްޗަށް ނުކުތެވެ. ހޫރައިންގެ އަތްތިލަ ވަނީ ނުހަނު ބޮޑަށް ފިނިވެފައެވެ. ހަމައެއާއެކު އެ އަތުގައި ހުރި ތުރުތުރު އެޅުން ޒެހެންއަށް ފާހަގަވީ އަތުގައި ހިފާލީމައެވެ. ވަކިން ބޮޑަށް އަނބިމީހާ ގަޔާ ކައިރިކޮށްލިއެވެ. ޕާކުކޮށްފައި އޮތް މިއުނާގެ ކާރާ ހަމައަށް އެމީހުންނަށް ނާދެވެނީސް ކުއްލިއަކަށް ހޫރައިން ހުއްޓިއްޖެއެވެ. ދެފައިން ވާގިދާން އުޅޭހެން ހީވިއެވެ. ކަންބޮޑުވުމާއި ހާސްކަމުގެ ތެރެއިން ޒެހެން ނުހަނު ބާރަށް ހޫރައިންގެ ގައިގާ ހިފަހައްޓާލިއެވެ. އަތުލަފިކޮށްލި ފަދައަކުންނެވެ. ހޫރައިން ފުންނޭވާއެއް ލިއެވެ. ތިރީތުންފަތުގައި ދަތްއަޅާލީ ޖަޒުބާތުތައް ހިފަހައްޓަން މަސައްކަތް ކުރާ ފަދައިންނެވެ. ނަމަވެސް އޭނާގެ ދެ ލޯ އެއްބާރުލުމެއް ނުދިނެވެ. ހޫރައިންއަށް ރޮވެންފެށުނެވެ.
"އިޒް އިޓް ރިއަލީ އޯވާ." ހޫރައިންއަށް އަހާލެވުނެވެ. (ނުނިމޭ)