ސާފް ސުޒުކީ ކަޕް

އިންޑިޔާގެ ފޯވަޑަށް ރާއްޖެއާ ދެކޮޅަށް ނުކުޅެވޭނެ

ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި މާދަމާ އިންޑިޔާގެ އެންމެ މުހިންމު ފޯވަޑް ރޮބިން ސިންގަށް ރާއްޖެއާ ދެކޮޅަށް ނުކުޅެވޭނެ ކަމަށް އިންޑިޔާ ޓީމުން ބުނެފި އެވެ.

މުބާރާތުގައި ފުރަތަަމަ މެޗުގައި ލަންކާ ކޮޅަށް ދެ ގޯލު ޖެހި ކުޅުންތެރިޔާގެ ކަކުލަށް އަނިޔާވީ އެ މެޗުގަ އެވެ. އަދި ވަގުތުން ދަނޑުން ބާލައި ހޮސްޕިޓަލުގައި އެޑްމިޓްކުރި ކުޅުންތެރިޔާ އަށް ރާއްޖޭގެ މެޗުގެ އިތުރުން އިންޑިޔާ ފައިނަލަށް ގޮސްފިނަމަ އެ މެޗުގައި ވެސް ނުކުޅެވޭނެ އެވެ.

"ކުރިން ހީކުރި ވަރަށްވުރެ އޭނާގެ އަނިޔާ ސީރިއަސް. އިއްޔެ (ހޯމަ ދުވަހު) ކުރި އެމްއާރުއައި ސްކޭނުން ދައްކަނީ އޭނާގެ ކަކޫ ކުރިއަށްވުރެ ގޯސް ކަމަށް. މިހެންވީމަ ކޯޗަށް އޭނާ ދޫކޮށްލުން ނޫން ގޮތެއްނެތް،" އިންޑިޔާގެ އޮފިޝަލު ބުންޏެވެ.

ރޮބިން ސިންގް ރާއްޖެ މެޗަށް ފިޓްވޭތޯ ބަލަން އިންޑިޔާ އެންމެ ފަހުން ކުޅުނު މެޗުގައި ނޭޕާލާ ދެކޮޅަށް ވެސް އޭނާ ލައްވައި ނުކުޅުވަ އެވެ. ނަމަވެސް އޭނާ އަށް މުބާރާތުގައި ނުކުޅެވޭނެކަން ކަށަވަރުވުމުން އިންޑިޔާގެ ޓީމާ ވެސް ރޮބިން ސިންގް ވަކިވެފައިވާ ކަމަށްވެ އެވެ.

އޭނާ ނެތުމުން އެ މަގާމަށް ދެން ކުޅޭނީ ޖޭޖޭ ލަލްޕެކޫލާ ނުވަތަ ޒުވާން ފޯވަޑް ލަލިއާންޒުއާލާ ޗާންގްޓޭ އެވެ. މީގެ ތެރެއިން ލަލިއާންޒުއާލާ ވަނީ ނޭޕާލް ކޮޅަށް ލަނޑު ޖަހައިގެން އިންޑިޔާގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ. ލިވަޕޫލްގެ އެކަޑަމީން ތަމްރީނުވި ލަލިއާންޒުއާލާގެ އުމުރަކީ 18 އަހަރެވެ.