ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް 500 ޑޮލަރުގެ މަގުން، ބީއެމްއެލް އިން މިދިޔަ އަހަރު 19 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 293 މިލިއަން ރުފިޔާގެ ޑޮލަރު) ވިއްކައިފި އެވެ.
އެމްއެމް އިން މިއަދު އާއްމުކުރި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވީއައިއޭގައި ބަހައްޓާފައި ހުރި ޑޮލަރު ކައުންޓަރުން މިދިޔަ އަހަރު ދިވެހިންނަށް 19 މިލިއަން ޑޮލަރު ވަނީ ވިއްކާފަ އެވެ. ރާއްޖޭން ބޭރަށް ފުރާ ކޮންމެ މީހަކަށް ދޫކުރަނީ 500 ޑޮލަރެވެ.
ބީއެމްއެލްއަކީ ރާއްޖޭން ބޭރަށް ފުރާ މީހުންނަށް އެންމެ ގިނައިން ޑޮލަރު ވިއްކާ އެއް ބޭންކް އެވެ. އަދި ރާއްޖޭގައި އެންމެ ފުޅާކޮށް ދިވެހިންނަށް ޑޮލަރުގެ މުއާމަލާތް ހިންގާ އެއް ބޭންކެވެ.
އެމްއެމްއޭ އިން ބުނި ގޮތުގައި ރާއްޖޭން ބޭރަށް ބޭސްފަރުވާ އާއި ތައުލީމް ހާސިލް ކުރަން ދަތުރު ކުރި ދިވެހިންނަށް މިދިޔަ އަހަރު ޖުމްލަ 29.5 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ. މިދިޔަ އަހަރު ވިއްކި ޑޮލަރުގެ 7.5 ޕަސެންޓް ހިއްސާ ކުރަނީ ބޭރަށް ފުރާ މީހުންނަށް ހާއްސަކޮށް ވިއްކި ޑޮލަރެވެ. މީގެ އިތުރުން ހައްޖާއި އުމްރާ އަށް ފުރާ މީހުންނަށް ދޫކުރި އެއް މިލިއަން ޑޮލަރު ވެސް ހިމެނެ އެވެ.