ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި މާދަމާ ހަވީރު އިންޑިޔާ ބަލިކޮށް ފައިނަލަށް ދެވޭނެ ކަމަށް ގައުމީ ކޯޗު ރިކީ ހާބަޓް ބުނެފި އެވެ.
އެންމެ ފަހުގެ ޗެމްޕިއަން އަފްގާނިސްތާން އަތުން ބަލިވުމުން ގްރޫޕް ބީގެ ދެ ވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދިޔަ ޓީމުގެ ކޯޗު ބުނީ އިންޑިޔާ އަކީ ވަރުގަދަ ޓީމެއް ކަމަށެވެ.
"އަހަރުމެން އަފްގާނިސްތާން މެޗު ކާމިޔާބު ކުރިއަށް ފައިނަލަށް ދެވޭނީ ސެމީ ފައިނަލް މެޗު ކާމިޔާބުކޮށްގެން. ސެމީ ފައިނަލާއި ފައިނަލުން ވެސް މޮޅުވެގެން ތަށި އުފުލާލެވޭނީ. އެހެންވީމާ ތިކަމާމެދު އަަހަރުމެން މާބޮށް ނުވިސްނަން. އަހަންނަށް ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް އިންޑިޔާއާ ދެކޮޅަށް ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް،" ނިއުޒީލޭންޑްގެ ކުރީގެ ކޯޗު ބުންޏެވެ.
މާދަމާ މެންދުރު ފަހު ތިނެއް ޖަހާއިރު ފަށާ މެޗުގައި ޓީމުގެ ފުރަތަމަ 11 އަށް ބަދަލު އަތުވެދާނެތޯ ސުވާލުކުރުމުން ކޯޗު ބުނީ އެކަން ނިންމާނީ އެންމެ ފަހު ވަގުތު ކަމަށެވެ.
"ތިކަން ނިންމާނީ އެންމެ ފަހު ވަގުތު. މި މެޗަކީ އުނދަގޫ މެޗަކަށްވާނެ. އިންޑިޔާ އަކީ ގާތްގަނޑަކަށް 1.5 ބިލިއަން މީހުން. އެމީހުންގެ އަމިއްލަ ގައުމުގައި އެމީހުންނާ ކުޅެން ފަސޭހަނުވާނެ. އެކަަމަކު އަހަރުމެންނަށް އެމީހުން ބަލިކުރެވިދާނެ،" ކޯޗު ބުންޏެވެ.
ބޫޓާނާއި ބަނގްލަދޭޝް ބަލިކުރު ރާއްޖޭގެ ކުޅުންތެރިން އިއްޔެ ޕްރެކްޓިސް ނުކުރެ އެވެ. އިއްޔެ މެންދުރުން ފެށިގެން ކޯޗު ވަނީ ކުޅުންތެރިންނަށް ޗުއްޓީދީފަ އެވެ. ނަމަވެސް މިއަދު ހަވީރު ޕްރެކްޓިސް ބާއްވާނެ އެވެ.