މިނިސްޓްރީ އޮފް އެޑިއުކޭޝަން

އޯލެވަލް އިމްތިހާންގައި 5،939 ދަރިވަރުން ބައިވެރިވާނެ

Apr 26, 2022
2

ކުރިއަށް އޮތް މެއި މަހު ބާއްވާ އޯލެވަލް އިމްތިހާންގައި 5،939 ދަރިވަރުން ބައިވެރިވާނެ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހާމަކޮށްފި އެވެ.

އޯލެވަލް އިމްތިހާން ކުރިއަށް ގެންދަން ނިންމާފައިވަނީ ކުރިއަށް އޮތް މެއި މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ޖޫން 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިއަހަރުގެ އިމްތިހާންގައި ރާއްޖޭގެ 239 ސެންޓަރަކުންނާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ބެލުމުގެ ދަށުން ސްރީލަންކާގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރުގައި އާއި އަދި މެލޭޝިއާގައި ހުންނަ މޯލްޑިވްސް ސެންޓަރުގައި ހިންގާ ޕްރޮގްރާމުތަކުގައި ބައިވެރިވާ ދަރިވަރުން ވެސް ބައިވެރިވާނެ އެވެ.

އިމްތިހާން ބާއްވާ ސެންޓަރުތަކަށް މިދިޔަ ހަފްތާގެ ބުދަ ދުވަހުން ފެށިގެން އިމްތިހާން ޕޭޕަރު ފޮނުވަން ވަނީ ފަށާފަ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މިމަހުގެ 29 ވަނަ ދުވަހުގެ ކުރިން ހުރިހާ ސެންޓަރަކަށް ވެސް ޕޭޕަރުތައް ފޮނުވާ ނިންމާލެވޭނެ ކަމަށެވެ.

ސަރުކާރުން އަލަށް އަމަލުކުރަން ފެށި ސިޔާސަތެއްގެ ތެރެއިން 2021 ވަނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށީ މިދިޔަ އަހަރުގެ އޯގަސްޓް 10 ވަނަ ދުވަހު އެވެ.

ދިރާސީ އަހަރުގެ ކިޔެވުން ނިންމާލުމަށްފަހު ދަރިވަރުންނާއި ޓީޗަރުންނާއި ސްކޫލުތަކުގެ މުވައްޒަފުން ޗުއްޓީއަށް ދާނީ މިއަހަރުގެ ޖޫން މަހު އެވެ.