ސާފް ސުޒުކީ ކަޕް

ކުރީގެ ކީޕަރު އަސްލަމްގެ ތަޖުރިބާއިން 97ގެ ސާފް ޗެމްޕިއަންޝިޕް

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ގޯލު އެންމެ ފުރަތަމަ ބެލެހެއްޓި ކީޕަރަކީ ގައުމީ ޓީމުގެ މިހާރުގެ ގޯލްކީޕަރު ޓްރޭނަރު އަސްލަމް އަބުދުއްރަހީމެވެ. ވެލެންސިއާ އާއި ނިއުރޭޑިއަންޓް އަދި ގައުމީ ޓީމުގެ ގޯލު ވެސް ހުށިހާރު ކަމާއެކު ބެލެހެއްޓި ކީޕަރު ވަނީ 1997 ވަނަ އަހަރު ނޭޕާލްގައި ބޭއްވި މުބާރާތުން ރިހިމެޑަލް ހޯދައިފަ އެވެ. ނަމަވެސް މީޑިޔާ އާއި ފުޓްބޯޅައިގެ ހަރަކާތްތައް މިހާރު އޮތްގޮތަށް އެދުވަސްވަރު އޮތްނަމަ އެއީ ތަށި ލިބޭނެ މުބާރާތެއް ކަމަށް އެއިރުގެ ގިނަ ކުޅުންތެރިން ގަބޫލު ކުރެ އެވެ. އޭގެ ތެރޭގައި އަސްލަމް ވެސް ހިމެނެ އެވެ.

"އަސްލު އަހަންނަށް ބުނަންޖެހޭނީ ތީގައި އެއީ ތަށި ލިބޭނެ ފަހަރެކޭ. އަހަރުމެން ބަލިވީ އަހަރުމެންގެ އަމިއްލަ މިސްޓޭކުން. އަމިއްލަ މިސްޓޭކް ގިނަވެގެން. މިސާލަކަށް ބުނާނަމަ އަމިއްލަ އަތުގައި އޮންނަ ބޯޅަ އަހަރެން ގޮވީމަ ވެސް ނުދީ ހުއްޓާ (އިންޑިޔާގެ ފޯވަޑް ބައިޗުން) ބުޓިޔާ (ފަހަތުން) އައިސް ބޯޅަ ހޯދައިގެން ގޯލަށް ޖެހީ،" އިންޑިޔާ އަތުން 5-1އިން ރާއްޖެ ބަލިވި މެޗުގެ ފުރަތަމަ ލަނޑުޖެހި ގޮތުގެ ހަނދާން އާކުރަމުން އަސްލަމް ކިޔައިދިނެވެ.

އެ ފަހަރުގެ މުބާރާތަށް ކަތުމަންޑޫ އަށް ރާއްޖެ ދިޔައީ ވަރަށް ޒުވާން އެކަމަކު ހުނަރުވެރި ޓީމަކާއެކުގަ އެވެ. އެއީ ވޯލްޑް ކަޕް ކޮލިފައިންގައި އިރާން އަތުން 17 ލަނޑުން ބަލިވުމުން ސީނިއާ ގިނަ ކުޅުންތެރިން ގައުމީ ޓީމަށް ކުޅެން ފަސްޖެހުމުންނެވެ. ނަމަވެސް ގްރޫޕް ސްޓޭޖުގައި ބަންގާޅާއި އިންޑިޔާއާ އެއްވަރުކޮށް ސެމީ ފައިނަލުގައި އެއިރުގެ ވަރުގަދަ ލަންކާ ބަލިކޮށް ރާއްޖެ ފައިނަލުން ޖާގަ އެވެ. އަސްލަމް ބުނީ އެފަހަރު ބައެއް ކުޅުންތެރިން ދެއްކި މޮޅު ކުޅުމަކީ ރާއްޖޭގެ ފަރާތުން ފެނިދާނެ ކަމަށް ސަރަހައްދީ ގައުމުތަކަށް ގަބޫލުކުރަން ދަތިވި ކުޅުމެކެވެ.

"އެއްވެސް ބަޔަކު ހީނުކުރޭ އަހަރުމެން ޓީމު އެފަހަރު އެހާ ވަރަށް ކުޅެފާނެ ކަމަށް. އެއީ 17 ލަނޑު ޖަހާފައި އޮތުމުން ރާއްޖެ ވަރަށް ދަށްކޮށް ބައެއް މީހުން ނަގަނީ. އެކަމަކު ލަންކާ ބަލިކުރި ހިސާބުން ޓީމާ ދޭތެރޭގައި އެހެން ޓީމުތައް ސީރިއަސްވެއްޖެ. އަސްލު އިންޑިޔާ ވެސް ބަލިކުރެވޭނެ. އަހަރުމެންގެ އަމިއްލަ މިސްޓޭކްތައް ގިނަވީމަ ބަލިވީ،" އަސްލަމް ބުންޏެވެ.

އޭނާ ބުނީ ރާއްޖެ ފައިނަލަށް ދިއުމުން ސަރުކާރުންނާއި ބޮޑެތި ވިޔަފާރިވެރިން ޓީމަށް ފައިސާގެ އިނާމް ހުށަހެޅުމުން އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރި ކަމަށެވެ.

"އެހިސާބުން ބައެއް ކުޅުންތެރިންނަށް އެކަމާ މާބޮޑަށް ވިސްނެން ފެށުނީ. (ފައިނަލް މެޗާ މެދު ނުވިސްނައި) މެޗު ދޫކޮށްލެވުނީ. އަސްލު ބައެއް ކުޅުންތެރިން މެޗުގެ ކުރިން ހިސާބު ހެދި ތިމަންނަށް ލިބޭނީ މިހާރޭ ކިޔާފަ ވެސް. އެހެންވީމަ ވެސް ވަރަށް ބޮޑަށް މެޗު(ގެ ސީރިއަސްކަން) އޮތީ ދޫކޮށްލެވިފައި. އެކަމަކު މިހާރުގެ ގޮތަށް އެކަން ކުޅުންތެރިންނަށް ވިސްނައިދެވުނުނަމަ ތަފާތުވީސް،" އަސްލަމް ބުންޏެވެ.

ފުޓްބޯޅަ ކެރިއަރުގައި ކުޅުންތެރިއަކު ކުރާނެ އެންމެ ބޮޑު ހިތާމަ ވެސް އަސްލަމް ކުރި އެވެ. އޭނާގެ ފައި ބިންދައިގެން ދިއުމުން ފަރުވާއަށް ފަހު ހިތްވަރުކޮށްފައި އަލުން ގައުމީ ޓީމުން ވެސް ޖާގަ ހޯދި އެވެ. ރާއްޖޭގެ އެންމެ ބޮޑު ތިން ޓީމުގެ ތެރެއިން ދެ ޓީމަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދި އެވެ. ނިއު އަށް އެފްއޭކަޕް މިލްކުކޮށްދިން ޓީމުގައި ކުޅުނެވެ. ކުޅުން ހުއްޓާލުމާ ހަމައަށް ވެސް ގައުމީ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ދެމިހުއްޓެވެ. ފުރަތަމަ ސާފް ޗެމްޕިއަންޝިޕުން ފެށިގެން ޖެހިގެން އައި ދެ މުބާރާތުގައި ވެސް ކުޅުނެވެ. އެއަށްފަހު ކީޕަރު ޓްރޭނަރެއްގެ ގޮތުން މަސައްކަތް ކުރުމުގައި އޭނާ ދަނީ ކާމިޔާބު ހޯދަމުންނެވެ. މި ފަހަރުގެ މުބާރާތް ކާމިޔާބު ކުރެވިއްޖެނަމަ ކުޅުންތެރިއެއްގެ ގޮތުގައި ހުރެ ނުހޯދުނު ހަމައެކަނި ކާމިޔާބީ އޭނާ އަށް ގޯލްކީޕަރު ކޯޗެއްގެ ގޮތުގައި ހާސިލްވާނެ އެވެ. އެކަން ކުރަން ގައުމީ ޓީމުގައި ތިބި ތިން ކީޕަރުންނަކީ ވެސް އަސްލަމުގެ ނަޒަރުގައި މޮޅު، އެކަަމަށް ގާބިލް ކީޕަރުންނެވެ.