ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއަށް ފޯނު ކުރައްވައި އިސްތަންބޫލަށް ވަޑައިގަތުމަށް ދައުވަތު ދެއްވައިފި އެވެ.
ތުރުކީގެ ރައީސް ރަޖަބް ތައްުޔިބު އުރުދުޣާން ވިދާޅުވީ ރަޝިއާގެ ރައީސް އާއި ޔުކްރޭންގެ ރައީސް ވޮލޮދިމީރު ޒެލެންސްކީ ތުރުކީއަށް ވަޑައިގެން ސުލްހަ މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގަތުމަކީ އަންކާރާ އަށް ލިބޭނެ ވަރަށް ބޮޑު ޝަރަފެއް ކަމަށް އެ ދެލީޑަރުންނަށް ވެސް ދަންނަވާފައި ވާނެ ކަމަށެވެ.
އުރުދުޣާން ވިދާޅުވި ގޮތުގައި ރަޝިއާ އާއި ޔުކްރޭން ސުލްހަކުރަން ކުރެވެން ހުރިހާ މަސައްކަތެއް، އެންމެ ފަހު ސިކުންތާ ޖެހެންދެން ވެސް ކުރައްވާނެ އެވެ. އަދި މަޝްވަރާތައް ކޮޅެއްގައި ޖައްސައި ސުލްހަވުމަށް ދެ ގައުމަށް ބާރުއަޅުއްވާނެ އެވެ.
ހަނގުރާމައަކީ އެއްވެސް ކަމެއްގެ ހައްލު ނޫން ކަމަށް ޕޫޓިއަށް ދެންނެވި ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ. އަދި ޔުކްރޭންގެ އާންމު ރައްޔިތުންނަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީތެރި ވެދެވޭނެ ނިޒާމެއް ރަޝިއާއިން އެކުލަވާލަން ޖެހޭ ކަމަށެވެ.
ރަޝިއާ އާއި ޔުކްރޭން ސުލްހަވުމަށް ކިތަންމެ ބައްދަލުވުމެއް ބާއްވަން ޖެހުނު ނަމަވެސް ތުރުކީ ތައްޔާރު ކަމަށް ޕޫޓިންއަށް ދެންނެވި ކަމަށްވެސް އުރުދުޣާން ވިދާޅުވި އެވެ. އަދި އެއީ އަންކާރަށް ލިބޭނެ ތާރީހީ އުފަލެއް ކަމަށް ވެސް ވިދާޅުވި އެވެ.
ރަޝިއާއިން ޔުކްރޭނަށް ފެބްރުއަރީ 24ގައި ހަމަލާދޭން ފެށީއްސުރެ ތުރުކީން ވަނީ ހަނގުރާމަ ހުއްޓާލަން މަޝްވަރާކުރަން ގޮވާލާފަ އެވެ. އަދި މަޝްވަރާތައް އިންތިޒާމުކޮށް ހިންގާ މެދުވެރިއަކަށް ވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ހަނގުރާމަ ހުއްޓާލައި ދެ ގައުމުގެ ދެމެދުގައި ސުލްހަ ގާއިމުކުރަން އިސްތަންބޫލްގައި މާޗް 29ގައި ބޭއްވި ބައްދަލުވުމުން ވަކި ނަތީޖާއެއް ނެރެވިފައި ނެތް ނަމަވެސް އެއީ އުންމީދީ ބައްދަލުވުމެއް ކަމަށް ބައިވެރިން ފާހަގަކުރެ އެވެ.
ރަޝިއާގެ މަންދޫބުން ބުނާ ގޮތުން ހަނގުރާމަ ހުއްޓާލަން އޮތް ގޮތަކީ ރަޝިއާ އިން ހުށަހެޅި ޝަރުތުތައް ޔުކްރޭނުން ގަބޫލުކުރުމެވެ.
ރަޝިއާއިން ހުށަހެޅި ޝަރުތުތަކުގެ މައިގަނޑަކީ ޔުކްރޭން ނޭޓޯއާ ދުރުވުމެވެ. އަދި ނިއުކްލިއާ ގައުމަކަށް ނުވުމެވެ. ދޮންބާސް ސަރަހައްދުގައި ދިރިއުޅޭ ރަޝިއާ ދަރިފަސްކޮޅަށް ޔުކްރޭނުން އަނިޔާވެރި ނުވުމަކީ ވެސް ރަޝިއާގެ ޝަރުތެކެވެ.