އަތޮޅު ތެރޭ ރަށްރަށުގައި ބޭނުންކުރުމަށް އިތުރު 96 އެމްބިއުލާންސް ރާއްޖެ ގެނެސްފި އެވެ.
އެސްޓީއޯ އިން ރާއްޖެ ގެނައި މި އެމްބިއުލާންސް ތަކަކީ މިދިޔަ އަހަރުގެ ޖޫން 10 ވަނަ ދުވަހު އެކުންފުންޏާއި ހެލްތު މިނިސްޓްރީއާ ދެމެދު ސޮއި ކުރި އެއްބަސްވުމުގެ ދަށުން ގެނެސްފައިވާ އެމްބިއުލާންސްތަކެކެވެ.
އެމްބިއުލާންސްތައް 180 ދުވަހުގެ ތެރޭގައި ރާއްޖެ ގެންނަން އެއްބަސްވި ނަމަވެސް ހުރިހާ އެމްބިއުލާންސް ގެނެސް ހެލްތު މިނިސްޓްރީއާ ހަވާލުކުރީ އިއްޔެގަ އެވެ.
އެމްބިއުލާންސްތައް ރަށްރަށަށް ފޮނުވައިދިނުމާއި އަދި ރަށްރަށުގައި ހުރި ބާ އެމްބިއުލާންސްތައް މާލެ ގެނެސް ހެލްތު މިނިސްޓްރީއާ ހަވާލުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން އެސްޓީއޯ އިން ކުރާނެ އެވެ.
އެމްބިއުލާންސްތައް ގަތުމަށް އެސްޓީއޯ އިން ކުރި ހަރަދުގެ ތަފްސީލާއި މި އެމްބިއުލާސްތައް ފޮނުވާ ރަށްތައް ހެލްތު މިނިސްޓްރީން އަދި ހާމަކޮށްފައެއް ނުވެ އެވެ.
އެމްބިއުލާންސްތަކާ ހަވާލުވުމަށްފަހު ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވީ އެމްބިއުލާންސްތަކަށް ފައިސާ ދެއްކުމަށް އެސްޓީއޯ އިން ތިން އަހަރުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
ނަސީމް ވިދާޅުވީ މިއަހަރު ސަރުކާރުގެ އެންމެ ބޮޑު އަމާޒެއް އޮތީ ސިއްހީ ދާއިރާއަށް ކަމަށެވެ. އެހެންވެ މިއަހަރުގެ ތެރޭގައި އާ ސިޔާސަތުތައް ނިމި އަދި ބައެއް ހޮސްޕިޓަލްތައް ވެސް ހަދަނ ފެށި މިއަހަރުގެ ތެރޭގައި ސިއްހީ ނިޒާމަށް ރަނގަޅު ބަދަލުތަކެއް ގެނެވޭނެ ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ.