ވިޔަފާރި

މިފްކޯ ޖަޒީރާ ވެސަލް އިން މަސް އެކްސްޕޯޓް ކުރަން ފަށައިފި

Apr 27, 2022

މިފްކޯ އިން އަލަށް ގެނައި ބޯޓް "ޖަޒީރާ ރީފާ" އިން ރޯ މަސް ރާއްޖޭން އެކްސްޕޯޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ މަސް ކުންފުނި މިފްކޯއިން ބުނީ އެ ކުންފުނިން އަލަށް ގެނައި 2500 މެޓްރިކް ޓަނުގެ ރީފާ ވެސަލް "ޖަޒީރާ ރީފާ" އިން އިއްޔެ ފުރަތަމަ ޝިޕްމަންޓް ރާއްޖޭން އެކްސްޕޯޓް ކޮށްފައިވާ ކަަމަށެވެ.

އެ ކުންފުނިން ބުނީ މި ބޯޓަކީ އީޔޫ އަދި އައިއޯޓީސީގެ ބައިނަލްއަގުވާމީ މިންގަނޑު ތަކަށް ފެތޭ އުޅަނދެއް ކަމަށާ މި ބޯޓު މަސް ހިފައިގެން ފުރާފައިވަނީ ތައިލެންޑަށް ކަމަށެވެ. އަދި މިފްކޯގެ އަމިއްލަ ބޯޓެއްގައި މަސް އެކްސްޕޯޓު ކުރެވެން އަލުން ފެށި ފެށުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެ ކުންފުނިން ސިފަކޮށްފައިވެ އެވެ.

އެ ކުންފުނިން ބުނީ އަބަދުވެސް މިފްކޯގެ އަމާޒަކީ މަސް ގަނެވޭ މިންވަރު އިތުރުކޮށް އެ މަހަށް ދުނިޔޭގެ ބާޒާރުން ލިބޭ އެންމެ ރަނގަޅު އަގު ހޯދައިދީ އޭގެ މަންފާ ދިވެހި މަސްވެރިންނަށް ފޯރުކޮށްދިނުމެވެ. މިގޮތުން މި އަހަރުގެ މިހާތަނަށް 24،500 ޓަނުގެ މަސް ގަނެވިފައިވާއިރު މަސް އެކްޕޯޓު ކުރަން ބޭރުން ޗާޓަރު ހަތް ބޯޓެއް ނެރެފިފައިވާ ކަމަށެވެ.

"ނަމަވެސް ޖަޒީރާ ރީފާ ގެ ދަތުރާއެކު މިފްކޯއިން މަސް އެކްސްޕޯޓް ކުރުމަށް ކުރާމަސައްކަތް އަވަސްކުރެވި ހަރަދު ކުޑަކުރެވިގެން ދާނެ އެވެ. މިފްކޯ ފްލީޓުގައި މި ބޯޓު ބޭނުން ކުރެވެނީ މަސް އެކްސްޕޯޓުކުރުމަށާއި ސްޓޯރޭޖެއް ގޮތުގަ އެވެ. މިފްކޯއިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ މަސްވެރިކަމުގެ ސިނާއަތު ތަރައްގީ ކުރުމަށާއި މަސްވެރިންނަށް ދެވޭ ހިދުމަތްތައް ފުޅާކޮށް އިތުރަށް ފަސޭހަކޮށްދިނުމަށެވެ. އެގޮތުން މިފްކޯ އިން ދަނީ އިތުރު މާކެޓް ތަކަށް މަސް އެކްސްޕޯޓު ކުރަން،" މިފްކޯ އިން ބުނެފައިވެ އެވެ.

މިފްކޯ އިން ބުނީ ދެކުނުގެ މަސްވެރިކަން މީގެ ދެ މަހެއްހާ ދުވަސް ކުރިން ރަނގަޅުވި ގޮތަށް މަސްވެރިކަން އަދިވެސް އެއްވަރެއްގައި ހުރީ ހިފެހެއްޓިފަ އެވެ. މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅު ވެފައިވާ މި ދަނޑިވަޅުގައި މަސް ގަނޑުކުރާ ފެސިލިޓީ ތަރައްގީ ކުރުމުގެ މަޝްރޫއެއް ސަރުކާރުން ކުރިއަށް ގެންދާ ކަމަށެވެ. އަދި މިފްކޯގެ ސްޓޯރޭޖް ފެސިލިޓީތައް ތަރައްގީ ކުރުމަށް އިތުރު 9500 ޓަނުގެ ސްޓޯރޭޖް އެޅުމާއި ފެލިވަރު ކޭނަރީ އަޕްގްރޭޑް ކުރުން ވެސް ކުރި އަށްދެ އެވެ.