އެމްއެންޑީއެފް

ޖަޕާނުން ކޯސްޑްގާޑަށް އާލަތްތަކެއް ހަދިޔާކޮށްފި

Apr 27, 2022
1

ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޔޫއެންއޯޑީސީ އިން އެމްއެންޑީއެފް ކޯސްޓްގާޑްއަށް ދެ ރިބް އާ، ކޯސްޓްގާޑް އުޅަނދުތަކުގެ ނިޔަމި ކަމަށް ބޭނުންވާ އާލާތްތަކާއި މެރިޓައިމް ޑޮމެއިން އެވެއާނެސް އަށް ބޭނުންވާ ބައެއް އާލާތްތައް ހަދިޔާ ކޮށްފި އެވެ.

ޖަޕާން ސަރުކާރު އަދި ޔޫއެންއޯޑީސީ އިން އެމްއެންޑީއެފް ކޯސްޓްގާޑްއަށް ފާއިތުވި އަހަރުތަކުގެ ތެރޭގައި އެކި ގޮތްގޮތުން ވަރަށް ގިނަގުނަ އެހީތަކެއް ވަނީ ފޯރުކޮށްދީފައެވެ. މިގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު މޮނީޓާ ކުރުމުގެ އިތުރުން ސަލާމަތްތެރިކަން ދެމެހެއްޓުމަށް ވަރަށް ގިނަގުނަ ވަސީލަތްތައް ފޯރުކޮށް ދީފައިވެއެވެ.

އަދި ދިވެހި ސިފައިންނާއި ކަނޑުމަތީގައި ހަރަކާތްތެރިވާ އެހެން މުއައްސަސާތަކަށް ވިޒިޓް، ބޯޑް، ސާޗް އެންޑް ސީޒާ ޓްރެއިނިންގް ފަދަ ތަމްރީނުތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި އެހީގެ ސަބަބުން ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަހައްދުތައް ހިމާޔަތް ކުރުމާއި ސަލާމަތްތެރިކަން ދެމެހެއްޓުމުގައި އެމްއެންޑީއެފް ކޯސްޓްގާޑްގެ ގާބިލިއްޔަތުކަން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

ހުޅުމާލޭ ކޯސްޓްގާޑް ސަރަޙައްދުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ޖަޕާނުގެ އެމްބެސެޑާ ޓަކެއުޗީ މިޑޯރީ އާއި ޔޫއެންއޯޑީސީގެ ޕްރޮގްރާމް ކޯޑިނޭޓާ ޕާނިލް ރަސްމުސެންގެ އިތުރުން ކޯސްޓްގާޑް ކޮމަޑާންޓް ކާނަލް އިބްރާހިމް ހިލްމީ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި ޖަޕާނު ސަރުކާރާއި ދިވެހިރާއްޖޭގެ އަސްކަރިއްޔާ އާއި ދެމެދު ހަނދާނީ ފިލާ ވަނީ ބަދަލުކުރެވިފައެވެ. ރަސްމިއްޔާތު ނިމިގެން ދިޔައީ ރިބް ދުއްވާލުމުގެ ޑެމޯންސްޓްރޭޝަން އަކުންނެވެ.