ސިއްހަތު

ކުޑަކުދިންނަށް ޖަހާ ކޮވިޑްގެ ތިން ވެކްސިނެއް

ރާއްޖޭގައި މިހާރު ކޮވިޑްގެ ހާލަތު ރަނގަޅު ނަމަވެސް އަޅުގަނޑުމެންގެ އަވަށްޓެރި އިންޑިއާގައި ކޮވިޑް-19 ފެތުރުން އަދިވެސް މުޅިން ކޮންޓްރޯލް ނުވާތީ އުމުރުން ފަސް އަހަރުންމަތީގެ ކުދިންނަށް ކޮވިޑްގެ ވެކްސިން ދޭން ފަށައިފި އެވެ.

މިކަން ފެށިގެން ކުރިއަށް ގެންދަނީ ކޮވިޑްގެ އިތުރު ރާޅެއް އެ ގައުމަށް އައުމުގެ ނުރައްކާތެރިކަން ބޮޑުވެ އެމައްސަލައަށް ހައްލެއް ގެނައުމުގެ ބޭނުމުގަ އެވެ. މިހާރު ޖަހަމުންގެންދާ މި ވެކްސިންތަކަކީ އުމުރުން 5 އަހަރާއި 15 އަހަރާއި ދެމެދުގެ ކުދިންނަށް ހާއްސަކޮށްގެން އުފައްދައިފައިވާ ތިން ވެކްސިން އެވެ.

އެ ގައުމުގެ ޔޫނިއަން ހެލްޓް މިނިސްޓަރު މުންސުކް މަންޑަވިޔާ އިއްޔެ ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ އެތައްހާސްބައެއްގެ އުއްމީދުތަކަށް އަލިމަގެއް ގެނެސްދޭނެ މި ވެކްސިންތައް ޖެހޭނެ އިންތިޒާމްތައް އިންޑިއާ ސަރުކާރުގެ ހޮސްޕިޓަލްތަކުންނާއި އަމިއްލަ ކްލިނިކްތަކުން ހަމަޖައްސަމުންދާ ކަމަށެވެ.

ސަރުކާރު ހޮސްޕިޓަލްތަކުން މިވެކްސިންގެ ހިދުމަތް ހިލޭ ލިބުނުު ނަމަވެސް އަމިއްލަ ކްލިނިކްތަކުން މި ވެކްސިންތައް ޖެހޭނީ ފައިސާ ދައްކައިގެނެވެ. ކުޑަކުދިންނަށް މި ވެކްސިން ދިނުމުން އެކުދިން ކޮވިޑް-19 އިން ރައްކާތެރި ކުރެވޭނެ ކަމަށް ވެކްސިން އުފެއްދި ފަރާތްތަކުން ބުނެ އެވެ.

އިންޑިއާގެ އެތައް ހާސް މީހުންނެއް އެމީހުންގެ ކުދިންނަށް މިވެކްސިންތައް ދިނުމުގެ ނަތީޖާއަކީ ކުރިން ބަންދުކޮށްފައި ހުރި ސަރުކާރު ސްކޫލް ތަކާއި އިންޑިއާގެ އެކި އަވަށް ތަކުގައި ހިންގަމުންގެންދާ އަމިއްލަ ސްކޫލްތަކުގައި ކިޔަވައި ދޭން ފެށުމެވެ. ކުޑަކުދިންނަށް ޖަހަން ތައްޔާރުކޮށްފައިވާ ތިން ވެކްސިނަކީ ކޯބަވެކްސްއާއި ކޮވެކްސިން އަދި ޒައިކޮވް-ޑީ އެވެ.

ކޯބަވެކްސް އަކީ އުމުރުން ފަސް އަހަރާއި 15 އަހަރާއި ދެމެދުގެ ކުދިންނަށް ޖެހުމަށް ހާއްސަކޮށްފައިވާ ވެކްސިނެކެވެ. މި ވެކްސިން އުދައްދާފައިވަނީ ހައިދްރައާބަދުގެ ބޭސްޑް ކޮމްޕެނީ ބައިލޮޖިކަލް-އީ ލިމިޓެޑުންނެވެ. މީގެ ދެ ޑޯޒް ހަމަކުރަންޖެހެ އެވެ. ފުރަތަމަ ޑޯޒްޖަހާތާ 28 ދުވަސް ފަަހުން މި ވެކްސިންގެ ދެވަނަ ޑޯޒް ޖަހަންޖެހޭނެ އެވެ.

މިއަހަރުގެ މާޗް މަހުން ފެށިގެން މި ވެކްސިން އުމުރުން 12 އަހަރާއި 15 އަހަރުގެ ކުދިންނަށް ދެމުން އައި ނަމަވެސް މިހާރު މި ވެކްސިން ފަސް އަަހަރުން މަތީ ކުދިންނަށް ޖެހުން ރަނގަޅު ކަމުގައިވެ އެވެ.

ކޮވެކްސިން އަކީ ބަރަތް ބަޔޯޓެކް އިން އުފައްދައިފައިވާ ވެކްސިނެކެވެ. މިއީ ހަ އަހަރުން މަތީގެ ކުދިންނަށް ޖެހުމަށް ހާއްސަކުރެވިފައިވާ ވެކްސިނެކެވެ. އަދި މީގެ ދެވަނަ ޑޯޒް ޖަހަން 28 ދުވަހުގެ މުއްދަތެއް ބޭނުންވެ އެވެ.

ޒައިކޮވެބް-ޑީ އަކީ އުމުރުން ހަ އަހަރުންމަތީގެ ކުދިންނަށް ދިނުމަށް ހައްސާކޮށްފައިވާ ކޮވިޑް ވެކްސިނެކެވެ. އިންޖެކްޝަން ޖަހަން ބިރުގަންނަ ކުދިން މިވެކްސިން ޖެހުމުން އެކަމުގެ ބިރު ފިލައިދެ އެވެ. އެއީ މި ވައްތަރުގެ ވެސްކިން ޖަހަން ބޭނުން ކުރަނީ ފާމަޖެޓް އެޕްލިކޭޓަރ މެދުވެރިކޮށް ކަމަށްވާތީ އެވެ.

މި ވެކްސިން ތަކުގެ ތެރެއިން ހަ އަހަރާއި 12 އަހަރުގެ ކުދިންނަށް ޖަހަން އެންމެ ރަނގަޅީ ކޮވެކްސިން އަދި ކޯބަވެކްސް އެވެ. ކުއްޖާގެ އުމުރުން 12 އަހަރުން މަތިނަމަ މި ތިން ވެކްސިންގެ ތެރެއިން ކޮންމެ ވެކްސިނެއް ވެސް ޖެހިދާނެ އެވެ.