ރަޝިއާ އާއި ޗައިނާ ރޭލު ބްރިޖުން ގުޅާލައިފި އެވެ. މިއީ އޮފިޝަލުން ބުނާ ގޮތުން ބޯޑަރު ހުރަސްކޮށް ދެ ގައުމުގެ ދެމެދުގައި ރޭލު ބްރިޖަކުން ގުޅާލި ފުރަތަމަ ފަހަރެވެ.
ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރަޝިއާގެ ނައިބު ބޮޑުވަޒީރު ޔޫރީ ތުރޫތުނިފް ވިދާޅުވި ގޮތުގައި ރަޝިއާއާ ދެކޮޅު ގައުމުތަކުން ފިއްތުންތައް ކުރިމަތިކޮށްފައި އޮތް ދަނޑިވަޅެއްގައި ދުވެލި ބާރު ރޭލު ދަގަނޑަކަށް ބްރިޖު ވާނެ އެވެ.
ޔޫރީ ތުރޫތުނިފް ވިދާޅުވި ގޮތުގައި ރަޝިއާ އާއި ޗައިނާ އިގުތިސޯދީ ގޮތުން ގުޅާލުމަށް ކުރެވޭ މަސައްކަތްތައް ރޭލު ބްރިޖުގެ ސަބަބުން އަވަސް ވާނެ އެވެ. އަދި އެއީ ދެ ގައުމުގެ ދެމެދުގައި އިންޕޯޓް / އެކްސްޕޯޓް ވިޔަފާރިއަށް ހުޅުވުނު ކާމިޔާބު މަގަކަށް ވާނެ އެވެ.
އޭނާ ވިދާޅުވީ ރަޝިއާ އާއި ޗައިނާއާ ދެމެދު ކުރެވެނީ ކޮން ޒާތެއްގެ ވިޔަފާރިއެއްތޯ އެހެން ގައުމުތަކުން ބަލާކަށް ނުޖެހޭނެ އެވެ. އަދި ހުޅުވުނު އާމަގަކީ އިތުރު އެހެން ބަޔަކަށް ބަރޯސާކުރުމެއް ނެތި މިނިވަންކަމާއެކު ދެ ގައުމަށް ދަތުރުފަތުރު ކުރެވޭނެ ނިޒާމެއް ކަމަށް ވެސް ވިދާޅުވި އެވެ.
ރޭލު ބްރިޖް މެދުވެރިކޮށް ދެ ގައުމު ގުޅާލުމަށް ޗައިނާ ކޮޅުން ވެސް ތައްޔާރުތައް ވާންޖެހޭ ކަމަށް ނައިބު ބޮޑުވަޒިރު ވިދާޅުވި އެވެ. އަދި ސަލާމަތީ ފިޔަވަޅުތައް ފުރިހަމަކުރެވުނުހާ އަވަހަށް ދަތުރުތައް ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ދަތުރުތަކަށް ރަޝިއާ މުޅިން ތައްޔާރު ކަމަށެވެ.
ޔޫރީ ތުރޫތުނިވް ވިދާޅުވި ގޮތުގައި ރޭލު ދަތުރުތައް ކުރެވޭނީ ދެކޮޅުގައި ދެ ގައުމުގެ އޮފިޝަލުން ތިބެގެންނެވެ. ކަސްޓަމްސް އާއި އިމިގްރޭޝަން އަދި ސިއްހީ އެހީތެރިން ވެސް ޝާމިލްވާ ގޮތުން ގަތާލެވޭ ނިޒާމެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ.
މިއީ 2.2 ކިލޯމީޓަރުގެ ރޭލު ދަގަނޑެކެވެ. ރަޝިއާގެ ތެރެއިން ދުވެ ގޮސް އާމޫރު ކޯރު ހުރަސްކޮށް އެޅި ބްރިޖް ކުރިން ހުޅުވާ ގޮތަށް އޮތީ ފާއިތުވި އޯގަސްޓްގަ އެވެ. އެހެން ނަމަވެސް ސްޓޭޝަންތައް ފުރިހަމަކުރަން އިތުރު ވަގުތު ބޭނުންވާތީ ހުޅުވުން މަޑުޖައްސާފައި އޮތީ އެވެ.