ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ހުވަފެނެއް ކަހަލަ ކައިވެނީގެ ވާހަކަތަކަށް އަދިވެސް ނިމުމެއް ނާދެ އެވެ.
އެޕްރީލް 14 ވަނަ ދުވަހު އެމީހުން ކައިވެނި ކޮށްފައިވާއިރު ޅީދަރިފުޅު އާލިއާ ކިހިނެއްތޯ ވެސް ބައެއް މީހުން ގެންދަނީ އޭނާގެ މައިދައިތަ އަދި ކުރީގެ މަޝްހޫރު ބަތަލާ ނީތޫ ސިންގްއާ ސުވާލު ކުރަމުންނެވެ.
ނީތޫ ފަނޑިޔާރުކަން ކުރާ ޑާންސް ރިއަލިޓީ ޝޯގެ ޝޫޓިން އަށް އޭނާ ދިއުމުން އެތަނުގައި ތިބި ނޫސްވެރިން ވެސް ނީތޫ އާ ކުރީ ހަމަ މި ސުވާލެވެ. ޅީދަރިފުޅު ކިހިނެއްތޯ އެވެ؟ މި ސުވާލަށް ނީތޫ ޖަހާލީ ވަރުގަދަ ހިނިގަނޑެކެވެ. އަދި ޅީދަރިފުޅު ވަރަށް ބަރާބަރޭ ބުންޏެވެ.
ކައިވެނީގެ މާ ކުރިއްސުރެ ވެސް އާލިއާ ވަނީ މައިދައިތަ އާއި ކަޕޫރު އާއިލާގެ އެންމެންގެ ހިތްތައް ފަތަހަ ކޮށްފަ އެވެ. އެހެންކަމުން އެ އާއިލާގެ އެންމެން އާލިއާ އަށް ކިޔާފައިވަނީ ވަރަށް ހޫނު މަރުހަބާ އެވެ. ހާއްސަކޮށް ނީތޫގެ ހިތުން ޖާގަ ހޯދުމުގައި އާލިއާ ހޯދާފައިވަނީ ބޮޑު ކާމިޔާބީ އެކެވެ.
އާލިއާގެ ކުރިން ރަންބީރު ރައްޓެހިވީ ދީޕިކާ ޕަދުކޯން އާއި ކެޓުރީނާ ކައިފް އަށް ވެސް ރަންބީރާ އެކު ޒަވާޖީ ހަޔާތެއް ނުފެށުނީ ނީތޫގެ ރުހުން އެމީހުންނަށް ނުލިބުމުންނެވެ.
ނީތޫ ބައިވެރިވި ޑާންސް ރިއަލިޓީ ޝޯގެ ހޯސްޓް ކަރަން ކުންދްރާ ވެސް ވަނީ އާލިއާއާ ގުޅުވައިގެން ނީތޫ އަށް ސުވާލެއް ކުރިމަތިކޮށްފަ އެވެ.
ކަރަން ސުވާލުކުރީ މިހާރު ނީތޫ މެންގެ ގޭގައި ވެރިކަން ކުރަނީ ކާކުތޯ އެވެ. ޖަވާބުގައި ނީތޫ ބުނީ އޭނާ ބޭނުމީ ޅީދަރިފުޅު އާލިއާ އެ ގެ ބެލެހެއްޓުމާ ހަވާލުވުމަށް ކަމަށެވެ.
ކައިވެންޏަށް ފަހު ވެސް އާލިއާ އާއި ރަންބީރަށް ހަނީމޫނަށް ދާނެ ފުރުސަތެއް ނުލިބުނެވެ. ދެ މީހުން ވެސް ދާން ޖެހުނީ އެމީހުން ކުޅެމުންދާ ފިލްމުތަކުގެ ޝޫޓިންގް އަށެވެ. އާލިއާ ދިޔައީ ރަންވީރު ސިންގް އާއެކު ކުޅޭ "ރޮކީ އައުރު ރާނީ ކީ ޕްރޭމް ކަހާނީ"ގެ ޝޫޓިންގަށް ދިއްލީ އަށެވެ. ރަންބީރު ފުރީ "އެނިމަލް"ގެ ޝޫޓިންގަށް މަނާލީ އަށެވެ.