( 26 އެޕްރިލް 2022 އާ ގުޅޭ )
ކަންބޮޑުވުމާއި ހާސްކަމުގެ ތެރެއިން ޒެހެން ނުހަނު ބާރަށް ހޫރައިންގެ ގައިގާ ހިފަހައްޓާލިއެވެ. އަތުލަފިކޮށްލި ފަދައަކުންނެވެ. ހޫރައިން ފުންނޭވާއެއް ލިއެވެ. ތިރީތުންފަތުގައި ދަތްއަޅާލީ ޖަޒުބާތުތައް ހިފަހައްޓަން މަސައްކަތް ކުރާ ފަދައިންނެވެ. ނަމަވެސް އޭނާގެ ދެ ލޯ އެއްބާރުލުމެއް ނުދިނެވެ. ހޫރައިންއަށް ރޮވެންފެށުނެވެ.
"އިޒް އިޓް ރިއަލީ އޯވާ." ހޫރައިންއަށް އަހާލެވުނެވެ.
ރޭޕް ކޭސްއާއި ގުޅިގެން ފުލުހުން ހިންގި ސްޓިންގް އޮޕަރޭޝަންގައި އިސްކޮށް ހުރީ ހަމްދޫނެވެ. ހުރިހާ ކަމެއް ހިނގަނީ އޭނާގެ ބެލުމުގެ ދަށުންނެވެ. ހޫރައިންގެ ފޯނަށް ކައިދިން ފޮނުވި މެސެޖާއެކު އެމީހުންގެ މަސައްކަތަށް ފަސޭހަވިއެވެ. ނުހަނު އަވަހަށް ބޭނުންވާ ނަތީޖާ ހޯދޭނެކަމުގެ ޔަގީންކަން ހަމްދޫނަށް އޮތެވެ. ލަފާކުރި ގޮތަށް ކައިދިންގެ އަމަލުތައް ހުރީމައެވެ. ރޭވި ކޮންމެ ދަންތުރައެއްގައި ރަނގަޅަށް ކައިދިން ހުރީ ޖެހިފައެވެ. ހޫރައިންއާ ބައްދަލުކުރާން ހިތުލައިގެން ރާވާފައި އޮތް ގޮތަށް ކައިދިން ހޮޓެލަށް އައިސް ހިފާފައި ހުރި ކޮޓަރިއަށް އޭނާ ވަންއިރު ވެސް ހޫރައިން ހުރީ އެ ހޮޓެލުގެ ތެރޭގައެވެ. އޭނާ ހުރީ ކައިދިން ހިފާފައި ހުރި ކޮޓަރިއާ ޖެހިގެން ކަނާއަތް ފަރާތަށް ހުރި ކޮޓަރީގައެވެ. ހަމްދޫނާއި އޮފަރޭޝަންގައި ބައިވެރިވި ހުރިހާ ފުލުހުން ވެސް ތިބީ އެތަނުގައެވެ. އެންމެ ފަހުވަގުތު ޒެހެން ހުރި ތަނެއް މުނައްވަރު ގާތުގައި ބުނީއެވެ. ހަންނާނުއަށް ކައިދިންއަށް ގުޅޭ ގޮތް ނުވެގެން ހާސްވެ ކަންބޮޑުވެގެން އުޅޭތީއެވެ. ހުރިތަން ބުނުމުން އެތަނަކަށް ހަންނާނު އަންނާނެކަން ޒެހެންއަށް އެނގެއެވެ. ހަންނާނާއެކު މުނައްވަރު ވެސް މެއެވެ. ކައިދިން ހައްޔަރުކޮށްގެން ގެންދާއިރު ހަގީގަތް އެމީހުންގެ ލޯތަކަށް ދެއްކުމަށެވެ.
ހޫރައިންއާއި ކައިދިންއާ ދެމެދު ދެކެވުނު ކޮންމެ ވާހަކައެއް ހަމްދޫނާއެކު ތިބި ފުލުހުންގެ އިތުރުން ޒެހެންއަށް އަޑު އިވުނެވެ. ކައިދިންގެ މުޑުދާރު ވާހަކަތަކުން ޒެހެންއެކޭ އެއްފަދައިން ހަމްދޫނުގެ ލޭ ވެސް ހޫނުވިއެވެ. ހޮޓެލުގެ ސަރައްކާލީގައި ހުރި ހަންނާނާއި މުނައްވަރަށް ކޮޓަރިއަކުން ނުކުތް ޒެހެން ފެނުމާއެކު އޭނާގެ ގާތަށް އައެވެ. ޒެހެން އަތުން އިޝާރާތްކުރީ ވާހަކަނުދެއްކުމަށެވެ. ވާނުވާ ނޭނގުނަސް ހަންނާނުއާއި މުނައްވަރު ހިމޭންވިއެވެ. ޒެހެން އެނބުރިލީ ޖެހިގެން ހުރި ކޮޓަރިއަށެވެ. ކައިދިންއާ ހަމައަށް ހަންނާނަށް އާދެވުނީ ޒެހެން އެ ކޮޓަރިއަށް ވަނީމައެވެ. ޒެހެންއެކޭ އެއްފަދައިން ހޫރައިންގެ ގައިގާ ކައިދިން ހިފަހައްޓާލައިގެން ހުރި މަންޒަރު ސާފުކޮށް ހަންނާނަށް ފެނުނެވެ. އަދި އެމީހުންގެ ސަބަބުން ކައިދިންއަށް ލިބުނު ސިހުން ވެސް މެއެވެ. ދަރިފުޅު ދިފާކުރެވެންނެތްކަން ހަންނާނުގެ ޟަމީރު ވެސް ގަބޫލުކުރިއެވެ. އާދެވުނު ރުޅީގައި އެ އައި ގޮތަށް ކައިދިންގެ މޫނުގައި އޭނާއަށް ޖެހުނީ އެހެންވެއެވެ. އޭނާ އެ ކޮޓަރިތެރޭގައި ހުރެ ހޫރައިންއާ ދިމާއަށް ކީ އެއްޗެހި އިވުނުނަމަ ހަންނާނަށް ޔަގީނުން ވެސް ކައިދިންގެ ތަނެއް މިއަދު ބިންދާލެވޭނެކަން ޔަގީނެވެ. އެހެންވިޔަސް ފުލުހުންގެ އެ އޮޕަރޭޝަނުގައި ޒެހެން ފިޔަވައި އާއިލާގެ މެންބަރަކު ޝާމިލުކޮށްފައެއް ނެތެވެ. ޒެހެންއަކީ ހޫރައިންގެ ފިރިމީހާއަށްވީމައެވެ.
ކައިދިން އޮފީހުން ނުކުތުމާއެކު އޭނާގެ ފަސްފަހަތުން ކަހަލަ ގޮތަކަށް ޒެހެން ވެސް އޮފީހުން ނުކުތީއެވެ. އޭނާ ވެސް އެނބުރި ހޮޓެލަށް އައީއެވެ. ހޫރައިންއާއެކު ކައިދިންގެ ކޮޓަރި ކައިރިއަށް ނުކުމެ ހުރެ އަނބިމީހާއަށް ޒެހެން ފުރިހަމަ ޔަގީންކަން ދިނެވެ. އެ ކޮޓަރީގައި ސިއްރު ކެމެރާތައް ހަރުކުރެވިފައި ހުރިކަމެވެ. ކިރިޔާ ނުރައްކަލެއްގެ އިޝާރާތެއް ވެލިޔަސް ހަމްދޫނާއި ޒެހެން ވަގުތުން އެ ކޮޓަރިއަށް ވަންނާނޭކަމެވެ. ކައިދިންގެ އަމިއްލައަށް ކުށަށް އިއުތިރާފުވާވަރަށް އޭނާ ލައްވާ ވާހަކަދެއްކެވުމަށް ހަމްދޫނު ހޫރައިންގެ ގާތުން އެދުނެވެ. ކޮންމެފަދަ އެއްޗެއް ކައިދިން ބުނި ނަމަވެސް ކެތްތެރިވުމަށް ހޫރައިންގެ ގާތުން ޒެހެންގެ އިތުރުން ހަމްދޫނު ވެސް އެދުނެވެ. ނަފްސު ތައްޔާރު ނޫނަސް ކައިދިންގެ ބާބު މުޅި އުމުރަށް މާޒީގެ އަނދިރިކަމުގެ ތެރޭގައި ވަޅުލަން ޚުދު ހޫރައިން ވެސް ބޭނުންވެއެވެ. ކެތްތެރިކަމާއެކު ﷲއަށް ވަކީލުކުރަމުން އޭނާ ކައިދިންއާ ކުރިމަތިލީއެވެ. ކައިދިންގެ ކައިރިއަށް އެ ކޮޓަރިއަށް ހޫރައިން ވަންއިރު ވެސް ދޮރު ކައިރީ ޒެހެންއަށް މަޑުކޮށްގެން ހުރެވުނެވެ. އޭނާ ކިތައްމެ ހިތްވަރެއް ދެއްކިޔަސް މޭގައި އޮތް ހިތް ނެގިނެގި ޖެހޭއިރު ހީވަނީ އަނގައިން ފުންމާލަން އުޅެނީ ހެންނެވެ. ދެއަތްތިލައަށް ބަލާލާފައި އަތުގައިގާ މަޑުމަޑު ތުރު ފޮރުވާލުމަށް ފަޓުލޫނުގެ އަރިމަތީ ޖީބަށް ދެއަތްތިލަ ޒެހެން ކޮށްޕާލީއެވެ. ފުންނޭވާއެއް ދޫކޮށްލުމާއެކު އެނބުރި ހަމްދޫނުގެ ގާތަށް އޭނާ އައެވެ.
ކައިދިންއާ ކުރިމަތިލުމުގެ ސަބަބުން ހަށިގަނޑުގެ ހުރިހާ ހަކަތައެއް ހޫރައިންގެ ގައިން ހުސްވީ ކަހަލައެވެ. އަމިއްލަ ރައްކާތެރިކަމަށް އުފުލާލައިގެން ހުރި ހަރުކަށިކަމުގެ އައްޑަނަ ވެސް ތިރިވެއްޖެއެވެ. އެތައް އަހަރެއްވަންދެން ބުރަކަށިމަތީ އުފުލަމުން އައީ ބަރު ބޮޑު ފަރުބަދަ ކުނޑިކުނޑިވެގެން ފޭބި ފަދައެވެ. މެދުކެނޑުމެއްނެތި ﷲއަށް ދެންނެވި ދެންނެވި ގަބޫލުކުރައްވައިފިއެވެ. ﷲގެ ނަސްރު އަތުވެއްޖެއެވެ. އެކަލާނގެ އޭނާއަށް ޓަކައި އެކަން ހީނުކުރާހާ ފަސޭހަކޮށްދެއްވިއެވެ. ނަފްސަށް ލުއިކަން ލިބިއްޖެއެވެ. ނަމަވެސް ކުއްލިއަކަށް އެ އިހްސާސްތަކާއި ޖަޒުބާތުތަކާ ކުރިމަތިލާނޭ ގޮތެއް ހޫރައިންއަކަށް ނޭނގުނެވެ. ހާދަ ދުވަހަކު އޭނާ މީހުންނަށް ނުފެންނަ ވޭނެއްގައި ބަނދެވި ގައިދުވެފައި އިނދެއްޖެއެވެ. ލިބުނު މިނިވަންކަމަކީ ހަގީގަތެއްތޯ ޒެހެންގެ ގާތުން ހޫރައިންއަށް އަހާލެވުނީ އެހެންވެއެވެ. ހަގީގަތުގައި ވެސް ހުރިހާކަމެއް ނިމުމަކަށް އައީ ހެއްޔެވެ. ނަފްސުގެ ހިފެހެއްޓުން އެހިނދު ގެއްލި ހޫރައިންގެ ދެ ލޯ ފުރި ބަންޑުންވާފެށީއެވެ. ރޮވި ގިސްލެވެން ފެށުނެވެ.
"ހޫރް ވަރަށް ހިތްވަރުގަދަ. އަހަރެން ވަރަށް ލޯބިވޭ. ވަރަށް ބޮޑަށް ލޯބިވޭ. މިއަދު ވަކިން ހޫރު ބްރޭވް، އަހަރެންގެ ވައިފްއަކީ ސްޓްރޯންގ ވޮމެންއެއް. އައި އޭމް ސޯ ޕްރައުޑް އޮފް ޔޫ ލަވް." ހޫރައިން ގާތްކޮށްލައިގެން ހުރެ އޭނާގެ ބުރަކަށީގައި ފިރުމަމުން ޒެހެން ވާހަކަދެއްކިއެވެ. ހިތްވަރާއި ތައުރީފުގެ ބަސްތަކުންނެވެ. ހަގީގަތުގައި އޭނާގެ އަނބިމީހާއާ މެދު ޒެހެން ނުހަނު ފަހުރުވެރިވެއެވެ. ހޫރައިން ދެއްކި ހިތްވަރުންނެވެ. އޭނާ އެންމެ މަތީ ދަރަޖައަށް ކެތްތެރިވިއެވެ.
"ބައްޕާ!... ބައްޕާ!..." ބިޑުއަޅުވައިގެން ކައިދިން ނެރެން ފެށުމުން އޭނާ ހާސްވިއެވެ.
"ބައްޕާ... ބައްޕާ! ޕްލީޒް." ކައިދިން ވާހަކަދައްކަން މަސައްކަތް ކުރިއެވެ. ހަންނާނަށް ދަރިފުޅުގެ ފަހަތުން މަގުމައްޗަށް ނުކުމެވުނެވެ. އޭނާގެ ފަހަތުން މުނައްވަރު އައެވެ. ޖިޕަށް ކައިދިން އެރުވިގޮތަށް އެ ނައްޓާލީއެވެ.
ހޮޓެލާއި އެންމެ ކައިރީގަ ހުރި ސްޓޭޝަނަށް ކައިދިން ގެންދެވުނެވެ. އެތަނުން "ޕޮލިސް ކަސްޓޯޑިއަލް"އަށް އޭނާ ގެންދިޔައެވެ. ހަންނާނު ބޭނުންވީ ނަމަވެސް އޭނާއަށް ކައިދިންއާ ބައްދަލުވެވޭ ގޮތެއް ނުވިއެވެ. ދަރިފުޅުދެކެ ނުރުހިފައި ހުއްޓަސް ހަންނާނަށް އަޅާނުލާ ނުހުރެވުނެވެ. އުސޫލުތަކާއި ޤަވައިދުތަކާމެދު އޭނާ ކަންބޮޑުވުން ފާޅުކުރީ ކައިދިންއާ ބައްދަލުނުވެގެންނެވެ.
ރޭގަނޑުގެ އިރާކޮޅެވެ. ގަޑިތަކުން އަށެއް ހަމަ ޖެހީއެވެ. ކެއުމުގެ ވަގުތު ޖެހުނުއިރު ވެސް ހަންނާނު ނުނިކުތެވެ. އޭނާގެ ސްޓަޑީގައި އިނީއެވެ. ގޭގެ މެއިޑު އައިސް ގޮވައިފިއެވެ. އެއަށްފަހު މެދަށް ހުންނަ އަންހެން ދަރިފުޅު ވެސް އައިސް ހަންނާނަށް ގޮވައިފިއެވެ. ބައްޕަ ކޮންމެވެސް ކަމަކާ ހާސްވެފައިކަން އިނީ އެކުދީންނަށް ވެސް އެނގިއްޖެއެވެ. އެހެންވިޔަސް އާއިލާގެ އެކަކަށް ވެސް ބައްޕައަށް މިއައި ބަދަލެއް ބުނާކަށް ނޭނގުނެވެ. އެމީހުންގެ އެންމެ ކުޑަކޮއްކޮ ފުލުހުންގެ ހައްޔަރުގައި އިންކަމެއް ވެސް ނޭނގެއެވެ. ހަންނާނުގެ ގާތުގައި މުނައްވަރު އިނެވެ. އެއްވެސް ކުއްޖަކު ބައްޕައާ ސުވާލެއް ނުކުރީ އެހެންވެއެވެ. ކައިދިން ހައްޔަރުކޮށްގެން ގެންދިޔަ ހިނދުން ފެށިގެން އެކުވެރިޔާ ދޫކޮށްލާފައި މުނައްވަރު ދިމާލަކަށް ފިޔަވަޅެއް ވެސް ނާޅައެވެ.
"ޒެހެންއަށް ގުޅާބަލަ. މިކަމުގައި އިސްވެ ހުރި ފުލުހަކީ އޭނާއަށް އެނގޭ މީހެއް." ހަންނާނަށް ބުނެވުނެވެ.
"މައްސަލައާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ފުލުހުން ކިޔައެއްނުދޭނެ. ކެތްތެރިވޭ ހަންނާނު. ވަކީލަކު ހަމަޖައްސަން އެމީހުން ފުރުސަތުދޭނެކަން އެނގެއެއްނު. މިވަގުތު ޝާހިދަށް ގުޅާ. ހަގީގަތް ކިތަންމެ ހިތި ވިޔަސް މައިންބަފައިންނަށް ދަރީން ދޫކޮށްލެވޭކަށް ނޯންނާނޭކަން އަހަންނަށް ވިސްނޭ. ކައިދިންނަށް އޭނާގެ ބައްޕަ އަޅާނުލިޔޭ ހީވާކަށް އަހަރެން ވެސް ބޭނުމެއްނޫން." މުނައްވަރު ވާހަކަދެއްކިއެވެ.
ޝާހިދަކީ ހަންނާނައި މުނައްވަރު އިތުބާރުކުރާ ވަކީލެކެވެ. އޭނާގެ މަސައްކަތަށް ފިސާރި ކުޅަދާނަ މީހެކެވެ. ރާއްޖޭގައި ބޮޑެތި ކުށްތަކަށް ވަކާލާތު ކުރުމުގައި ނަން ހިނގާ ވަކީލުންގެ ތެރޭގައި ހިމެނޭ މަޝްހޫރު ނަމެވެ. ހަންނާނު ފޯނު ނެގުމާއެކު ޝާހިދުގެ ނަންބަރު ހޯދާލިއެވެ. ފޯނު ރިންގުވާން ފެށީ ހަމައެވަގުތެވެ. ފޯނުކޯލު ނެގުމާއެކު ކައިދިންގެ އަޑު ހަންނާނަށް އިވުނެވެ. މަޑު އާހެއް ހަންނާނުގެ އަނގައިން ނުކުތެވެ.
ޖެހިގެން އައި ދުވަހު މެންދުރު ކައިދިން ކޯޓަށް ގެންދެވުނެވެ. ބަންދަށް ފަނަރަ ދުވަސް ޖެހިއެވެ. އެއަށްފަހު އޭނާ ގެންދެވުނީ ދޫނިދޫއަށެވެ. ހަމްދޫނު ވަރަށް ކައިރިން ކައިދިންގެ ކަންކަން ބެލިއެވެ. ގަނޫނުގެ އަތްދަށުން ދެމިގަނެގެން ހިނގައިދާނޭ ހަނި ފުރުސަތެއް ވެސް ކައިދިންއަށް ދޭކަށް ހަމްދޫނު ބޭނުމެއްނޫނެވެ. އޭނާ ހުރީ ނުހަނު ތައްޔާރުވެގެންނެވެ. ހޫރައިންގެ ފުރިހަމަ ބަޔާނެއް އެމީހުންނަށް މިހާރު ވަނީ ލިބިފައެވެ. އަދި ކައިދިން ގޮތްދޫނުކުރަން ހުއްޓަސް އެގޮތުގައި އޭނާއަށް ގިނަ ދުވަހަކު ހިފަހައްޓައި ނުލެވޭނެކަން ހަމްދޫނަށް ޔަގީންވެއެވެ. މިނިވަންކަމުގައި ތިމާ ބޭނުންހާ ކަމެއް ކުރަމުން ހިތުހުރި ގޮތަކަށް އުޅެމުން އައި ޒުވާނަކަށް ދުނިޔޭގެ މަޖަލާ ޒީނަތުން މަހުރޫމުވެ، އުމުރުގެ ބޮޑުބައި ކޮއްޓެއްގައި ހޭދަކުރާން ޖެހުމަކީ ކުޑަ ތަކުލީފެއްނޫނެވެ.
ދެ ދުވަސް ގޭގައި ހުރެފައި ޒެހެން އޮފީހަށް ނުކުތެވެ. ނަހުޔާނުގެ ސުވާލުތައް ކޮއްކޮގެ ކުރިމައްޗަށް ބަންޑުންކޮއްލިއެވެ. ކައިދިން ކޮބާތޯއެވެ. މުނައްވަރާއި ހަންނާނު ހާސްވެގެން އުޅެނީ ކޮންކަމަކާތޯއެވެ. ފުރިހަމަ ހަގީގަތް ބޭބެއަށް ޒެހެން ކިޔާދިނީ ދެނެވެ. މޭޒުދޮށުގައި އިށީނދެ އިނުން ދަތިވެގެން ނަހުޔާނަށް ކޮޅަށް ތެދުވެވުނެވެ ކެބިންގެ ތެރޭ ދެކޮޅަށް އޭނާ ހިނގިއެވެ. ދެން ކުއްލިއަކަށް ހުއްޓި ޒެހެންއަށް ބަލާލިއެވެ.
"އާ ޔޫ އޯލްރައިޓް. ހޫރް އޯކޭތަ؟." ނަހުޔާނަށް އަހާލެވުނެވެ.
"އަލްހަމްދުލިﷲ! ހައްޔަރުގަ ހުރީ. ބޭނުންވީ ހޫރަށް އިންސާފު ލިބެން. އޭނާއަށް ހުކުމެއް އަންނާނެ. އެއީ ޔަގީންކަމެއް. ފަސޭހައެއްނުވާނެ ސަލާމަތްވާކަށް. މުއްދަތުވެސް ކުޑައެއްނުވާނެ." ޒެހެން ބުންޏެވެ.
ނަހުޔާނަށް އެނގުމާއެކު ސާރާއާއި ސުހާނާއާ ހަމައަށް ޚަބަރު ގޮސްފިއެވެ. އޭގެ ދެބެން އައީ ޝާހީނާ ގާތަށެވެ. މަންމައަށް އެކަން އެނގޭތޯ ބެލުމަށެވެ. އޭރު ހަންނާނުގެ އާއިލާއަށް ވެސް ޒަލްޒަލާއެއް އައި ފަދައެވެ. ދެ އަންހެން ދަރީން ކައިދިން ދެކެ އިންތިހާއަށް ރުޅިއައެވެ. ކައިދިން ކުރި ކުށުގެ ސަބަބުން އޭނާ ސަލާމަތްކުރާން ހަންނާނު މަސައްކަތް ނުކުރާން އެކުދީން ބުނަމުންދިޔައެވެ. އެހެންވިޔަސް ބަލަހައްޓައިގެން ހުރުމަކީ ހަންނާނަށް ކުރެވޭނެ ކަމެއްނޫނެވެ. ދެން ތިބި ދަރީން ހިތްހަމަ ނުޖެހުނަސް އޭނާ ކައިދިންއަށް ފޯރުކޮށްދެވެން އޮތް އެހީއެއް ވިއްޔާ ފޯރުކޮށްދޭނެއެވެ. ކުށުގެ އަދަބު ލިބުމަކީ އެހެންކަމެކެވެ. އޭނާއަކީ ނުބައި ބަފައެއްނޫނެވެ. ކައިދިންދެކެ ލޯބިވާކަމާއި ދަރިފުޅު ރަނގަޅު މީހަކަށްވާން ހަނާން ހިތުގެ އަޑިން އެދެއެވެ.
ހަގީގަތް އެނގުނެއްކަމަކު އެ ވާހަކަތަކާ ގުޅިގެން ހޫރައިންއާ އެއްވެސް ކުއްޖަކު ސުވާލު ނުކުރުމަށް ޝާހީނާ ނަސޭހަތްތެރިވިއެވެ. އެފަދަކަމެއް ތަހައްމުލުކޮށްފައިވާ އެއްވެސް މީހަކަށް އެ ވާހަކަތައް ދެއްކުން ފަސޭހަކަމަކަށް ނުވާނެއެވެ. އަބަދުގެ މާޒީގެ ކަންކަން އިޔާދަކުރާންވެއްޖެނަމަ ހިތްވަރާއެކު ކެރިގެން ކުރިޔަށްދާން ހޫރައިންއަށް ދަތިވާނެއެވެ. އެކަން އާއިލާގެ ހުރިހާ އެންމެން ވެސް ގަބޫލުކުރެއެވެ. އެމީހުންގެ ހިތްތަކުގެ ފުނުގައި ހޫރައިންއަށް ޓަކައި ތަފާތު ލޯތްބަކާއި ކުލުނެއް އުފަންވިއެވެ.
އޮފީސް ތެރޭ މުވައްޒަފުންގެ ސިބިސިބިލައްވާ އަޑު އިވެންފެށިއެވެ. ކުއްލިއަކަށް ކެބިންގެ ދޮރު ހުޅުވާލައި ވަންތަން ފެނުނީ ނޫރާއެވެ. ދޮރުގައި ޓަކި ޖަހާލަން ވެސް އޭނާ ހަނދާންނެތުނީއެވެ. ނަހުޔާނާއި ޒެހެންއަށް ބަލާލެވުނީ ކަންބޮޑުވުމާއެކުއެވެ.
"ސާރ..." އަޖައިބުން އަންތަރީސްވެފައި ހުރި ނޫރާއަށް ބުނެލެވުނީ އެވަރަށެވެ. ޒެހެންއާއި ނަހުޔާނަށް ވަކިވަކިން ބަލާލިއެވެ.
"ކިހިނެއްވީ ނޫރާ." ނަހުޔާނު ސުވާލުކުރިއެވެ.
ޖަވާބު ދޭނޭ ގޮތެއް ނޫރާއަކަށް ނޭނގުނެވެ. އޭނާ ހަލުވިކޮށް އައިސް ނަހުޔާނަށް ދިއްކޮށްލީ އަތުގައި ޓެބްލެޓެވެ. ނަހުޔާނަށް ފެނުނީ އޭގައި ހުޅުވާފައި އޮތް ރާއްޖޭގެ މަޝްހޫރު އޮންލައިން ނޫހެކެވެ. އޭގައި އޮތް ޚަބަރެވެ. ކައިދިންގެ ފޮޓޯ އެހުރީ ފެންނާށެވެ. ނަހުޔާނުގެ ނަޒަރު ޒެހެންއަށް ހުއްޓުނެވެ.
"ނޫރާ ދޭ." ނަހުޔާނު ބުނެލިއެވެ.
ނޫރާ ނުކުމެގެން ދިއުމާއެކު ޒެހެން މޭޒުދޮށުން ތެދުވިއެވެ. ކައިދިންއާ ބެހޭ ގޮތުން ޖަހާފައި އޮތް ޚަބަރު ނަހުޔާނު ދައްކާލިއެވެ. އަދި އޭގައި ލިޔެފައި އޮތް އެއްޗެއް އޭނާ ކިޔަންފެށީ ޒެހެންއަށް އަޑު އިވޭނޭ ވަރަށެވެ.
"ރަނގަޅަށް އެ އޮތީ. ފަނަރަ ދުވަސް ހަމަވެގެން އޭނާ ގެންގޮސް ބަންދުގެ މުއްދަތު އިތުރެއް ނުކުރި. ކުށުގެ ބާވަތުން އަވަސްކުރާން އެދުނީ. ފުލުހުންނަށް މިހާރު އެއީ ކޮންބައެއްކަން ބުނަން އެނގިއްޖެ. ވަރަށް އަވަހަށް އެމީހުންގެ ފޮޓޯތައް ވެސް އާންމުވާނެ." ފިކުރަކަށް ގެއްލި އިންފަދައިން އެއްދިމާއަކަށް ނަޒަރު ހުއްޓާލައިގެން އިނދެ ޒެހެން ބުންޏެވެ.
ކައިދިން ފުލުހުންނަށް ހުރިހާކަމެއް ކިޔާދިނެވެ. އޭނާއަށް ލުއިތަކެއް ލިބޭން އޮތީ އެގޮތުންވީމައެވެ. އެކުވެރީންގެ ނަންތައް އޭނާ ހާމަކުރިއެވެ. އެމީހުންގެ ތެރެއިން އެންމެ ފުރަތަމަ ފުލުހުންނަށް "ބްރޭކް" ކޮށްލެވުނީ ރިޝްވާނެވެ. އޭނާގެ އަނތްބެއް ހުރީމައެވެ. އޭނާ ހައްޔަރު ކުރެވުނީ އަނބިމީހާ ބަނޑުބޮޑުކަން އެނގި ޔަގީންކުރާން ހޮސްޕިޓަލަށް ގޮސް ޓެސްޓު ހަދާފައި އެނބުރި ގެއަށް ވަގުތެވެ. އޭނާއަށް ރޮއެގަނެވުނެވެ. އަނބިމީހާއާއި ދަރިފުޅާ ދުރުގައި ޖަލުގައި އޭނާ އޮންނަން ޖެހޭނެ ދިގު މައްދަތު އެނގުމުންނެވެ. އޭނާ ކައިދިން ކިޔާދިން ފަދައިން ހޫރައިންގެ ރޭޕްގައި ބައިވެރިވީ އެންމެންގެ ނަން ހާމަކުރިއެވެ. ކަންތައް ހިނގާ ދިޔަ ގޮތް ވެސް މެއެވެ. ހަގީގަތުގައި އެންމެ ބޯ ބޮޑު މީހަކަށް ވީ އޭނާއެވެ. އެންމެ ކުޑަ މުއްދަތެއްގެ ހުކުމް އައީ ރިޝްވާނަށެވެ. ކައިދިންއަށް އައީ ފަނަރަ އަހަރު ދުވަހުގެ ޖަލު ހުކުމެވެ. އަދި ދެން ތިބި އެކުވެރީން އެކަމުގައި ބައިވެރިވެ އެހީތެރިވީތީ 8 އަހަރުގެ ޖަލު ހުކުމެއް ކަނޑައެޅުނެވެ.
ސޯޝަލް މީޑިއާއާއި މާލެ ތެރޭ ނިކަން ފޯރިގަދަވިއެވެ. ހަ އަހަރު ފަހުން ހުޅުމާލޭގައި ރޭޕްކޮށް އެތައް ޒަޚަމްތަކަކާއެކު އެއްލާލާފައި އޮތް ކުއްޖާއަށް އިންސާފު ހޯދާދެވުނު ކަމުގެ ވާހަކަ ނޫން އިތުރު ވާހަކައެއް އެކަކުވެސް ނުދައްކައެވެ. ފުލުހުންގެ މަސައްކަތަށް ސާބަސްދިނެވެ. އެހެންވިޔަސް ހަގީގަތަކީ ހޫރައިންހާ ކޮންމެ އަންހެންކުއްޖަކު ނަސީބުވެރިއެއް ނޫނެވެ. އެފަދަ ކޮންމެ އަންހެންކުއްޖަކަށް މައްސަލަ ބަލައިދީ އެއްބާރުލުން ދޭނޭ ހަމްދޫނެއް ނެތެވެ. އޯގާތެރިކަމާއި ލޯތްބާއި ހިތްވަރު ދޭނޭ ފިރިއަކު ނޫނީ ސުމައްޔާ ފަދަ ހިތްވަރުގަދަ ނަމޫނާ މަންމައަކާއި ބައްޕައަކު އެކުދީންނަށް ލިބިފައިނެތީއެވެ. އެހެންވިޔަސް ﷲއާ ވަކީލުކޮށްފި އަޅަކަށް ގެއްލުމެއް ނެތެވެ.
ތިން މަސް ފަހެވެ.
ފަތިސް ނަމާދުން އައިސް އެޕާޓްމެންޓަށް ޒެހެން ވަނެވެ. ކާމޭޒުކައިރީ އިން ހޫރައިން ފޯނު ބާއްވާލިއެވެ. އޭނާ އިނީ ފޯނުން ޤުރުއާން ކިޔަވާށެވެ. ޒެހެން އަންނަން ދެކަށެވެ. ފުޅާ ހިނިތުންވުމަކާއެކު ހޫރައިން އައިސް ޒެހެންގެ ގައިގާ ބައްދާލައިފިއެވެ. ލޯބިވެޔޭ ބުނެލިއެވެ.
"ލޯބިކޮޅެއް ދޭން ދާންވީތަ." އަނބިމީހާގެ އެފަދަ އިޝާރާތްތައް ދަސްވެފައި ހުރުމުން ޒެހެން ވެސް ލާނެތްވެލިއެވެ. ހޫރައިން ހީނލިއެވެ. ޒެހެންގެ މޭގައި މޫނު ފޮރުވާލުމާއެކު ބޯޖަހާލީ އާނއެކޭ ބުނާ ފަދައަކުންނެވެ. ޒެހެން ތިރިވެލާފައި ނުވިސްނާ ހުރި އަނބިމީހާ އަތްދަނޑިމައްޗަށް އުފުލާލިއެވެ. ހޫރައިން ހޭންފެށިއެވެ.
"މަންމީ... ބައްޕާ..." ދޮރުގައި ޓަކި ދޭ އަޑާއެކު ޔޫކްގެ އަޑު އިވުނެވެ.
"ކުރިޔަކަށް ދެން ނުދެވޭނެއެއްނު. މަންމިއާއެކު އިތުރު ކޮއްކޮއެއް ހޯދަން އުޅެނިކޮށް..." ޒެހެންގެ އަނގަމަތީ ހޫރައިން އަތްއެޅިއެވެ.
"ފަހުން... މެންދުރު." ނިކަން އަވަށް އެނދުން ތެދުވަމުން ހޫރައިން ބުނެލިއެވެ. މާނަވީ ބެލުމަކުން ނިކަން ހިނިއައިސްފަ ހޫރައިންއަށް ބަލަން ޒެހެން އޮތީއެވެ.
ދޮރު ހުޅުވާލިއިރަށް ޔޫކް ވަދެއްޖެއެވެ. ބައެއް ދުވަސްދުވަހު އެކުއްޖާ ފަތިހާ ހޭލައިގެން އައިސް ހޫރައިންއާއި ޒެހެންގެ ގާތުގައި އޮވެ ނިދާނެއެވެ. އެނދަށް އަރަން އުޅުނު ޔޫކް އުފުލާލައި ޒެހެންގެ މޭމަތީ ބޭއްވިއެވެ. ނިކަން ލޯބިން ބައްޕައަށް ގޮވާލާފައި ބައްޕަ ކައިރީ އޮވެލަން އައީކަމުގައި ޔޫކް ބުނެލިއެވެ. ދަރިފުޅާގެ ބޮލުގައި ޒެހެން ފިރުމާލިއެވެ. ނިދާލާށޭ ބުނެލިއެވެ. ހޫރައިން ވެސް އައިސް ޒެހެންގެ ގާތަށް އެނދަށް އެރިއެވެ. ފިރިމީހާ ދަމާލި އަތްމަތީ އޭނާ ބޯއަޅާލިއެވެ. އެހިނދު އަނބިމީހާ ގާތްކޮށްލުމާއެކު ނިތްކުރީގައި ބޮސްދީފިއެވެ.
"އަލްޙަމްދުއްލިﷲ..." ޙަމްދާއި ޝުކުރުން ހޫރައިންގެ ހިތްވަނީ ފުރިފައެވެ.
ﷲ ގެ ރުއްސެވުން ލިބިއްޖެ މީހަކަށް މަޔޫސްވުމެއް ނެތެވެ. ހޫރައިންގެ ހިތަށް ހަމަޖެހުންދެއްވީ އެކަލާނގެއެވެ. އޭނާއަށް މަގުދެއްކީ އެކަލާނގެއެވެ. ސާލިހު ދެ ފުރާނަ ގާތް ކުރައްވައި ދެހިތް އެކަކުއަނެކަކުގެ މައްޗަށް ޖެއްސުވިއެވެ. އެއީ ހަމައެކަނި ނަސީބެއް ނޫނެވެ. ތަޤްދީރެއް ވެސް ނޫނެވެ. އެ ދެމީހުންނަށް ޓަކައި އެމީހުންގެ ވެރި ރައްބުވަނީ ހުރިހާކަމެއް ލިޔުއްވާ ކަނޑައަޅުއްވާފައެވެ. އެ ދެމަފިރިންގެ ހިތް ރުހިގެންވާ ހާލު ލޯތްބާއި ކުލުންވެރިކަމާއެކު އެކަކުއަނެކަކަށް ބަލާހިނދު އެ ދެމިރިންނަށް ﷲ އޯގާވަންތަކަމާއި ރުއްސެވުމުގެ ބެއްލެވެވުމުން ބައްލަވާ ވޮޑިގެންވެއެވެ. އެއީ ޔަގީނުން ވެސް ﷲ ލޯބިވެވޮޑިގެންވާ ދެ ފުރާނަކަން ޔަގީނެވެ. ސުބްހާނައްﷲ! އެންމެ ފުރިހަމައީ ﷲ ގެ ރޭއްވުންކަމާމެދު ޝައްކެއްނެތެވެ. (ނިމުނީ)