ފެންފުށި

ފެންފުށީގެ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ފަށައިފި

Apr 28, 2022

އދ. ފެންފުށީގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ފެންފުށީގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިމަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުޙައްމަދާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އެވެ.


މިރަސްމިއްޔާތުގައި ފެންފުށީ ކައުންސިލް މެމްބަރުންނާއި ގިނަ އަދަދެއްގެ އާންމުން ވެސް ބައިވެރިވެފައިވެ އެވެ.

ފެނަކަ އިން ބުނީ ފެންފުށީގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތުގެ ދަށުން ކުރިއަށް އޮތް ހަމަސް ތެރޭ ހޮޅި ވަޅުލައި، ސާފުކޮށް، ޕްރެޝަރު ޓެސްޓް ކޮށް، ގޭގެއަށް ކަނެކްޝަން ދިނުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.


މިމަޝްރޫއުގެ ދަށުން 9،600 މީޓަރަށް ވުރެ ދިގު ފެނުގެ ވިއުގައެއް ގާއިމުކޮށް 60 ޓަނުގެ ދެ ފެން ޕްލާންޓް ބަހައްޓައި 950 ޓަނުގެ ފެން ރައްކާކުރެވޭނެ ވަސީލަތް ގާއިމުކޮށް، ރަށުގެ ހުރިހާ ގެއަކަށް ފެން މީޓަރު ގުޅައިދިނުމަށް ހަމަޖެހިފައިވެ އެވެ.

މި މަޝްރޫއަކީ ދިވެހި ސަރުކާރުގެ ފަރާތުން ޕްލޭނިން މިނިސްޓްރީން މި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ނިންމުމަށް ފެނަކަ އާ ހަވާލުކުރައްވާފައިވާ މަޝްރޫއެކެ. ފެނަކައިން މަސައްކަތް ކުރަނީ މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމައި، މިއަހަރުގެ ނޮވެމްބަރު މަޝްރޫއު ސަރުކާރާ ހަވާލުކުރުމަށެވެ.