އިމްތިޔާޒު ފަހުމީ

ނުފޫޒު ފޯރުވާ ކަމަށް އެމްޑީޕީންވެސް ބުނެފި: އިންތިގެ ޓީމް

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް (ފައްޔަ) ގެ ކެންޕެއިން ޓީމުން އިންތިހާބަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށް ހުށައެޅި މައްސަލަތައް ބެލުމަށް ފަހު ނަހަމަ ނުފޫޒު ފޯރުވާ ދައުލަތުގެ މުދަލާއި ވަސީލަތް ނަހަމަ ގޮތުގައި ބޭނުން ކުރާ ކަމަށް އެމްޑީޕީގެ ކަމާގުޅޭ ކޮމެޓީން ނިންމާފައިވާ ކަމަށް ފައްޔާޒްއާ ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ގެ ކެމްޕެއިން ޓީމުން މިއަދު ބުނެފި އެވެ.

އިމްތިޔާޒްގެ ކެމްޕެއިން ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އިންތިގެ ކެމްޕެއިން ތަރުޖަމާން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ އިންތިހާބާ ދިމާކޮށް އެމްޑީޕީގެ މެންބަރުންނަށް ވަޒީފާގެ ބިރުދައްކާ ކަމަށާ ނަހަމަ ނުފޫޒު ފޯރުވާ ކަމަށް ބުނުމުން އެކަން ވާދަވެރި ކެންޑިޑޭޓްގެ ކެމްޕެއިނުން ދޮގުކޮށްފައިވާ ކަމަށެވެ.

އަދި އެ ޝަކުވާތައް އެމްޑީޕީގެ ކަމާގުޅޭ ކޮމެޓީތަކަށް ހުށައެޅުމުް އޭގެ ތެރެއިން ހަތަރު ޝަކުވާއެއްގެ ޖަވާބު ލިބިފައިވާ ކަމަށެވެ. އެއީ ގއ. ނިލަންދޫ ފެނަކަ އޮފީހުގައި ފައްޔާޒްގެ ކެމްޕެއިން ބައްދަލްވުމެއް ބޭއްވުމުން ހުށައެޅި ޝަކުވާ އާއި ބ. ފެހެންދޫ މީހަކު އިމްތިޔާޒަށް ތާއީދު ކުރާތީ އޭނާ އަދާކުރަމުން އައި މަގާމުގެ މަސްއޫލިއްޔަތުން އެކަހެރި ކުރުމުން ހުށައެޅި ޝަކުވާ އާއި ގދ. ގައްދޫ ފެނަކަ ބްރާންޗްގެ މެނޭޖަރު އެ ކުންފުނީގެ އެހެން މުވައްޒިފަކަށް ބިރުދެއްކި ކަމަށް ބުނެ ހުށައެޅި ޝަކުވާ އެވެ.

ވަހީދު ވިދާޅުވީ އެ ޝަކުވާތައް ބެލުމަށް ފަހު ވާދަވެރި ކެންޑިޑޭޓްގެ ފަރާތުން މުވައްޒިފުންނަށް ބިރު ދައްކާ ނަހަމަ ނުފޫޒު ފޯރުވާ އަދި ދައުލަތުގެ މުދަލާއި ވަސީލަތް ނަހަމަގޮތުގައި ބޭނުން ކުރާ ކަމަށް އެމްޑީޕީގެ މައްސަލަ ބެލި ކޮމެޓީން ބުނެފައިވާ ކަމަށެވެ. އެކަމާ ގުޅޭގޮތުން ކޮމެޓީން ދިން ޖަވާބުގެ ލިޔުންވެސް ވަހީދު ވަނީ ނޫސްވެރިންނާ ހިއްސާކޮށްފައެވެ.

"މި ކެންޕޭނުން ދެއްކި ހުރިހާ ވާހަކައެއްގެ ހަގީގަތް އެއޮތީ ހުދު ޕާޓީ އިން ހާމަކޮށްފައި. ވާދަވެރި ކެންޕެއިނުން ބިރުވެސް ދައްކާ ނަހަމަ ނުފޫޒުވެސް ފޯރުވާ ދައުލަތުގެ މުދަލާއި ވަސީލަތް ނަހަމަގޮތުގައި ބޭނުންވެސް ކުރާ ކަމަށާ މިކަންކަމުން ދުރުހެލިވުމަށާއި އެކަންކަމުގެ ނޭދެވޭ އަސަރު މުޅި ޕާޓީއަށް ކުރަމުންދާކަން އެމްޑީޕީއިންވެސް އެވަނީ ބުނެފައި،" ވަހީދު ވިދާޅުވިއެވެ.

ވަހީދު މިއަދުވެސް ވިދާޅުވީ މި ޖަވާބުތަކާއެކު ދައުލަތުގެ ކަމާއިބެހޭ މުއައައްސަސާތަކަށް ހުށަހަޅައިގެން ކުރިއަށްދާން ޖެހޭ ކަންކަން ބަލައި އެކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ. ހަމަ އެންމެ މީހަކަށް ބިރުދެއްކިޔަ ނުދޭނެ ކަމަށާ އެމީހެއްގެ ހައްގުގައި ތެދުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުމުގެ ކަންތައް ކުރިއަށްގެންދިއުމުގައި އަމަލުކުރާން އިމްތިޔާޒްގެ ކެމްޕެއިން ޓީމުން އެދޭ 17 ކަމެއް ފާހަގަކޮށް އެމްޑީޕީގެ ކަމާއިބެހޭ ކޮމެޓީތަކަށް މި މަހުގެ 22 ވަނަ ދުވަހު ހުށައަޅާފައިވާ ކަމަށެވެ.

އޭގެ ތެރެއިން 8 ކަމަކީ ދިވެހިރާއްޖޭގެ ގައުމީ އިންތިހާބުތަކުގައި މިހާރުވެސް އަމަލުކުރާ އުސޫލުތައް ކަމަށާ ބޭނުމަކީ އިންތިހާބުގެ ސައްހަކަން ކަށަވަރު ކުރުމާއި ވޯޓު ގަނެވިއްކުމުގެ އުކުޅުތަކަށް އޮތް ޖާގަ ކުޑަކުރުން ކަމަށެވެ.

އިމްތިޔާޒްގެ ޓީމުން ހުށައަޅާފައިވަނީ ވޯޓު ލާ މަރުކަޒުގައި ވޯޓަރުންގެ ލިސްޓު އާންމުކޮށް ފެންނާން ހުންނާނެހެން ބެހެއްޓުމާއި ވޯޓު ލާންދާ މީހާގެ ނަމާއި އެޑްރެހާއި އައިޑީ ނަންބަރު ބާރަށް އިއުލާންކުރުމާއި ވޯޓު ކަރުދާހުގައި އިތުރު ފާހަގަ ޖަހައި ކުރެހުމުން ބާތިލުވުމާއި
ވޯޓު ކަރުދާސް ދެއްކުމާއި ފޮޓޯ ނެގުން މަނާކުރުމަށެވެ.

މީގެ އިތުރުން ޗެއާޕާސަން ހޮވުމާއި އަންހެނުންގެ ރޫހް އަދި ޒުވާނުންގެ ހިތްވަރަށް ވަކި ވަކި ގަނޑުގައި ޗާޕުކުރެވިފައިވާ ވޯޓު ކަރުދާސްކޮޅެއް އޮތުމާއި ވޯޓުލީ މީހުންގެ ލިސްޓާއި ވޯޓު ކަރުދާހާއި ބާކީހުރި ވޯޓު ކަރުދާސް ސިޓީއުރައެއްގައި ބަންދުކޮށް ސީލުޖަހައި އެސީލުގައި ސޮއިކޮށްފައި އޮތުމާއި ވޯޓުގެ ނަތީޖާ ޝީޓް ވަކި ސިޓީއުރައެއްގައި ބަންދުކޮށް ސީލުޖަހައި އެސީލުގައި ސޮއިކޮށްފައި އޮތުމަށެވެ. އަދި ވޯޓުލީ މީހުންގެ ލިސްޓާއި ވޯޓު ކަރުދާހާއި ބާކީހުރި ވޯޓު ކަރުދާސް ލާފައިވާ ސިޓީއުރަ ކެންޑިޑޭޓޫންގެ މަންދޫބުންގެ ހާޒިރުގައި ނޫނީ ނުކެނޑުމަށެވެ.