ރަޖިބް ތައްޔިބު އެރުދުޣާން

ގުރުއާނަށް ވަރުބޭލުމަކީ ޖާހިލުންގެ އަމަލެއް: އުރުދުޣާން

މުސްލިމުންގެ މުގައްދަސް ފޮތް، ގުރުއާނަށް ވަރުބާލައި އިހާނެތިކޮށް ހިތައި އެންދުމަކީ ޖާހިލުންގެ އަމަލެއް ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ އެކަމުން ދޭހަވަނީ އެބައެއްގެ ކިބާގައި ގޮތެއް ނެތްކަމެވެ.

ޓާކިޝް ރޭޑިއޯ އެންޑް ޓީވީ (ޓީއާރުޓީ) އިން މި ރޯދަމަހު އިސްތަމްބޫލްގައި ބޭއްވި ގުރުއާން ކިޔެވުމުގެ މުބާރާތެއްގެ ފައިނަލްގައި ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވި ގޮތުގައި މުސްލިމުންނަށް ފުރައްސާރަކޮށް މުސްލިމުންގެ މުގައްދަސް ބިނާތަކުގައި ހުޅުޖަހައި އަދި ގުރުއާން އެންދުމަކީ އިންސާނުންނަށް ވުރެ މަތީ ދަރަޖައަކަށް ވާސިލްވެވޭ ކަމެއް ކަމަށް ޔޫރަޕްގެ ބައެއް ގައުމުތަކަށް ހީވާ ކަމަށެވެ.

އުރުދުޣާން ވިދާޅުވީ މޭފުއްޕާފައި ނުކުމެ އާންމު ތަންތަނުގައި ގުރުއާން އެންދުމަކީ ކިބުރުވެރިކަމާއި ރުޅިވެރިކަމުގެ އިންތިހާ ކަމަށާއި އެކަމަކު އެމީހުންގެ ޖާހިލުކަމާއި އެއްޗެއް ނޭނގޭކަން ފިޔަފައި އެހެންކަމެއް އެމީހުންގެ އަމަލުތަކުން ސާބިތުނުވާ ކަމަށެވެ.

ގުރުއާން އަންދާ މަންޒަރު ބެލުމަކީ ހިތުގައި ގުރުއާނުން ބިންވަޅު ނެގިފައި ތިބި ބަޔަކަށް ކެތްކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ގުރުއާނަކީ މުސްލިމުންގެ ހިތް ކަމަށާއި ހިތުހުރި ގޮތެއް ގުރުއާނަށް ހަދަން ހަދައިގެން މުސްލިމުންގެ ފުރަމޭ ދަށުން ފަޅައިގެން ނުކުންނަ ހުޅުގަނޑު، އަނގުރު އަލިފާނަށް ވުރެ ދިލަގަދަވާނެ ކަމަށެވެ.

"ގުރުއާނަށް އިހާނެތިކޮށް ހިތާ ހިތުން އަޅުގަނޑުމެއް ދުވަަހަކުވެސް ހަނދާން ނައްތާނުލާނަން،" އުރުދުޣާން ވިދާޅުވި އެވެ. "އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު އުފަލަކީ ގުރުއާން ކިޔެވުމާއި އެއިން އުނގެނި އަދި ގުރުއާންގެ އަލީގައި ހަޔާތް ވޭތުކުރުން"

ސްވިޑްންގައި ރަސްމުސް ޕަލުޑާން ނަމަކަށް ކިޔާ މީހަކު އާންމު ތަނެއްގައި ގުރުއާން އެންދި މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ. އެކަމާ ދެކޮޅަށް މަގުތަކަށް ނުކުތް މީހުން ތަންތަނުގައި ހުޅުޖަހައި ވަނީ އާންމުންގެ މުދަލަށް ވެސް ގެއްލުން ދީފަ އެވެ.

ހަމަނުޖެހުންތައް ކޮންޓްރޯލްކުރަން ފުލުހުން ބަޑިޖެހުމުގެ ސަބަބުން ތިން މީހަކަށް އަނިޔާވެ 30 އަށް ވުރެ ގިނަ މީހުންނަށް ވަނީ ފުލުހުންގެ ބަންދަން ދާން ޖެހިފަ އެވެ.

ރަސްމުސް ޕަލުޑާން ބުނާ ގޮތުން މުސްލިމުން ރުޅިއެރުވުމުން ލިބެނީ އިންސާނުންގެ ގައިން ލޭބޯމީހުންނަށް ލިބޭ ކަހަލަ އުފަލެކެވެ. އޭނާ ބުނީ އަދި ވެސް އިތުރު އެއްވުންތައް ބާއްވާނެ ކަމަށާއި ގުރުއާންގެ ކޮޕީތައް އަންދާނެ ކަމަށެވެ.