ތުރުކީގެ ވެރިރަށް އަންކާރާގައި ބޮމަކުން ޖާނު ގޮއްވާލައި ޓެރަރިސްޓަކު ދިން ހަމަލާގެ ޒިންމާ ތުރުކީ ވަކިވެގަތުމަށް މަސައްކަތް ކުރާ ހަނގުރާމަވެރި ޖަމާއަތް -- ޕީކޭކޭ އިން ނަގައިފި އެވެ.
މި ހަމަލާ ދީފައި ވަނީ އެ ގައުމުގެ ދާހިލީ ވުޒާރާ ދޮށުގަ އެވެ. ހަމަލާގެ ސަބަބުން އެކަކު މަރުވެ ދެ ފުލުހަކަށް ވަނީ އަނިޔާވެފަ އެވެ.
ދާހިލީ ވުޒާރާގެ އޮފިޝަލަކު ޚަބަރަށް ބުނި ގޮތުން ހަމަލާގައި ބައިވެރިވެފައިވަނީ ދެ ޓެރަރިސްޓެކެވެ.
މީގެ ތެރެއިން އެކަކު ބޮމާ އެކު ގޮވައި ވަނީ މަރުވެފަ އެވެ. އަނެކަކު ތުރުކީ ފުލުހުން އަތުލައިގަނެ މިހާރު ހުރީ ބަންދުގަ އެވެ.
ބޮން ގޮއްވާލި ސަރަހައްދުން ނަގާފައި ހުރި ފޮޓޯތަކުން ފެންނަނީ ފުލުހުންނާއި ސިފައިން އަދި ބޮން ނުގޮވާ ގޮތް ހެދުމަށް ތައްޔާރުކޮށް ފައި އޮތް އަސްކަރީ އުޅަނދެކެވެ.
ބެލެވޭ ގޮތުގައި އެ ސަރަހައްދުގައި އިތުރު ބޮމެއް އޮތްތޯ އަދިވެސް ދަނީ ބަލަމުންނެވެ. ގޮވާ ތަކެތި ދެނެގަތުމަށް ހާއްސަ އާލާތްތައް ގެންގުޅޭ ތަން ވެސް ފެނެ އެވެ.
ދާހިލީ ވަޒީރު އަލީ ޔާލިކަޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި ދެ ޓެރަރިސްޓުން އެއްގަމު އުޅަނދެއްގައި އެ ވުޒާރާ ދޮށަށް މަޑުކުރުމަށްފަހު ބޮން ގޮއްވާލީ އެވެ. ދެވަނަ މީހާ އެ ތަނުން ފިލައިގެން ދިއުމުގެ ކުރިން ސަލާމަތީ އޮފިސަރުން ހިފެއްޓީ ކަމަށް ވަޒީރު ވިދާޅުވި އެވެ.
މި ހަމަލާގައި އަނިޔާ ލިބުނު ދެ އޮފިސަރުން އަދިވެސް ތިބީ ހޮސްޕިޓަލުގައި ކަމަށް ވަޒީރު ވިދާޅުވި އެވެ. ނަމަވެސް އެ މީހުންގެ ހާލު، ފުރާނައަށް ނުރައްކާވާ ވަރު ނޫން ކަމަށް ވިދާޅުވި އެވެ.
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވީ ތުރުކީ އަކީ ބަޔަކު ޓެރަރިސްޓް ހަމަލާދޭ ފަސްގަނޑަކަށް ހަދަން ފުރުސަތު ނުދެއްވާނެ ކަމަށެވެ. އެ ގައުމުގައި މިފަދަ ހަމަލާތައް އިތުރުވަމުން އަންނަ ކަމަށް ވިދާޅުވެ އުރުދުޣާން ވިދާޅުވީ ހަމަލާގެ ފަހަތުގައި ތިބި ބަޔަކު ހޯދައި މުލުން ލުހެލާނެ ކަމަށެވެ.
އުރުދުޣާން ވިދާޅުވި ގޮތުގައި ތުރުކީއަށް ދޭތެރެ ދޭތެރެއިން ޓެރަރިސްޓް ހަމަލާތައް އަމާޒުވާ ކަމަށާއި މިފަދަ ފަނާކުރަނިވި ހަމަލާތަކުގެ ފަހަތުގައި ތިބީ ހަމަ އެއް ބަޔަކު ކަމަށެެވެ. އުރުދުޣާން ތުހުމަތުކުރަނީވެސް ޕީކޭކޭ އަށެވެ.
މި ހަމަލާ ރާވައި ތަންފީޒުކުރި ގޮތް ބެލުމަށް ތުރުކީގެ ޕްރެސެކިއުޓަރުން ވަނީ އަމުރު ނެރެފަ އެވެ. އަދި މި ހަމަލާއާ ގުޅުން ހުރި ހޯދުންތަކުގައި ފުލުހުން އާންމުންނާ ސުވާލުކުރާ ކަމަށާއި އާންމުގެ ބައެއް ތަކެތި ހިފަހައްޓާނެ ކަމަށް ވަނީ އަންގާފަ އެވެ.