ތުރީއަށް އެ އަވަށުގެ ނަމުން ހައިބަތު ގެނެސްދޭ އިސްތަމްބޫލްގައި -- އާންމުކޮށް ފައިމަގުގައި ހިނގާފައި އުޅޭ ސަހައްދެއްގައި ބޮމެއް ގޮވައި ހަ މީހަކު މަރުވެއްޖެ އެވެ. މި ހާދިސާގައި އެކިވަރުގެ ޒަހަމްތަކާ އެކު ފަރުވާދޭން ޖެހުނު މީހުންގެ އަދަދު 81 ވަނީ ފަހަނައަޅާފަ އެވެ.
މިއީ ޓެރަރިޒަމް ހަމަލާއެއް ގޮތަށް ތުރުކީ ސަރުކާރުން ވަނީ ނިންމާފަ އެވެ.
ތުރުކީގެ ނައިބު ރައީސް ފުއާދު އުކުތާއީ ވިދާޅުވި ގޮތުގައި ހަމަލާ ދިން ކަމަށް ބެލެވެނީ އަންހެނެކެވެ.
ޖަސްޓިސް މިނިސްޓަރު ބިކީރު ބޮޒްދާގް ވިދާޅުވި ގޮތުގައި މަގުމަތީ އެއްފަރާތުގައި ހުރި ގޮނޑިއެއްގައި އަންހެނަކު 40 މިނެޓަށް ވުރެ ގިނައިރު ވަންދެން އިނދެ އެވެ. އޭނާ އަދި ވިދާޅުވީ ބޮންގޮވަނީ އޭނާ ހަމަ ގޮނޑިން ތެދުވާ ތަނުންނެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މި ހާދިސާ ތަހުގީގުކުރަނީ ވަކި މަންޒަރެއް ސިފަކޮށް ބޮން ގޮއްވާލަން ބޭނުން ކޮށްފާނެ އެކިއެކި އުކުޅުތައް ކަރުދާހަށް ތިލަކޮށްގެންނެވެ.
އެ ގޮތުން ދަބަހެއްގައި ހުރި ގޮވާތަކެތި ރިމޯޓަކުން ގޮއްވާލުމަކީ ވަރަށް ބޮޑަށް ބެލެވޭ އުކުޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ހެލްތު މިނިސްޓަރު ފަހުރޭތިން ކޮޖާ ވިދާޅުވި ގޮތުގައި ފަރުވާއަށް ހޮސްޕިޓަލުގައި އެޑްމިޓްކުރި މީހުންގެ ތެރެއިން 39 މީހަކު ވަނީ ދޫކޮށްލާފަ އެވެ. އޭނާ އަދި ވިދާޅުވީ އިންޓެންސިވް ކެއާގައި ތިބި ފަސް މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ވަރަށް ދެރަ -- ސީރިއަސް ކަމަށެވެ.
އިސްތަންބޫލްގެ ގަވަރުނަރު އަލީ އާލިކަޔާ ވިދާޅުވި ގޮތުގައި ތުރުކީ ހިމޭންކޮށް އޮންނާތީ ބަޔަކަށް ކަންބޮޑުވީ އެވެ. ތުރުކީ ހޯދަމުންދާ ތަރައްގީ އާއި ބައިނަލްއަގުވާމީ ދުނިޔޭގައި ވިދަން ފެށުން ބަޔަކަށް ޒަހަރަކަށް ވެސް ވީ އެވެ.
ތުރުކީގެ ރައީސް ރަޖަބް ތައްޔިތު އުރުދުޣާން ޖީ20 ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް އިންޑޮނީޝިއާއަށް ފުރާ ވަޑައިގަތުމުގެ ކުރިން މި ހާދިސާއާ ބެހޭ ގޮތުން ވާހަކަދެއްކެވި އެވެ.
އުރުދުޣާން ވިދާޅުވި ގޮތުގައި ހަމަލާއިން ދުވަނީ ޓެރަރިޒަމްގެ ވަސް ކަމަށެވެ.
އުރުދުޣާން ވިދާޅުވި ގޮތުގައި ހީލަތްތެރިން ބޮނދާ ތިބޭނެ ކަމެއް ނެތެވެ. ތިބި ތަނަކުން ނެރެ ތިލަފަތަށް ލާނެ ކަމަށް ވެސް ވިދާޅުވެ އިންޒާރު ދެއްވި އެވެ.