ދީން

ރަމަޟާންމަހާ ވަކިވެދާހިނދު ހެޔޮ ނިމުމަކަށް އެދުން

އިންސާނާ މިދުނިޔޭގައި ވޭތިކުރާ އަހަރުތަކާއި މަސްތަކާއި ދުވަސްތަކަކީ މާތް ﷲއޭނާގެ މައްޗަށް ކަނޑައަޅުއްވާފައިވާ އަޖަލެވެ. އަޖަލު ހަމަވުމުން މިތަނުން ވަކިވެގެން ދާންޖެހިދެއެވެ. ކޮންމެ ނަފްސަކަށް އޮތީ މިޙުކުމެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿كُلُّ نَفْسٍ ذَآئِقَةُ الْمَوْتِ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ فَمَن زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ وَما الْحَيَاةُ الدُّنْيَا إِلاَّ مَتَاعُ الْغُرُورِ﴾ (آل عمران: 185) މާނައީ: "ކޮންމެ ނަފްސަކީވެސް، މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި، (ތިޔަބައިމީހުން ކުޅަ ޢަމަލުތަކަށް) ތިޔަބައިމީހުންނަށް ފުރިހަމަޔަށް ޖަޒާ ދެއްވާނެކަން ކަށަވަރީ، ޤިޔާމަތް ދުވަހުންނެވެ. ފަހެ، ނަރަކައިން އެއްކިބާކުރައްވައި، ސުވަރުގެޔަށް ވެއްދެވި މީހާ (ދަންނާށެވެ!) ފަހެ، އެމީހަކު ނަސީބު ލިބިގެންފިކަން ކަށަވަރެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެއްޗެއްކަމުގައި މެނުވީ، ދުނިޔޭގެ ދިރިއުޅުން ނުވެއެވެ."

މި ދުނިޔެއާ ވަކިވެގެން ދާންޖެހުމަކީ ހުރިހާ މަޚްލޫޤުންގެ މައްޗަށް ލިޔުއްވާފައިވާ ކަމެކެވެ. ކުޑަކުއްޖެ، ބޮޑު މީހެއް، މުއްސަންޖެއް، ފަޤީރެއް، ގަދަފަދަ މީހެއް، ބަލިކަށި މީހެއްގެ ތަފާތެއް ނެތެވެ. ބުއްދިވެރިޔާއަކީ ހެޔޮ ނިމުމެއް އަދައިގެން މަސައްކަތްކުރާ މީހާއެވެ. އަދި އާޚިރަތުގައި މާތް ﷲ ގެ ކުރިފުޅުމަތީގައި ހުއްޓި ހުންނަންޖެހޭނޭކަން ހަނދާންނުގައި ބަހައްޓައިގެން ދިރިއުޅުން ވޭތިކުރާ މީހާއެވެ. އަލުން ދިރުއްވުންވަނީ އެ ކަމެއްގައި ޢުމުރު ހޭދަކޮށްލި ޢަމަލެއްގެ މަތީގައެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. «يُبْعَثُ كُلُّ عَبْدٍ عَلَى مَا مَاتَ عَلَيهِ». رواه مسلم. މާނައީ: "ކޮންމެ އަޅުކުވެސް، މަޙުޝަރަށް ފޮނުވާހުށީ، އެ މީހަކު އެކަމެއްގެ މަތީގައި މަރުވި ކަމަކާއިގެންނެވެ."

ހެޔޮ ޢަމަލުތަކުގެ މަތީގައި މަރުވެއްޖެ މީހާ މަޙުޝަރު ކުރެއްވޭނީ ހެޔޮ ޢަމަލުކުރާ ހާލުގައެވެ. ރިވާވެގެންވެއެވެ. އިޙްރާމް ބަނދެގެން ހުންނަވަނިކޮށް ސަވާރީން ވެއްޓިވަޑައިގެން، އޭގެ ދަށުވެގެން އަވަހާރަވި ޞަޙާބީ އެއް ހިނެވުމުގައި، މީރުވަސްދުވާ އެއްވެސް ބާވެތެއް ބޭނުން ނުކުރުމަށް ކީރިތި ރަސޫލާ صلى الله عليه وسلم އަމުރު ކުރެއްވިއެވެ. އެއީ އެބޭކަލަކީ އިޙްރާމް ބަނދެގެން ހުންނެވި ބޭކަލެއްކަމުގައިވާތީއެވެ. އަދި އެބޭކަލަކު މަޙްޝަރު ކުރެއްވޭހުށީ ތަލްބިޔާ ކިޔާ ހާލުގައި ކަމުގައިވެސް ޙަދީޘް ކުރެއްވިއެވެ.

ހަމައެފަދައިން، ރިބާގެ މުޢާމަލާތްތަކުގައި އުޅޭ މީހާ، މަޙްޝަރު ކުރެއްވޭހުށީ ޖިންނި މޮޔަވެފައިވާ މީހެއް ފަދައިންކަމުގައި އަލްބަޤަރާ ސޫރަތުގެ 275 ވަނަ އާޔަތުގައި ވަނީ އަންގަވާފައެވެ. އެއީ މާތް ﷲ ނަހީކުރެއްވި ރިބާގެ މުޢާމަލާތުގެ މަތީގައި އޭނާގެ ޙަޔާތް ވޭތިކޮށްލިކަމަށްޓަކައެވެ. ވީމާ، ކޮންމެ މީހަކުވެސް އަލުން ދިރުއްވައި މަޙްޝަރު ކުރެއްވޭނީ، އޭނާ ކޮށްއުޅުނު ޢަމަލެއްގެ މަތީގައިކަން ޤުރްއާނާއި ސުންނަތުން ސާބިތުވެއެވެ.

ހެޔޮ ނިމުން ނުވަތަ، ޙުސްނުލް ޚާޠިމާއަކީ އެންމެހާ ޞާލިޙު ބޭކަލުންގެ އުއްމީދެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿وَوَصَّى بِهَا إِبْرَاهِيمُ بَنِيهِ وَيَعْقُوبُ يَا بَنِيَّ إِنَّ اللّهَ اصْطَفَى لَكُمُ الدِّينَ فَلاَ تَمُوتُنَّ إَلاَّ وَأَنتُم مُّسْلِمُونَ﴾ (البقرة: 132) މާނައީ: "(މާތް ﷲ އަށް ކިޔަމަންގަތުމުގެ މައްޗަށް) އިބްރާހީމްގެފާނު އެކަލޭގެފާނުގެ ދަރިދަރިކަލުންނަށް ވަޞިއްޔަތް ކުރެއްވިއެވެ. އަދި ޔަޢްޤޫބު ގެފާނުވެސް މެއެވެ. އޭ އަހުރެންގެ ދަރިންނޭވެ! ހަމަކަށަވަރުން، ﷲ ތިޔަބައިމީހުންނަށްޓަކައި ދީން ހޮއްވަވައި ޚިޔާރު ކުރައްވައިފިއެވެ. ފަހެ، (އެކަލާނގެއަށް) ކިޔަމަންވެތިބޭ ޙާލުގައި މެނުވީ، ތިޔަބައިމީހުން މަރުނުވާށެވެ!"

މުއުމިނު އަޅުތަކުންގެ ލަނޑުދަނޑިއަކީވެސް ހެޔޮ ނިމުމެއް ޙާޞިލުކުރުމެވެ. މުއުމިނުތަކުންގެ ދުޢާގެ ޢިބާރާތްތަކެއް އަންގަވައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿رَّبَّنَا إِنَّنَا سَمِعْنَا مُنَادِياً يُنَادِي لِلإِيمَانِ أَنْ آمِنُواْ بِرَبِّكُمْ فَآمَنَّا رَبَّنَا فَاغْفِرْ لَنَا ذُنُوبَنَا وَكَفِّرْ عَنَّا سَيِّئَاتِنَا وَتَوَفَّنَا مَعَ الأبْرَارِ﴾ (آل عمران: 193) މާނައީ: "އަޅަމެންގެ ވެރިރަސްކަލާކޮ! އީމާންވުމަށް ގޮވާލައްވާ ރަސޫލަކު ތިޔަބައިމީހުންގެ ވެރިރަސްކަލާނގެޔަށް އީމާންވާށޭ ގޮވާލައްވާ އަޑު، ހަމަކަށަވަރުން، އަޅަމެން އެހީމުއެވެ. ދެން، އަޅަމެން އީމާންވީމުއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! ފަހެ، އަޅަމެންނަށް އަޅަމެންގެ ފާފަތައް ފުއްސަވާނދޭވެ! އަދި، އަޅަމެންގެ ކިބައިން އަޅަމެންގެ ކުށްތައް ޢަފޫ ކުރައްވާނދޭވެ! އަދި، ހެޔޮލަފާ މީހުންނާއެކު އަޅަމެން މަރުގަންނަވާނދޭވެ!"

ހެޔޮ ނިމުމެއް ދެއްވުމަށް އެދިލެއްވުމަކީ ނަބީބޭކަލުންގެ ދުޢާފުޅުތަކުގެ ތެރެއިން ހިމެނޭ ކަމެއްވެސް މެއެވެ. ޔޫސުފް ޢަލައިހިއްސަލާމްގެ ކުރެއްވި ދުޢާގެ ތެރެއިން މާތް ﷲ ވަޙީކުރައްވާފައެވެ. ﴿رَبِّ قَدْ آتَيْتَنِي مِنَ الْمُلْكِ وَعَلَّمْتَنِي مِن تَأْوِيلِ الأَحَادِيثِ فَاطِرَ السَّمَاوَاتِ وَالأَرْضِ أَنتَ وَلِيِّي فِي الدُّنُيَا وَالآخِرَةِ تَوَفَّنِي مُسْلِماً وَأَلْحِقْنِي بِالصَّالِحِينَ﴾ (يوسف: 101) މާނައީ: "އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެ ތިމަންއަޅާއަށް ވެރިކަން ދެއްވީމުއެވެ. އަދި ހުވަފެންތައް މާނަކުރަން ދަސްކޮށްދެއްވީމުއެވެ. އިސްވެދިޔަ މިސާލަކާނުލައި، އުޑުތަކާއި، ބިން ހެއްދެވި ރަސްކަލާކޮ! ދުނިޔެއާއި، އާޚިރަތުގައި މިއަޅާގެ އެހީތެރިއަކީ، އިބަރަސްކަލާނގެއެވެ. މުސްލިމެއްގެ ގޮތުގައި މިއަޅާ މަރުގަންނަވާނދޭވެ! އަދި ޞާލިޙުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ!"

ހެޔޮ ނިމުމެއް އެދޭނަމަ ތައުޙީދުގެ މަތީގައި، ޝިރުކުން ބަރީޢަވެގެންވާ ޙާލު ދިރިއުޅުން ވޭތިކުރާށެވެ. އަދި ދުލުން ކިޔާ އެންމެ ފަހު ބަސްތަކަކީވެސް މާތް ﷲ ގެ އެއްކައުވަންތަކަމަށް އިޤްރާރުވުމުގެ ކަލިމަތައް ކަމުގައި ވޭތޯ ގަދައަޅާ މަސައްކަތްކުރާށެވެ. އެމީހެއްގެ އެންމެ ފަހު ބަސްތަކަކީ لا إله إلا لله ކަމުގަވެއްޖެ މީހާ ސުވަރުގެ ވަންހުށިކަމުގައި ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ޙަދީޘް ކުރައްވާފައެވެ.

ހެޔޮ ނިމުމެއް އެދޭނަމަ ކުޅަދާނަވެގެންވީ މިންވަރަކަށް ހެޔޮ ޢަމަލު ކުރުންމަތީ ދެމިހުންނަޖެހެއެވެ. ނަމާދު ޤާއިމު ކުރުމުގައެވެ. ޞަދަޤާތް ކުރުމުގައެވެ. ޙަލާލުތަކެތި ކައިބޮއެ އުޅުމުގައެވެ. ދޫރައްކާތެރި ކުރުމުގައެވެ. އެންމެހާ ފާޙިޝް ޢަމަލުތަކުން އެއްކިބާވުމުގައެވެ. ހެޔޮ ކަންކަމުގައި ވާގިވެރިވުމުގައެވެ. ރަޙިމުގެ ގުޅުން ޤާއިމުކުރުމުގައެވެ. މައިންބަފައިންނަށް ކިޔަމަންގަތުމުގައެވެ. އަވައްޓެރިންނަށް ހެޔޮ ފޯރުވުމުގައެވެ. މީސްތަކުންނަށް ތުރާތަކާއި އުނދަގޫ ކުރުމުން އެއްކިބާވުމުގައެވެ. މިއީ ހައްތަހާވެސް ޞާލިޙު ޢަމަލެވެ.

ރަމަޟާންމަހާއި އެނޫންވެސް މައްސަރުތަކުގައި މިފަދަ ހެޔޮ ޢަމަލުތައް ދޫކޮށްލައިގެން ނުވާނެއެވެ. ހެޔޮކަމުގެ މަތީގައި ދެމިހުރެ ހެޔޮ ނިމުމެއް ދެއްވަތްތޯ ދުޢާކުރަންވާނެއެވެ. ރަމަޟާންމަހުގެ ފަހު ދިހައެއްގެ ރޭތަކަކީ އެ މައްސަރުގެ އެންމެ ހެޔޮ ރޭތައް ކަމުގައި ލެއްވުމުގެ ފަހަތުގައިވާ މަތިވެރި ޙިކްމަތަކީ މިއީއެވެ. އެމައްސަރުގެ ފެށުމެކޭ އެއްފަދައިން މަސް ނިމިގެންދާންދެއްވެސް ހިތްވަރާ އަޒުމާއެކު ހެޔޮކަމުގައި ދެމިތިބުމެވެ. ހަމައެފަދައިން، ޝައްވާލު މަހުގެ ހަރޯދައާއި ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހައާއި، މުޙައްރަމަހުގައި އަންނަ ޢާޝޫރާ ދުވަހުގެ ރޯދައިގެ ފަހަތުގައިވާ ޙިކްމަތަކީވެސް މިއީއެވެ. ހެޔޮ ކަމުގެ މަތީގައި މުޅި އަހަރު ވޭތިކޮށްލުމަށް މުއުމިނު އަޅުތަކުންނަށް ފަސޭހަ ކޮށްދެއްވުމެވެ. ވީމާ، ހެޔޮ ކަމުގެ މަތީގައި މުޅި އުމުރު ހޭދަކޮށްލައި ހެޔޮ ނިމުމެއް ދެއްވަތްތޯ ދުޢާކުރާށެވެ.