އަދާލަތު ޕާޓީ

ވަގަށް މެންބަރުން ނުވައްދަން، ބޭނުންވެއްޖެނަމަ ވަކިކޮށްދޭނެ: އަދާލަތު

އަދާލަތު ޕާޓީގެ ދަފްތަރުގައި ނަން ހިމަނަން އެދި އެ ޕާޓީއަށް ލިބޭ ފޯމްތައް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަމަށް އެ ޕާޓީން ބުނެފި އެވެ.

އަދާލަތު ޕާޓީން މިހެން ބުނެފައިވަނީ ޕީޕީއެމްގެ މެންބަރުންގެ ގޮތުގައި ތިބި ބަޔަކު "ވަގަށް" އަދާލަތު ޕާޓީއަށް ވައްދާފައިވާ މައްސަލައެއް ފެންމަތި ވެފައިވަނިކޮށެވެ. އެ މައްސަލަ ފެންމަތި ކުރީ އަދާލަތަށް "ވަގަށް" ވެއްދި ކަމަށް ބުނާ އާއިލާ އިންނެވެ. އެ އާއިލާ އިން ވަނީ އެ މައްސަލަ ޕީޕީއެމަށް ހުށައަޅާފައެވެ. އަދި ޕީޕީއެމުން ވަނީ މައްސަލަ ޝަރީއަތަށް ގެންދަން ނިންމާފައެވެ.

އެކަމާ ގުޅޭގޮތުން އަދާލަތު ޕާޓީން ބުނީ އަދާލަތު ޕާޓީގެ ދަފްތަރުގައި ނަން ހިމަނަން އެދި އެ ޕާޓީއަށް ލިބޭ ފޯމްތައް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ގަވާއިދާ އެއްގޮތަށެވެ. އެ ގޮތުން ފުރިހަމަ ކުރަން ޖެހޭ ހުރިހާ އިޖްރާއަތްތަކެއް ފުރިހަމަ ކުރާ ކަމަށް ބުންޏެވެ.

"މި ޕާޓީއަށް ލިބޭ ފޯމް އެއް އެއީ ސައްހަ ނޫން ފޯމްއެއް ކަން އެނގިއްޖެ ނަމަ ނުވަތަ އެއްވެސް ފަރާތެއްގެ ނަން އުނިކުރުމަށް ހުށައަޅުއްވައިފިނަމަ އެ ފަރާތެއްގެ ނަން މި ޕާޓީގެ ދަފްތަރުން މިހާރުވެސް އަންނަނީ އުނިކުރަމުން،" އަދާލަތުން ބުންޏެވެ.

ޕީޕީއެމުން ބުނެފައިވަނީ ޕީޕީއެމްއަށް ސޮއިކޮށްފައިވާ އާއިލާ އެއް އަދާލަތު ޕާޓީއަށް އެމީހުންނަށް ނޭނގި ވައްދާފައިވާތީ އެ އާއިލާ އިން އެ މައްސަލަ ޕީޕީއެމަށް ހުށައަޅާފައިވާ ކަމަށެވެ. އަދި އަދާލަތުން ހުށައަޅާފައިވާ ފޯމުގައި ގުޅޭނެ ކަމަށް ބުނެފައިވަނީ ރަޖިސްޓްރީ ކޮށްފައިވާ ނަމްބަރެއްވެސް ނޫން ކަމަށެވެ. އަދި ހެކިންގެ ގޮތުގައި ސޮއި ކޮށްފައިވާ މީހުންގެ ނަމްބަރަށް ގުޅުމުން އެއީ ވެސް އޮޅުވާލައިގެން ލިޔެފައިވާ ނަމްބަރު ތަކެއްކަން ސާފުވެފައިވާ ކަމަށެވެ.

"އެބޭފުޅުންގެ ފިންގާ ޕްރިންޓާއި ފޯމުގައި ޖަހާފައިވާ ފިންގާ ޕްރިންޓާއި ދިމާނުވޭ. މިއީ އަދާލަތު ޕާޓީއިން ކޮށްފައިވާ ބޮޑު ވައްކަމެއް. މި މައްސަލަ ޕީޕީއެމުން ކޯޓަށް ހުށައަޅާނަން،" ޕީޕީއެމުން ބުންޏެވެ.