އަހުމަދު ޝިޔާމް

އަދާލަތަކީ ދެތިން މީހެއްގެ މަންފާއަށް ގެންގުޅޭ ނަމެއް: ޝިޔާމް

އަދާލަތު ޕާޓީއަކީ ދެތީން މީހެއްގެ ސިޔާސީ މަންފާއަށް ގެންގުޅޭ ނަމެއް ކަމަށާ އެކަން ނުދަންނަ ރައްޔިތަކު ނެތް ކަަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމް މިހެން ވިދާޅުވީ ބަޔަކު މީހުން ކިތަންމެ ވަރަކަށް ނުރުހުނަސް އަދާލަތު އޮތީ ކުޑަކޮށްވެސް ފަހަތަށް ޖެހޭ ގޮތަކަށް ނޫން ކަމަަށާ އަދި އިސްލާމް ދީނުގެ ފުރިހަމަ މަފްހޫމްގައި ސިޔާސީ މަސައްކަތުގައި އަދާލަތު ދާނީ ބާރަށް ކުރިއަށް ކަމަަަށް ވިދާޅުވެ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ. އިމްރާން މި ޓްވީޓް ކުރެއްވީ އަދާލަތު ބުރުސޫރަ ރީތި ކުރުމަށް އޭގެ ކުރީން ކުރެއްވި ދެ ޓްވީޓަކަށް ސިޔާސީ ބޭފުޅުންނާއި އާންމުންގެ ވަރަށް ބޮޑު ފާޑުކިޔުމެއް އަމާޒުވުމުންނެވެ.

އިމްރާންގެ ވާހަކަތަކަށް ރައްދު ދެއްވާ ޝިޔާމް ވަނީ ސަރުކާރުގައި އެލިގަނެގެން އަދާލަަތު އޮންނަތާ ހަތަރު އަހަރުވީއިރު އިސްލާމް ދީނަށް ފުރައްސާރަކޮށް މާތް ނަބިއްޔާއަށް ހަޖޫ ޖެހިއިރު އަދާލަތު އޮތީ ހިމޭނުން ކަން އިމްރާނަށް ހަނދާން ކޮށް ދެއްވާފައެވެ. ޝިޔާމް ވިދާޅުވި ގޮތުގައި އަދާލަތު ޕާޓީއަކީ ދެ ތިން މީހެއްގެ މަންފާއަށް ގެންގުޅޭ ނަމެކެވެ. އެކަން ދިވެހިރައްޔިތުންނަށް މިއަދު ސާފު ކަމަށް ވިދާޅުވިއެވެ.

"... ދެހާސްތޭވީސް ކައިރިވާތީ ޕާޓީއަށް [އަދާލަތަށް] ވަގަށް މެންބަރުން ހަމަކޮށްގެން ތިމަންނާ އެބަ ހުރިކަން އަންގަން ތިޔަ ކެހެނީ ކަރު،" ކުއްލި ގޮތަކަށް ސިޔާސީ ކަންކަމާއި ގުޅޭގޮތުން އިމްރާން ޓްވީޓް ކުރައްވަން ފެއްޓެވުމުން ޝިޔާމް ވިދާޅުވިއެެވެ.

ދެހާސްފަސްވަނަ އަހަރުން ފެށިގެން މިހާތަނަށް އިސްލާމްދީނަށް އެންމެ ބޮޑު ހިދުމަތެއް ކުރީ އަދާލަތު ޕާޓީން ކަމަަށް ވިދާޅުވެ އިމްރާން ކުރެއްވި ޓްވީޓާއި ގުޅިގެން އޭނާއާ އަދާލަތަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. ރާއްޖޭގައި އިސްލާމް ދީނާ ހިލާފު އަމަލުތައް ފާޅުކަން ބޮޑުކޮށް މިހާ ގިނަވެފައިވާ ދުވަސްވަރެއް މިފަހުން ނާދެ އެވެ. އެ ހުރިހާ ކަމެއް ހިނގާއިރު އިމްރާން ހުންނެވީ އެހުރިހާ ކަމެއްގެ ބޮޑު ޒިންމާއެއް ވެސް އޮތް ދާހިލީ ވުޒާރާގެ ވަޒީރު ކަމުގަ އެވެ. އަދި އަދާލަތުގެ ރައީސް ކަމުގެ މަގާމުގަ އެވެ. ނަމަވެސް ރާއްޖޭގައި ހިނގައިދާ ދީނާ ހިލާފު ކަން ކަމާ ދެކޮޅަށް އަދާލަތުގެ ދައުރެއް ނެތެވެ. އަދި ހޯމް މިނިސްޓަރު ކަމުގައި ހުންނަވައި އިމްރާން އެއިން އެއްވެސް ކަމަކާ ދެކޮޅު ހައްދަވާފައެއް ނުވެއެވެ.