މާލެ ސިޓީގައި މަދިރި ގިނަވެ ފޮގް ކުރަން ފަށައިފި އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މިދުވަސްވަރު ޑެންގީ ހުމުގެ ކޭސްތައް އިތުރުވަމުންދާތީ ހާއްސަ ސަމާލުކަމެއް ދީގެން ފޮގް ކުރުމުގެ މަސައްކަތް މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން ކުރަމުން ގެންދާ ކަމަށެވެ. މި ދުވަސްވަރު ރާއްޖޭގައި ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރާ އަދަދު އިތުރުވާތީ އެކަމަށް ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންވެސް ވަނީ އެދިފައެވެ.
މާލެ ސިޓީ ކައުންސިލްގެ ކޮންމެ ދުވަހެއްގެ މަސައްކަތް ތަކުގެ ތެރޭގައި މަދިރި އުފެދޭ ގޮތަށް ހުންނަ ތަންތަން ބަލާ ފާސްކުރުން ހިމެނެ ކަމަށާ އަދި މަދިރި އުފެދޭ ގޮތަށް ހުންނަ ތަންތަނަށް މަދިރި ބޭސް އެޅުމާއި އެފަދަ ތަންތަން ނައްތާލުމުގެ މަސައްކަތް ވެސް ކައުންސިލްގެ ދުވަހުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
މަދިރި ކޮންޓްރޯލް ކުރުމުގެ ގޮތުން މިދުވަސްވަރު ހާއްސަ ސަމާލުކަމެއް ދީގެން މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ މަސައްކަތް ތަކުގެތެރޭގައި މާލެ އާއި ވިލިމާލެ ހިމެނޭހެން އެކި ސަރަހައްދުތަކަށް ބަހާލައިގެން ފޮގް ކުރުމާއި މަދިރި އުފެދޭގޮތަށް ހުންނަ ތަންތަން ނައްތާލުމުގެ މަސައްކަތް ހިމެނޭ ކަމަށް ބުންޏެވެ.