ފައްޔާޒް އިސްމާއީލް

ކޮރަޕްޝަންގެ ލިސްޓަކު ފަޔާގެ ނަމެއް ނެތް: ގަފޫރު

Apr 29, 2022
2

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކޮށް ދައުލަތުގެ އިދާރާތަކުން ނެރެފައިވާ އެއްވެސް ރިޕޯޓެއްގައި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަމުން ގެންދަވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ނަން ނެތް ކަމަށް އެމްޑީޕީގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

ގަފޫރު މިހެން ވިދާޅުވެފައި މިވަނީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅޭ ރިޕޯޓް އެމަނިކުފާނުގެ އަތްޕުޅުގައި އެބައޮތް ކަމަށާއި އެ ރިޕޯޓް ހާމަކުރައްވަން ޖެހިދާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވާފައި ވަނިކޮށެވެ.

ފައްޔާޒުގެ ކެމްޕޭން ޓީމުން ތުހުމަތު ކުރާ ގޮތުގައި އެމްއެމްޕީއާރްސީގެ ރިޕޯޓޭ ވިދާޅުވެ ރައީސް ނަޝީދު އިންޒާރު ދެއްވީ ފައްޔާޒު އަށެވެ.

ރައީސް ނަޝީދުގެ ވާހަކަތަކާ ގުޅިގެން މެންބަރު ގަފޫރު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އުފެއްދެވި ރިޔާސީ ކޮމިޝަން -- އެސެޓް ރިކަވަރީ ކޮމިޝަނުންނާއި އަދި އެހެން އިދާރާ އަކުން އެކުލަވާލި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ރިޕޯޓްތަކުގައިވެސް މިނިސްޓަރު ފައްޔާޒުގެ ނަން ނެތް ކަމަށެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅޭ ރިޕޯޓް އޭނާގެ އަތުގައިވެސް އެބައޮތް ކަމަށާއި އެ ރިޕޯޓުގައިވެސް އަދި އެހެން ރިޕޯޓެއްގައި ވެސް ފައްޔާޒާ ގުޅުންހުރި ކޮރަޕްޝަނެއް ނެތް ކަމަށެވެ.

ގަފޫރު ވިދާޅުވީ ވާދަވެރި ފަރާތްތަކުން މިނިސްޓަރު ފައްޔާޒަށް ވާދަވެރިން ފާޑުކިޔަމުންދާ މަގުސަދު އެނގިވަޑައިގަންނަވާ ކަމަށާއި، ފައްޔާޒަށް ތާއީދުކުރައްވައިގެން އެ ބޭފުޅުން ތިއްބެވީ ވާދަވެރިންގެ ލައްކަ ކަންކަން އެނގިވަޑައިގަންނަވާތީ ކަމަށެވެ.

"އަޅުގަނޑުމެން އެކަންކަން ފޮރުވާފައެއް ނޫން ނިކުމެ މިއުޅެނީކީ. އަޅުގަނޑުމެންނަށް ނެތޭ ފެންނާކަށް [ފަޔާގެ ނަމެއް]. ހަމަ ފަޔާގެ އެއްވެސް ކަމެއް އަޅުގަނޑުމެންނަށް މިހާތަނަށް ފެންނަން ނެތުނީމާ އަޅުގަނޑުމެން މިބުނަނީ ފަޔާގެ ކޮރަޕްޝަން ކޭސްއެއް ނެތޭ ފެންނަން. އަޅުގަނޑުމެން އަތުގައި އެބަހުރި މާލިއްޔަތު ކޮމެޓީގެ ހުރިހާ ޑޮކިއުމަންޓެއް. އަދި ނުވިތާކަށް 241 ކޮމެޓީގެ ހުރިހާ ލިޔެކިޔުންތަކެއްވެސް އެބަހުރި. އަޅުގަނޑުމެން އަތުގައި އެބަހުއްޓޭ އެމްއެމްޕީއާރްސީ ތިލިސްޓުގައި ހިމެނޭ ބޭފުޅުންނާއި މިހުރިހާ އެއްޗަކާއި، މިހުރިހާ ޑޮކިއުމަންޓްތަކެއް އެއިން އެއްޗަކު ނެތޭ ފަޔާގެ ނަމެއް. އެހެންވީމާ ކޮރަޕްޝަނޭ ކިޔައިގެން ދެން ކޮން ވާހަކައެއް." ގަފޫރު ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި މިނިސްޓަރު ފައްޔާޒުއާ ވާދަކުރައްވަމން ގެންދަވާ މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އިމްތިޔާޒު ފަހްމީގެ ކެމްޕޭންގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވަނީ ރައީސް ނަޝީދުގެ އެންމެ އަރިސް ބޭފުޅުންނާއި ބައެއް އާއިލީ ބޭފުޅުންނެެވެ. އެހެންވެ އިމްތިޔާޒު އިންތިހާބުގައި ވާދަކުރައްވަނީ ސީދާ ރައީސް ނަޝީދުގެ ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ.

މިނިސްޓަރު ފައްޔާޒަށް ކޮރަޕްޝަންގެ ވާދަވެރިން ކުރަމުން ގެންދާއިރު އެފަދަ އެންމެ ކަމެއްގައިވެސް ހެކި ދެއްކެވުމަށް މިނިސްޓަރު ފައްޔާޒު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.