ދުނިޔެ

ލަންކާއަށް އޮތް ހައްލަކީ ހުރިހާ ޕާޓީ ހިމެނޭ ސަރުކާރެއް، އާ ބޮޑުވަޒީރެއް

ލަންކާގައި މިހާރު އުފެދިފައި އޮތް ދާޚިލީ މައްސަލަތަކަށް އޮތް ހައްލަކީ ސަރުކާރު އުވާލައި މުޅިން އާ ސަރުކާރެއް އުފެއްދުމެވެ.

އާ ސަރުކާރެއް އުފެއްދި ނަމަވެސް ރާޖަޕަކްސާ އާއީލާގެ އެކަކުވެސް ސަރުކާރުގެ މަތީ ފަންތީގައި ހިމެނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އާންމު ރައްޔިތުންގެ ގިނަ ބަޔަކު ބުނެ އެވެ.

ރައީސް ގޯޓާބޭ ރާޖަޕަކްސާ މީގެކުރިން ވިދާޅުވި ގޮތުގައި ގައުމަށް ދިމާވެފައި އޮތް ހާލަތާ މެދު ކަންބޮޑުވެ ވަޑައިގެންނެވި ނަމަވެސް މަގާމުން އިސްތިއުފާ ނުދެއްވާނެ އެވެ.

ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާ ވެސް ވަނީ ހަމަ އެމޭރުމުން ވިދާޅުވެ ސަޕޯޓަރުންނަށް ހިތްވަރު ދެއްވާފަ އެވެ. ވިދާޅުވީ އެމަނިކުފާނު އިސްތިއުފާ ދެއްވަފާނެތީ ސަޕޯޓަރުން ޖެހިލުންވާނެ ކަމެއް ނެތް ކަމަށެވެ. މަގާމުން ދުރަށް ވަޑައި ނުގަންނަވާނެ ކަމަށެވެ.

އެހެން ނަމަވެސް، އާ ބޮޑުވަޒީރަކާ އެކު އާ ސަރުކާރެއް -- ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ހުރިހާ ޕާޓީތައް ހިމެނޭ ގޮތުން، އުފައްދަން ގޯޓާބޭ އެއްބަސްވެ ވަޑައިގެންފި ކަމަށް ލަންކާ ޚަބަރުތައް ބުނެ އެވެ.

ލަންކާގެ ހާލަތު ރަނގަޅުވާން އޮތީ އާ ބޮޑުވަޒީރަކު ސަރުކާރާ ހަވާލުވެގެން ކަމަށްވާނަމަ މަޝްވަރާއަށް ތައްޔާރު ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި ޕާޓީތަކުގައި މެދުގައި ކެބިނެޓް ބަހާލުން އެންމެ ރަނގަޅު ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ގޯޓާބޭ ވިދާޅުވި ގޮތަށް ޕާޓީތަކުން ވަކި އަދަދަކަށް މެމްބަރުން ހިމަނައިގެން ކޮމެޓީއެއް އުފައްދައި ސަރުކާރެއް އެކުލަވާލުމަށް -- އާކެބިނެޓް އުފަންދަން މަޝްވަރާތައް ފަށާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.

ލަންކާގައި އިގުތިސޯދީ ހާލަތު ވަރަށް ބޮޑަށް ދަށްވެ އެކަމަށް ދެކޮޅު ހެދުމަށް އާންމުން މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުން ގެންދާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ.

ލަންކާ ސަރުކާރުން ބުނާ ގޮތުން ގައުމުގެ އިގުތިސޯދު އެހާބޮޑަށް އަޑިއަޅާލީ ކޮވިޑްގެ ސަބަބުންނެވެ. އެހެން ނަމަވެސް ސިޔާސީ ފިކުރުގެ އިދިކޮޅު މީހުން ގަބޫލުކުރާ ގޮތުގައި ލަންކާގެ އިގުތިސޯދު މިއިން ޒަމާނަކު ނުދާހާ އަޑިއަށް ދިޔައީ ސަރުކާރުން ހަރުދަނާ ޕްލޭނެއް އެކުލަވާލާފައި ނެތުމުންނެވެ.

ލަންކާއަށް ބޭނުންވާ ތެލާއި ކާބޯތަކެތި އަދި ބޭސްފަރުވާގެ ގޮތުގައި ގައުމަށް އެތެރެކުރަން ޖެހޭ ޒަރޫރީ ބާވަތްތައް އެތެރެކުރެވޭ ވަރަށް ވެސް މާލިއްޔަތުގައި ކަމެއް ނެތް ކަމަށް ސަރުކާރުން ބުނެ އެވެ.