ރައީސް އަބްދުﷲ ޔާމީން

ޗައިނާގެ ސަބަބުން ރާއްޖެއަށް އިންވެސްޓަރުންގެ ޝައުގުވެރިކަން ބޮޑު: ރައީސް

ޗައިނާގެ ވިޔަފާރިވެރިން ރާއްޖޭގައި އިންވެސްޓްކުރުމަށް ބަހައްޓަވާ ޝައުޤުވެރިކަމުގެ ސަބަބުން އެހެން ޤައުމުތަކުގެ ވިޔަފާރިވެރިން ރާއްޖޭގައި އިންވެސްޓްކުރުމަށް އިތުރަށް ބާރު ލިބިގެންދާ ކަމަށް ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ. ޗައިނާއަކީ ރާއްޖޭގެ އުމްރާނީ ތަރައްގީގައި އެންމެ ބޮޑަށް ހިއްސާވާ ފަރާތް ކަމަށް ވިދާޅުވިއެވެ.

މަނިކުފާނު މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނުގެ އަރިހަށް، ޗައިނާގެ ވައިސް މިނިސްޓަރ އޮފް ކޮމަރސް، ގާއު ޔެން، ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ޗައިނާއާ ދެމެދު ގާއިމްކުރެވިފައިވާ ގާތް ގުޅުން މިއަހަރު ފެށުނު އިރާ އަޅާބަލާއިރު ވަރަށް ބޮޑުތަން ވަރުގަދަވެފާވާކަން ފާހަގަ ކުރައްވައި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި، ޗައިނާގެ ވައިސް މިނިސްޓަރ އޮފް ކޮމަރސް މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާވަނީ ޗައިނާގެ ރައީސް ޝީ ޖިންގ ޕިންގގެ އެހީތެރިކަން ފާހަގަ ކުރައްވާ އެމަނިކުފާނު ރާއްޖޭގެ ތަރައްގީއަށްޓަކައި ކޮއްދެއްވަމުން ގެންދަވާ ކަންކަމަށް ވަރަށް އިހުލާސްތެރިކަމާއިއެކު ޝުކުރު އަދާކުރައްވާފައެވެ. އަދި ޗައިނާގެ ސަރުކާރުގެ އެހީއާއެކު މާލެއާއި ހުޅުމާލެއާ ދެމެދު ބިނާކުރާ "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް"ގެ މަޝްރޫއުއަކީ ހާއްސަކޮށް ޒުވާނުންގެ ހުވަފެންތަކާ ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫއުއެއް ކަމުގައާއި، މިވަގުތު ރާއްޖެއަށް އެންމެ ބެނުންތެރި ކަމެއްގެ ގޮތުން ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ރާއްޖޭގެ އިގުތިޞާދު ކުރިއެރުވުމަށާއި، ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރެއްވުމަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ އިގުތިޞާދު ހަރުދަނާކޮށް، ރާއްޖެއަށް އިޖްތިމާއީ ހަމަޖެހުން ގެނައުމުގައި ޗައިނާއިން އަދާ ކުރަމުންދާ މުހިންމު ދައުރަށްޓަކައި އެގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ރައީސް ޔާމީން ޝުކުރު އަދާ ކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ޗައިނާގެ ވައިސް މިނިސްޓަރ އޮފް ކޮމަރސް، ގާއު ޔެން ދެއްކެވި ވާހަކަފުޅުގައި، އެކަމަނާ ރާއްޖެ ވަޑައިގަތީ "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް"ގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ޗައިނާއިން ކަނޑައެޅުއްވި ހާއްސަ މަންދޫބުގެ ހައިސިއްޔަތުންކަމުގައި ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން އެކަމަނާ ވިދާޅުވިގޮތުގައި ބްރިޖްގެ މަޝްރޫއު ކާމިޔާބު ކުރުމުގައި ޗައިނާ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ރާއްޖެއަށް ދެމުން ގެންދާނެ ކަމުގައާއި، ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުމަށާއި ތަރައްގީއަށް ޗައިނާ ސަރުކާރުން އަބަދުވެސް އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އެކަމަނާ ދެއްވިއެވެ.

ޗައިނާގައި ދިވެހިރާއްޖޭގެ ވިޔަފާރިއާއި އިގުތިޞާދު ކުރިއެރުވުމުގެ ގޮތުން އޮފީހެއް ހުޅުވިގެން ދިއުމަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދުގައި އޮންނަ ރަޙުމަތްތެރިކަމުގެ ގުޅުމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ވައިސް މިނިސްޓަރ އޮފް ކޮމަރސް، ގާއު ޔެން އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ބްރިޖްގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ވަގުތަށް ފެށުމާއި ނިންމުމަށްޓަކައި ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލެއްވުން ވަރަށް މުހިންމުކަމުގައި ވިދާޅުވެ، މި ބްރިޖް ފުރިހަމަ ކުރުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަނެވޭނީ ދެ ގައުމުންވެސް ގުޅިގެން މަސައްކަތްކޮއްގެން ކަމުގައި ޗައިނާގެ ވައިސް މިނިސްޓަރ އޮފް ކޮމަރސް ވިދާޅުވިއެވެ. މީގެ އިތުރުން ބްރިޖް ހެދުމުގެ މަސައްކަތުގައި ދިވެހި ޒުވާނުން ތަމްރީން ކުރެއްވުމާ ބެހޭގޮތުންވެސް އެކަމަނާ، ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާ ކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުއިއްޒުއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ މުހަންމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.