ލައިފްސްޓައިލް

ފިރިހެންމީހާ ލަސްވުމުން އާއިލާގެ މީހަކާ ކައިވެނިކޮށްފި

އިންޑިޔާގައި ކުރާ ކައިވެނި ތަކުގައި ވަރަށް ތަފާތު މަޖާ ކަންތައްތައް ހިނގަ އެވެ. އެގޮތުން މިހާރު ހިނގައިގެން އުޅެނީ ވެސް ވަރަށް މަޖާ ކަމެކެވެ.

އެ ގައުމުގެ މަހަރަޝްތުރާގެ ބުލްދާނާ ޑިސްޓްރިކްޓްގައި އެޕްރީލް 22 ވަނަ ދުވަހުގެ ހަވީރު 4:00 ގައި ކުރަން އޮތް ކައިވެންޏަށް ރޭގަނޑު 8:00 ވީއިރު ވެސް ފިރިހެންމީހާ ދައްކައެއް ނުލި އެވެ.

ފިރިހެންމީހާ އާއި އޭނާގެ އެކުވެރިން ތިބި އެހެން ތަނެއްގައި ރާބޮއި މަޖާ ކުރާށެވެ. އެމީހުން މަސްތުވެފައި ތިބިވަރުން ކައިވެނިކުރާ ގަޑި ޖެހުނުއިރު ވެސް ނޭނގުނީ އެވެ.

އިންޑިއާ ޓުޑޭ އާ ވާހަކަ ދައްކަމުން ކައިވެނިކުރަން ހަމަޖެހިފައިވާ އަންހެންމީހާގެ މަންމަ ބުނީ ފިރިހެން މީހާ އާއި އެކުވެރިން ކައިވެނި ކުރާތަނަށް އައީ ރޭގަނޑު 8:00 ގެ ވެސް ފަހުން ކަމަށެވެ. އައި ގޮތަށް އައިސް އަދި ފެށީ އެތާ ތިބި އަންހެންމީހާގެ އާއިލާގެ މީހުންނާ ޒުވާބު ކުރަން ކަމަށެވެ. އެކަމާ ރުޅިއައިސްގެން އެ ވަގުތު އެތާނގައި ހުރި އާއިލާގެ ފިރިހެނަކާ އޭނާގެ ދަރިފުޅުގެ ކައިވެނި ކޮށްދިނީ ކަމަށް އަންހެންމީހާ ބުންޏެވެ.

އިންޑިއާގެ އެހެން ސަރަހައްދެއްގައި ވެސް އިއްޔެ ވަނީ މިފަދަ އިތުރު ހާދިސާއެއް ހިނގާފަ އެވެ. އެ ހާދިސާގައި އަންހެންމީހާގެ ކުރީގެ ލޯބިވެރިޔާ ވަނީ އޭނާގެ ކައިވެނި ކުރިޔަށް ދަނިކޮށް އެތަނަށް އައިސް ބަޑި ޖަހައި އަންހެންމީހާ މަރާލާފަ އެވެ.

އުއްތަރު ޕްރަދޭޝްގެ މަތުރާގެ މުބާރިކްޕޫރުގައި ހިނގި މި ހާދިސާގައި މަރުވީ ކާޖަލް ނަމަކަށް ކިޔާ ޒުވާން އަންހެނެކެވެ.

ކާޖަލްގެ ބައްޕަ ބުނި ގޮތުގައި ކައިވެނިކުރުމުގެ ގޮތުން ކަރުގައި މާފަތި އަޅުވާ ރަސްމިއްޔާތު ނިންމާފައި އޭނާގެ ދަރިފުޅު ދިޔައީ ކޮޓަރިއަށް އަލުން ރީތި ވެލާށެވެ. އެ ވަގުތު އެ ކޮޓަރިއަށް ކާޖަލްގެ ކުރީގެ ލޯބިވެރިޔާ ވަދެ އޭނާގެ ގަޔަށް ބަޑި ޖެހީ އެވެ.

ބަޑީގެ އަޑު އިވިގެން އެންމެން ދުވަމުން އައިއިރު ކާޖަލް އޮތީ ކޮޓަރިތެރެއަށް މަރުވެގެން ވެއްޓިފަ އެވެ. ފިރިހެންމީހާ ވަނީ ފިލާފަ އެވެ.