ބޮލީވުޑް

ކަރިޝްމާ ދެ ވަނަ ކައިވެންޏެއް ކޮށްފާނެތަ؟

ކަރިޝްމާ ކަޕޫރު އިންސްޓަގްރާމްގައި ކުރިޔަށް ގެންދިޔަ "އާސްކް މީ އެނީތިން" ސެޝަން އެއްގައި ފޭނަކު ވަރަށް މުހިއްމު ސުވާލެއް އޭނާ އަށް ހުށަހެޅި އެވެ. އަދި އޭނާ ވަނީ އެއްވެސް ފަސް ޖެހުމެއް ނެތި މި ސުވާލުގެ ޖަވާބު ވަރަށް ތަފްސީލްކޮށް ދީފަ އެވެ.

މި ސެޝަންގައި ކަރިޝްމާގެ ފޭން ކުރި ސުވާލަކީ އޭނާ އަލުން ކައިވެނި ކޮށްފާނެތޯ އެވެ؟ ޖަވާބުގައި ކަރިޝްމާ ބުނީ އެކަން އޭނާ ދޫކޮށްލާފައިވަނީ ވަގުތާއި ހާލަތަށް ކަމަށެވެ. މާނައަކީ ރަނގަޅު، ހިތްހަމަޖެހޭ މީހަކު ފެނިއްޖެނަމަ ކައިވެނި ކޮށްފާނޭ ނުވަތަ ދެ ވަނަ ކައިވެންޏެއް ނުކޮށް ވެސް އުމުރު ހޭދަ ކޮށްފާނޭ އެވެ.

ކަރިޝްމާ އަލަތު ކައިވެނިކުރީ 2003 ވަނަ އަހަރު އެވެ. އޭނާގެ އަލަތު ފިރިމީހާ ސަންޖޭ ކަޕޫރަކީ ވަރަށް ކުޑައިރުއްސުރެ އޭނާގެ އެކުވެރި އެކެވެ. ނަމަވެސް މި ކައިވެންޏަށް ދެ ދަރިން ވެސް ލިބުނު ފަހުން 2016 ގައި ކަރިޝްމާ ވަނީ ސަންޖޭ ކައިރިން ވަރިވެފަ އެވެ.

ވަރިއަށްފަހު ކުދިންގެ ކަސްޓަޑީ ލިބުނީ ކަރިޝްމާ އަށް ކަމުން ދެ ދަރިންނާއެކު އޭނާ ދިރިއުޅެމުން ދަނީ ވަކިންނެވެ. ދަރިން ބެލުމަށްޓަކައި ފިލްމުކުޅުމާ ދުރުގައި ގިނަ ދުވަސް ތަކެއް ހުރުމަށްފަހު މިހާރު އޭނާ ވަނީ އަލުން ފިލްމު ކުޅެން ފަށާފަ އެވެ. އަދި ރިއަލިޓީ ޝޯއެއްގެ ފަނޑިޔާރުކަން ކުރަނިކޮށް ވެސް ފެނިފައި ވެއެވެ.