ސިނަ މާލެ ބްރިޖް

ބްރިޖު އެޅުން ރައީސް ޔާމީން ފައްޓަވައިދެއްވައިފި

  • އަންނަ ސެޕްޓެމްބަރުގައި ކަނޑުގައި ކުރާ މަސައްކަތް ނިމޭނޭ
  • 2017 ސެޕްޓަމްބަރުގައި ބްރިޖްގެ މަތީ ތަނބުތައް ނިމެނޭ

މާލެއާއި ހުޅުލެއާ ދެމެދު އަޅާ "ޗައިނާ - މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" އެޅަން ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފައްޓަވައިދެއްވައިފި އެވެ. ބްރިޖް އެޅުން ރައީސް ފައްޓަވައިދެއްވީ ދަރުބާރުގޭގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައެވެ.

ބްރިޖްގެ މަސައްކަތް އިފްތިތާހު ކޮށްދެއްވީ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ސްޓޭޖްގައި ހަރުކޮށްފައިވާ ފަރުދާއެއް ރިމޯޓަކުން ކައްސަލަވާލައްވައިގެނެވެ. ފަރުދާ ކައްސަވައިލެއްވީ ރައީސް ޔާމީނާއި ޗައިނާ އިން ކަނޑައަޅާފައިވާ މަންދޫބު މެޑަމް ގައު އެވެ. އަމަލީ މަސައްކަތް އެ ބޭފުޅުން ފައްޓަވައި ދެއްވުމުން ބްރިޖުގެ މޮޑެލްއެއް ރައީސް ޔާމީނަށް މިރޭ ވަނީ ވެދުމަށް އަރުވާފައެވެ.

މިރޭގެ ރަސްމިއްޔާތުގައި މިނިސްޓާ އޮފް ހައުސިން ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ 2017 އެޕްރީލްގައި ބްރިޖްްގެ މަތީ ތަނބުތައް ޖަހާ ނިމޭނެ ކަމަށާއި ބްރިޖްގެ ފައުންޑޭޝަނުގެ މަސައްކަތަކީ ދުނިޔޭގެ ފެންވަރުގައި ވެސް ބޮޑު މަސައްކަތެއް ކަމަށެވެ. އަދި ވިދާޅުވީ އަންނަ ސެޕްޓެމްްބަރު މަހުގެ ކުރިން ކަނޑުގައި ކުރަން ޖެހޭ މަސައްކަތްތައް ނިމޭނެ ކަމަށެވެ.

ބްރިޖް މަސައްކަތް ހަވާލުކޮށްފައި ވަނީ، ޗައިނާގެ ސީސީސީސީ ސެކަންޑް ހާބަ އިންޖިނިއަރިންއާ އެވެ. ބްރިޖް މަސައްކަތް ފެށުމަށް ރާޅުގަނޑު ސަރަހައްދު އޮތީ އެކީ ބަންދުކޮށްފަ އެވެ.

އެ ކުންފުނިން ބްރިޖްގެ މަސައްކަތް ކޮށްދެނީ 200 މިލިއަން ޑޮލަރަށެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ޗައިނާގެ ހިލޭ އެހީ އެވެ. އަނެއް ބައި ދެނީ ލުއި ލޯނުގެ ގޮތުގަ އެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑިޝިޕް ބްރިޖް"ގެ ނަމުގައި އަޅާ ބްރިޖްގެ ދިގުމިނުގައި ޖުމްލަ 2 ކިލޯމީޓަރު ހުންނަ އިރު، އެއީ 20.3 މީޓަރު ފުޅާ ބްރިޖެކެވެ. ބްރިޖުގެ ދަށުން 12 މީޓަރުގެ އުސް އުޅަނދު ތަކަށް ދަތުރު ކުރެވޭއިރު މެދު ދިޔައިގައި ބްރިޖްގެ އެންމެ އުސް ހިސާބާ ހަމައަށް 20 މީޓަރު ހުންނާނެ އެވެ. ބްރިޖް ހަދަނީ އިންޓަނޭޝަނަލް ކާގޯ ސްޓޭންޑަޑްގެ ބަރުދަނަށް ވެސް ބަލައިގެންނެވެ.

"މޯލްޑިވްސް ޗައިނާ ފްރެންޑްޝިޕް" ގެ ނަން ދީފައިވާ ދެ ކިލޯމީޓަރު ދިގު، އަދި 20.3 މީޓަރު ފުޅާ ބްރިޖަކީ މި ސަރަހައްދުގައި ވެސް ހަދާ އެންމެ ރީތި ބްރިޖަށް ވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. މި ބްރިޖްގައި ބައިސްކަލް ދުއްވަން ބޭނުންވާ ފަރާތްތަކަށާއި ހިނގާފައި ބްރިޖް ހުރަސް ކުރަން ބޭނުންވާ ފަރާތްތަކަށް ވެސް ހާއްސަ މަގުތަކެއް ހަދާފައި ހުރެ އެވެ. އަދި މާލެ އާއި ހުޅުމާލެއާ ދެމެދު ދޭން ބޭނުންވާ ކަރަންޓާއި އިންޓަނެޓް ފަދަ ހިދުމަތްތައް ދެވޭނެ ގޮތަކަށް ބްރިޖް ކަންކަން ހިމަނާފައިވެއެވެ.

ބްރިޖުން 15 މިނެޓް ތެރޭގައި 6500 އަށްވުރެ ގިނަ މީހުންނަށް މާލެއިން ހުޅުލެއަށް ދެވޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ބްރިޖްގެ މަޝްރޫއަކީ މިހާރުގެ ސަރުކާރުން އެންމެ އިސްކަމެއްދީގެން ކުރިއަށް ގެންދާ މަޝްރޫއެވެ.

މާލެ،ހުޅުލެ ބްރިޖް

ބްރިޖްގެ ދިގުމިނުގައި 1.39 ކިލޯމީޓަރު
ދެ ކޮޅުގައި ހަދާ މަގުތަކާ އެކު މުޅި ބްރިޖުގެ ދިގުމިން ގާތްގަނޑަކަށް 2 ކިލޯމީޓަރަށް އަރާ
ފުޅާމިނުގައި 20.3 މީޓަރު
ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ހާއްސަ 2 ލޭން އޮންނާނެ
ސައިކަލް ދުއްވަން ދެ ލޭން އޮންނާނެ
ބައިސްކަލަށް ހާއްސަ ލޭނެއް ވެސް ހަދާނެ
ހިނގާ މީހުންނަށް ވެސް ހާއްސަ ލޭނެއް
ބްރިޖްގެ ކޮންޓްރެކްޓަރުގެ އަގަކީ 200 މިލިއަން ޑޮލަރު